ޢާއިލީ 39 މައްސަލައެއް މާރޗު މަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.
އެ މިނިސްޓްރީން ނެރޭ ތަފާސް ހިސާބުން ދައްކާގޮތުގައި މި ފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 21 މައްސަލަ، ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 16 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ ދެ މައްސަލަ ހިމެނެއެވެ.
މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 28 މައްސަލަ މާރޗު މަހު ހުށަހަޅައިފައިވާއިރު، އޭގެ ތެރޭަގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 22 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 6 މައްސަލަ ހިމެނެއެވެ.
ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު، ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 6 މައްސަލަވެސް ވަނީ މާރޗު މަހު ރިޕޯޓުކޮށްފައެވެ.
މި ފަދަ މައްސަލަތަކުގެ ތެރެއިން އައި.ޑީ ކާޑު/ ޕާސްޕޯޓު/ އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާބެހޭ ދެ މައްސަލަ، އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ މައްސަލައަކާއި ވެކްސިން ނުދިނުމުގެ މައްސަލައަކާއި ތަޢުލީމަށް ހުރަސް އެޅުމުގެ މައްސަލައެއް އަދި ކުދިން ސްކޫލަށް ނުފޮނުވުމުގެ މައްސަލައެއްވެސް ހިމެނެއެވެ.
ހަމަމިއާއެކު ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 9 މައްސަލަ މާރޗުމަހު ވަނީ ހުށަހަޅައިފައިވާ ކަމަށާއި މިފަދަ މައްސަލަތަކުގެ ތެރޭގައި ރުޅި އިސްކުރުން/ ރުޅި ގަދަވެގެން އުޅުމުގެ 7 މައްސަލަ އަދި ސްކޫލަށް ދާން ބޭނުންނުވުމުގެ ދެ މައްސަލަ ހިމެނޭ ކަމަށް ތަފާސް ހިސާބުން ދައްކައެވެ. އަދި އަަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 23 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާއިރު، ޤާނޫނާ ގަވައިދާ ޚިލާފުވުމުގެ 4 މައްސަލަ ރިޕޯޓުކުރިއިރު، މި ފަދަ މައްސަލަތަކުގެ ތެރެއިން މާރާމާރީ ހިންގުމުގެ މައްސަލައެއްވެސް ހިމެނެއެވެ.
މާރޗުމަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި 200 ކުދިން ތިބިއިރު، މާރޗު މަހު12 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާ ކަމަށާއި އެއް ކުއްޖެއް ރީއިންޓަރގްރޭޓް ކުރެވި، 4 ކުއްޖަކު ފޯސްޓަރކުރެވިފައިވާ ކަމަށް ވެސް ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައެވެ.