ކުރީގެ ހޯމް މިނިސްޓަރ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވަން ތައްޔާރުވެވަޑައިގެންފިއެވެ.
އުމަރު ނަސީރު ވިދާޅުވި ގޮތުގައި އޭނާ އަންނަ ހަފްތާ ތެރޭގައި ޖޭޕީއަށް ސޮއި ކުރައްވަން ވަނީ ނިންމަވާފައެވެ. ޖޭޕީއަށް ސޮއި ކުރައްވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ޖޭޕީން ތައްޔާރުވުމަށް އެހީތެރިވުމަށް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވަނީ މީގެކުރިންވެސް ޖޭޕީއަށް ސޮއި ކުރައްވާފައެވެ. ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޖޭޕީއަށް އުމަރު ސޮއި ކުރެއްވުމަށް ފަހު ރައީސް ޔާމީން ސަރުކާރުގެ ހޯމް މިނިސްޓަރުކަން ދެއްވީވެސް އޭރު އޮތް ކޯލިޝަނުގެ ތެރެއިން ޖޭޕީއަށް ކެބިނެޓުން ދިން ޖާގައަކުންނެވެ. ނަމަވެސް ޖޭޕީން ސަރުކާރާއެކު އޭރު އޮތް ކޯލިޝަނުން ޖޭޕީ ވަކިވުމާއެކު އުމަރު ވަނީ ޖޭޕީން ވަކިވެވަޑައިގެންފައެވެ.
އުމަރު ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރައްވަން ކުރިން ނިންމެވި ނިންމުން ބަދަލު ކުރާނީ އެންމެ ގޮތެއްގެ މަތިން ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ކުރިމަތި ލައްވާނަމަ އިންތިޚާބުގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެވަޑައިގަތުމަށް ނިންމެވި ނިންމެވުން ބަދަލު ކުރައްވައި މަޑު ޖައްސާލައްވާނެއެވެ. ނަމަވެސް އިންތިޚާބުގައި ގާސިމް ވާދަނުކުރައްވާނަމަ އުމަރު ވާދަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ޖޭޕީއަށް ސޮއި ކުރެއްވި ނަމަވެސް އިދިކޮޅު އިއްތިހާދުގެ ބައްދަލުވުން ތަކަށް ވަޑައިގަތުމާމެދު އުމަރު ވަކި އެއްޗެއް އަދި ވިދާޅުނުވެއެވެ. މިހާތަނަށް އައިއިރު އިދިކޮޅު އިއްތިހާދުން އުމަރު ފެނިފައެއް ނުވެއެވެ.