ޣައިރު މުސްލިމުންގެ ޢީދުތަކާއި ޚިލާފަށް އިސްލާމީ ޢީދުތަކަކީ މާތްﷲ ޝަރްޢު ކުރައްވާފައިވާ ޢީދުތަކެއް ކަމަށް ފިޠުރު ޢީދުގެ ޚުޠުބާގައި ބުނެފިއެވެ.
ޚުޠުބާގައި ބުނީ މި ދުވަސްތައް ބަދަލުކުރުމުގެ ބާރެއް ވެސް އަދި މި ޢީދުތައް އިތުރުކުރުމުގެ ހައްގެއް ވެސް އެހެން އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ. އަދި އިސްލާމީ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޢީދު ކުރުމަށްޓަކައި ޖާހިލީ ޒަމާނުގައި އޮތް ޢީދުތައް އުވާލެއްވި ކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.
މިއަދަކީ ފިޠުރު ޢީދު ދުވަސް. ފިޠުރު ޢީދަށް ބަލާއިރު، އެއީ މާތްﷲ ފަރުޟު ކުރެއްވި ރަމަޟާން މަހުގެ ރޯދައާ ގުޅިގެން އަންނަ ޢީދެއް. ރޯދައިގެ އަޅުކަން އަދާކުރެވުނީތީ އެކަމަށް ޝުކުރުކޮށް އުފާފާޅުކުރާ ދުވަހެއް." ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ އިސްލާމީ ޢީދުތައް ފެށެނީ އިޖުތިމާޢީ ބޮޑު ބައްދަލުވުމަކުން ކަމަށާއި މިއީ މާތްﷲއަށް ޝުކުރު ކުރުމަށްޓަކައި ބޭއްވޭ ޢީދު ނަމާދުގެ ބައްދަލުވުން ކަމަށެވެ. އަދި މި ބޮޑު ބައްދަލުވުމުގެ ސަބަބުން އެއްބަޔަކު އަނެއްބަޔަކާއި ބައްދަލުވެ، ސަލާމްކޮށް ޢީދުގެ ތަހުނިޔާ ބަދަލުކުރުމުގެ ފުރުޞަތު ތަނަވަސްވާ ކަމަށް ވެސް ބުންޏެވެ.
ޢީދު ޚުޠުބާގައި އިތުރަށް ބުނީ އިސްލާމީ ޢީދުތަކަކީ އެކަމުގައި އެންމެން ބައިވެރިކުރުވަން ޖެހޭ އިޙްތިފާލުތަކެއް ކަމަށާއި އެ ދުވަސްތަކުގައި އުފާފާޅުކުރަންވީ ހަމައެކަނި ތަނަވަސްކަން ލިބިގެންވާ މީހުން ނޫން ކަމަށެވެ.
އިސްލާމީ ޢިދުތަކަކީ ޒީނަތްތެރިވުމުގެ މުނާސަބާތަކެއް ކަމަށްވާއިރު، ޢީދު ދުވަހަށްޓަކައި ހިނައިގަތުން ސުންނަތްވެގެންވަނީ އެހެންވެ ކަމަށް ވެސް ފިޠުރު ޢީދު ޚުޠުބާގައި ބުނެފައިވެއެވެ.