ރާއްޖޭގައި މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ފުރިހަމަކުރަންޖެހޭ ބައެއް ކަންކަން އަދިވެސް އެބަހުރި: ރައީސް

ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ފުރިހަމަކުރަންޖެހޭ ބައެއް ކަންކަން އަދިވެސް މުޖުމަތަޢުގައި ހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އެމަނިކުފާނު ފޮނުއްވި ޚިޠާބު ގައެވެ.

އެ މަނިކުފާނުގެ ޚިޠާބުގައި މި ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށާއި މަސައްކަތްތެރިންނާއި އެ ފަރާތްތަކުގެ ޢާއިލާތަކާއި، މަސައްކަތްތެރިންގެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރާ މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި މަސައްކަތްތެރިން އަދާކުރާ މުހިންމު ދަޢުރު ފާހަގަކުރައްވައި ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ރާއްޖޭގައި މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ފުރިހަމަކުރަންޖެހޭ ބައެއް ކަންކަން އަދިވެސް މުޖުމަތަޢުގައި ހުރިކަން ފާހަގަކުރެއްވިއެވެ.

އެގޮތުން ކޮންމެ މަސައްކަތްތެރިއަކަށް އެމީހަކު އެ ކުރާ މަސައްކަތުގެ ޙައްޤު މިންވަރު، ލިބިދެވޭކަން ކަށަވަރުކުރުމާއި މަސައްކަތް ކުރުވުމަށް ފަހުގައި އުޖޫރަ ނުދީ ލަސްކުރުމާއި، ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ނުދިނުމާއި، ފެންވަރު ދަށް ތަންތަނުގައި މުވައްޒަފުން ގެންގުޅުން ފަދަ މައްސަލަތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ކަންކަމަކީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގައި މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދީފައިވާ މިންގަނޑުތަކާއި އަސާސްތަކާ ވެސް ޚިލާފު ކަންތައްތައްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.