ބ. ފޮންފަނު ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އާ ހިއްސާކޮށްފިއެވެ.
މިކަން ހިއްސާކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބ. އަތޮޅު ދޮންފަނު ކައުންސިލަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި އެރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި ރަށުން އިތުރު ގޯތިދޫކުރުމާއި ވޭސްޓްމެނޭޖްމަންޓް ސެންޓަރު ބޭނުންކުރުމުގައި ކުރިމަތިވާ ބައެއް ދަތިތަކާއި ކައުންސިލް އިދާރާއާއި ސްކޫލާއި ހެލްތު ސެންޓަރުގެ ޖާގައިގެ ދަތިކަމާއި ސްކޫލާއި ހެލްތު ސެންޓަރުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭނުންވާކަންކަމާއި އަދި ޒުވާނުންނަށް ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރަށުގެ ރައްޔިތުން ޕިކްނިކް ގޮސްހަދާނެ ރަށެއްގެ ގޮތުގައި ހަނިފަރު ހަމަޖެއްސުމާއި ގުޅޭގޮތުންނާއި އަދި ރަށުގެ ތަރައްޤީއަށް މުހިންމު އިތުރުކަންކަމާ ގުޅޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދޮންފަނުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ކައުންސިލަރުންނާއި މަޝްވަރާކުރައްވައި މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ހިއްސާ ކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.