1323 މީހުން ގޮވާމުގެ ބާވަތުން ފިތުރު ޒަކާތް ދައްކައިފި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ މިއީ މި މަހުގެ 27 ވަނަ ދުވަހާއި ހަމައަށް ގޮވާމުގެ ބާވަތްތަކުން ޒަކާތް ދެއްކި ޢަދަދު ކަމަށެވެ. އަދި 3638.3 ކިލޯގެ ގޮވާން ޒަކާތުގެ ގޮތުގައި ލިބިފައިވާ ކަމަށެވެ.
ގޮވާމުގެ ގޮތުގައި ޒަކާތް ބަލައިގަންނަނީ ހަނޑުލުގެ ބާވަތްތަކުގެ ތެރެއިން، އާދައިގެ ހަނޑޫ، ރަތް ހަނޑޫ، ބާސްމަތީ ހަނޑޫ (އާދައިގެ) ، ބާސްމަތީ ހަނޑޫ (މޮޅު)، ބާސްމަތީ ހަނޑޫ (އެންމެ މޮޅު) ،އަދި ފުށުގެ ބާވަތްތަކުގެ ތެރެއިން އާދައިގެ ފުށް އަދި އާޓާ ފުށުންނެވެ.
މިމަހުގެ 27 އާ ހަމައަށް ގޮވާމުގެ ބާވަތްތަކުން ޒަކާތްދައްކާފައިވާގޮތަށް ބަލާއިރު، އާދައިގެ ހަނޑޫ- 372 މީހުން، 892.8 ކިލޯ އާއި ރަތް ހަނޑޫ- 11 މީހުން،26.4 ކިލޯ އާއި ބާސްމަތީ ހަނޑޫ (އާދައިގެ)- 258 މީހުން، 619.7 ކިލޯ ވަނީ ދައްކާފައެވެ.
މީގެ އިތުރުން ބާސްމަތީ ހަނޑޫ (މޮޅު) – 310 މީހުން، 744 ކިލޯ އާއި ބާސްމަތީ ހަނޑޫ (އެންމެ މޮޅު) – 312 މީހުން، 748.8 ކިލޯ އާއި އާދައިގެ ފުށް – 44 މީހުން، 105.6 ކިލޯ އާއި އާޓާ ފުށް – 16 މީހުން، 38.4 ކިލޯ ވެސް ވަނީ ދައްކާފައެވެ.
ގޮވާމުން ޒަކާތް ބަލައިގަތުން މިމަހުގެ 30 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.
މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ހޯލުގައެވެ.
ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސްފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00، މެންދުރުފަހު 13:00 އިން 14:30 އަށް އަދި ރޭގަނޑު 21:00 އިން 22:30 އަށެވެ.