ޝައްވާލު މަހަށް ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މިރޭ އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާ އޮންނާނީ މިރޭ 8:30 ގައި އިސްލާމިކް މިނިސްޓްރީގައި ކަމަށެވެ.
މިޖަލްސާގައި އިސްލާމީ ޤައުމުތަކުގައި ހަނދު ސާބިތުކުރުމާ ގުޅޭގޮތުން އަމަލުކުރާ އުސޫލުތަކާއި ފަލަކީގޮތުން ހަނދު ސާބިތުކުރުމުގައި ގެންގުޅޭ އުސޫލްތަކަށް ބިނާކޮށް މިއަހަރުގެ ފިޠުރު ޢީދު ދުވަސް އިޢުލާން ކުރާނެއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގައި 30 ދުވަސް ހިމެނޭއިރު، މި އަހަރުގެ ފިޠުރު ޢީދު ދުވަހަކީ އަންނަ މަހުގެ 2 ވާ ހޯމަ ދުވަހެވެ.
މިއަދު މާލެ ސަރަހައްދަށް އިރުއޮއްސެނީ 18:11 ގައި ކަމަށްވާއިރު، ހަނދު އޮއްސެނީ 17:08 ގައި ކަމަށް ފަލަކީ ހިސާބުން ދައްކައެވެ. އެހެންކަމުން އިރުއޮއްސުމުގެ 43 މިނެޓް ކުރިން ހަނދު އޮއްސޭނެއެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އިރު އޮއްސުމުގެ މާކުރިން ހަނދު އޮއްސޭނެކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ. އެހެންކަމުން އިރު އޮއްސުމަށްފަހު ރާއްޖޭގެ އެއްވެސް ހިސާބެއްގައި ހަނދު ފެންމަތީގައި ހުންނާނެކަމަކަށް ނުދައްކައެވެ.
އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައެވެ. އަދި އަތޮޅުތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައެވެ.
މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް އަދި ރަށްރަށުގައިނަމަ އެރަށެއްގައި ކަމާބެހޭ އިދާރާއަށް އަންގަން ޖެހެއެވެ.
މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ހަނދު ސާބިތުކުރުމަށް ހެކިބަސް ދޭނީ އެރަށެއްގެ ކައުންސިލްގެ އިދާރާ ނުވަތަ އެރަށެއްގެ އަވަށު އޮފީސް ހިންގުމާ ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިފުޅުމަތީގައެވެ. ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި އަމަލުކުރަމުން އަންނަނީ ރާއްޖެއަށް ހަނދު ނުފެނިއްޖެނަމަ ފަލަކީ ހިސާބަށް ބެލުމާއި މުސްލިމު ބޮޑެތި ޤައުމަތަކަށް ހަނދު ފެނޭތޯ ބެލުމެވެ.