ބީއެމްއެލްގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މަޤާމަށް ބޭފުޅަކު ހަމަޖައްސައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.

ބީއެމްއެލް އިން ބުނީ މި މަޤާމަށް ހަމަޖައްސާފައިވަނީ ބިޝްވަޖިތު މަޒުމްދާރު ކަމަށެވެ. އަދި އޭނާއަކީ އިންޓަރނަލް އޮޑިޓިންގ، ބިޒްނަސް އޮޕަރޭޝަންސް އަދި ސްޓްރެޓެޖިކް ޕްލޭނިންގެ ދާއިރާއިން 35 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެއް ކަމަށެވެ.

ބިސްވަޖީތުގެ ޕްރޮފެޝަނަލް ކެރިއަރުގައި ގިނަ ބޭންކުތަކެއްގައި ޗީފް އޮޓިޑް މަގާމުތަކުގައި މަސައްކަތް ކުރައްވާފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ. އޭގެ ތެރޭގައި އަފްޣާނިސްތާން އިންޓަރނޭޝަނަލް ބޭންކް، ސްޓޭޓް ބޭންކް އޮފް މޮރިޝަސް، އައިއެންޖީ ބޭންކް ލިމިޑެޓް، ބެންގަލޫރު ހިމެނޭ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މީގެ އިތުރުން ސެންޓްރަލް ބޭންކް އޮފް އޮމާންގެ ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމު ވެސް ފުރުއްވާފައިވާ ބީއެމްއެލްއާ ގުޅިވަޑައިގެންނެވުމުގެ ކުރިން އޭނާ ހުންނެވީ ކާބުލްގެ ޣާޒަންފަރު ބޭންކުގެ ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމުގައި ކަމަށް ވެސް ބީއެމްއިލް އިން ބުނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ އިންޓަރނަލް އޮޑިޓިންގ ގެ ދާއިރާއާއި ކޯޕަރޭޓް ގަވަރނަންސް، ރިސްކް މެނޭޖްމަންޓް އަދި ކޮންޕްލައަންސްގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ވެސް ބިޝްވަޖިތު ހޯދާފައިވާ ކަމަށެވެ.

ބީއެމްއެލްގެ ލީޑަރޝިޕް ޓީމާ ބިޝްވަޖިތު ގުޅިވަޑައިގަތުމާ ގުޅިގެން އޭނާއަށް މަރުޙަބާ ދަންނަވާ ކަމަށާއި މި މަގާމުގައި އޭނާއަށް ކާމިޔާބަށް އެދޭ ކަމަށް ވެސް ޓިމް ވިދާޅުވިއެވެ.

ބީއެމްއެލް އިން ބުނީ ބިޝްވަޖިތު އަކީ އައިއައިއޭ، ޔޫއެސްއޭ އިން ސަޓިފައިޑް ޗީފް އިންޓަރނަލް އޮޑިޓަރު (ސީއައިއޭ)، އަދި އިންޑިއާގެ ނިއު ދިއްލީ ގެ އައިސީއޭއައި އިން ޗާޓަރޑް އެކައުންޓިންގ (އޭސީއޭ) ފުރިހަމަ ކޮށްފައިވާ ބޭފުޅެއް ކަމަށެވެ.

އޭނާ ވަނީ ކަލްކަތާ ޔުނިވަރސިޓީން އެލްއެލްބީ ހާސިލުކޮށްފައި ކަމަށާއި ޔޫއެސްއޭ އިން ސާޓިފައިޑް އިންފޯމޭޝަން ސިސްޓަމްސް އޮޑިޓަރު (ސީއައިއެސްއޭ) އަދި ސަޓިފައިޑް ފްރޯޑް އެގްޒަމިނާ (ސީއެފްއީ) ފަދަ ގުޅުންހުރި ޕްރޮފެޝަނަލް ސެޓްފިކެޓްތައް ވެސް އޭނާ ހާސިލުކޮށްފައި ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.