ޑިޕްލޮމެޓް އޮފް ދި ޔިއަރ ފްރޮމް އޭޝިއާ އެންޑް އޯޝޭނިއާ ގެ އެވޯޑް ޑރ. ފަރަހަނާޒަށް ލިބިވަޑައިގެންފި

ޑިޕްލޮމެޓް އޮފް ދި ޔިއަރ ފްރޮމް އޭޝިއާ އެންޑް އޯޝޭނިއާ ގެ އެވޯޑް އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިޒަލް އަށް ލިބިވަޑައިގެންފިއެވެ.

މި އެވޯޑް އެކަމަނާ އާ ޙަވާލުކުރައްވާފައިވަނީ، 25 އޭޕްރީލް 2022 ގައި ބޭއްވި އައި.އެޗް.ޖީ ޑިޕްލޮމެޓު އޮފް ދަ އިޔަރ އެވޯޑްސް ހަފްލާގައެވެ.

ޑިޕްލޮމެޓް އޮފް ދަ އިޔަރ އެވޯޑަކީ އިނގިރޭސިވިލާތުގައި ޤާއިމުކޮށްފައިވާ 165 އަށްވުރެ ގިނަ ޑިޕްލޮމެޓިކް މިޝަންގެ ޑިޕްލޮމެޓުންގެ ތެރެއިން ވޯޓިލައިގެން ދޭ ވަރަށް ޝަރަފުވެރި އެވޯޑެކެވެ. ކޮންމެ އަހަރަކުވެސް މި އެވޯޑު ދެނީ 10 ބޭފުޅަކަށެވެ. މިއީ މިއެވޯޑް ދޭތާ 12 ވަނަ އަހަރެވެ.

އޭޝިއާ އަދި އޯޝޭނިއާ އަކީ ގިނަ ޤައުމުތަކެއް ކަވަރުކުރާ ބޮޑު ސަރަހައްދަކަށްވާއިރު އެ ޤައުމުތަކުގެ ޑިޕްލޮމެޓުންގެ ތެރެއިން ޑރ. ފަރަހަނާޒް ފައިޒަށް މި އެވޯޑް ލިބިވަޑައިގަތުމަކީ ދިވެހިރާއްޖެ އަށް ލިބުނު ވަރަށްބޮޑު ޝަރަފެކެވެ.

މި އެވޯޑް ޙަފްލާ އިންތިޒާމުކުރައްވާފައިވަނީ "ޑިޕްލޮމެޓް މެގަޒިން" ގެ ފަރާތުންނެވެ. "ޑިޕްލޮމެޓް މެގަޒިން" އަކީ ޚަރިޖީ ދާއިރާ އާ ގުޅުންހުރި މުހިންމު މަޢުލޫމާތުތަކާއި ވާހކަތައް ޝާއިޢުކުރާ މަޝްހޫރު މަޖައްލާއެކެވެ. މިއަހަރުގެ އެވޯޑު ހަފްލާ ހުށަހަޅުއްވައިދެއްވާފައިވަނީ ބީ.ބީ.ސީ ނިއުސްގެ ޑިޕްލޮމެޓިކް ކޮރެސްޕޮންޑެންޓް މރ. ޖޭމްސް ލެންޑޭލް އެވެ.

މި އެވޯޑާއި ޙަވާލުވެވަޑައިގަތުމަށްފަހު ޑރ. ފަރަހަނާޒް ފައިޒަލް ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވަނީ އެވޯޑް ލިބިވަޑައިގެންނެވި ކަމަށްޓަކައި މާތްﷲ ގެ ޙަޟްރަތަށް ހަމްދުކުރައްވައި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރުގެ މަޤާމުގައި ހުންނަވައިގެން ރާއްޖެއަށް ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު އެކަމަނާއަށް ދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު އަދާކުރައްވާފައެވެ.

ހަމައެއާއެކު މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު އާއި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި މަސައްކަތްކުރައްވާ ޓީމަށް ވަރަށް ޚާއްސަ ޝުކުރެއް އެކަމަނާ ރައްދުކުރެއްވިއެވެ.

މީގެ އިތިރުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލު އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޔޫރަޕް ޑެސްކު އެކަމަނާގެ ޝުކުރުގެ ލިސްޓުގައި ވަކިން ޚާއްސަކޮށް ފާހަގަކުރެއްވިއެވެ. އަދި އެކަމަނާގެ އާއިލާގެ ފަރާތްޕުޅުން ލިބިޑައިގަންނަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ވެސް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.