ފިތުރު ޢީދު ނަމާދު ވަގުތު މާލޭގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ މިގޮތަށް ނިންމީ މިއަހަރުގެ ފިތުރު ޢީދު ނަމާދު މާލޭގައި ބޮޑު ޖަމާއަތުގައި ކުރުމަށް ނިންމާފައިވާތީ ކަމަށެވެ.
އެގޮތުން މާފަންނު ސްޓޭޑިއަމްއާއި ކިންގް ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާއިރު، އެ ތިން ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސް ބައެއް މަގުތައް ވަގުތީ ގޮތުން ބަންދު ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ބޮޑު ޖަމާއަތަށް ޚާއްޞަކޮށް އަމީނީ މަގުން ބަޔަކާއި ހިލާލީ މަގުން ބައެއް ބަންދު ކުރާނެ ކަމަށެވެ. އަދި އުޖާލާ ހިނގުމުން ބަޔަކާއި ހަވީރީ ހިނގުމުން ބައެއްވެސް ބަންދު ކުރާނެ ކަމަށް ބުންޏެވެ.
މީގެ އިތުރުން މާފަތްތަކުރުފާނު މަގާއި ކުރެދި ގޯޅިން ބައެއްވެސް ބަންދު ކުރާއިރު، ބޮޑު ޖަމާޢަތަށް އަންނަ މީހުންނަށް ވެހިކަލް ޕާކުކުރެވޭނެ ސަރަހައްދުތަކާއި އަންހެނުންނާއި ފިރިހެނުން ވަނުމަށް ޚާއްޞަ ގޭޓްތައް ވެސް ވަނީ ފާހަގަކޮށްފައެވެ.
ސަލްމާން މިސްކިތް ހުންނަ ސަރަހައްދުގެ ބައެއް މަގުތައްވެސް އީދު ނަމާދު ވަގުތަށް ބަންދު ކުރުމަށް ނިންމާފައިވާއިރު، އެ ސަރަހައްދުގައި ހަތަރު ފޮރޮޅުލީ ވެހިކަލް ޕާކު ކުރުމަށް ޚާއްޞަ ސަރަހައްދެއް ވެސް ވަނީ ކަނޑައަޅާފައެވެ. އަދި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުން ބޮޑުތަކުރުފާނު މަގުން ބައެއް ވެސް ބަންދު ކުރާނެއެވެ.
މީގެ އިތުރުން އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުން ބަންދު ކުރެވޭ މަގުތަކާއި ގޯޅިތަކުގައި ހުރި ވެހިކަލްތައް ނަގަން ފުލުހުން ވަނީ އެދިފައެވެ. އަދި ޖަމާއަތަށް އަންނަ މީހުންނަށް ވެހިކަލް ޕާކު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
އެ ސަރަހައްދު ވެސް ބޮޑުތަކުރުފާނު މަގުން ބައެއް ބަންދު ކުރަން ވަނީ ނިންމާފައެވެ.
އިސްލާމީ މަރުކަޒުގައި ކުރެވޭ، 1443 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދަށް މަގުމަތީގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތުގެ ޗާޓު 👇
❌ އިން މާކްކޮށްފައިވާ ސަރަހައްދުތަކުގައި ޕާކް ކޮށްފައިވާ އުޅަނދުތައް ނެންގެވުމަށް އެންމެހާ ބޭފުޅުންނަށް ހަނދުމަފުޅުކޮށް އަރުވަން pic.twitter.com/gF7S6lQ8Ki
— Maldives Police (@PoliceMv) April 30, 2022