ކުރު މުއްދަތެއްގައި ދިވެހި އަސްކަރިއްޔާއަށް މިގެނައި ކުރިއެރުންތަކުގެ ފަހަތުގައިވަނީ ރައީސް ސާލިހު: މިނިސްޓަރ މާރިޔާ

ކުރު މުއްދަތެއްގެ ތެރޭގައި ދިވެހި އަސްކަރިއްޔާއަށް މިގެނައި ކުރިއެރުންތަކުގެ ފަހަތުގައިވަނީ ރައީސް ސާލިހު ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

130 ވަނަ ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން، "މިނިސްޓަރުގެ ގަލަންކޮޅުން" މިނަމުގައި މިނިސްޓްރީ އޮފް ޑިފެންސުން އާންމުކޮށްފައިވާ ލިޔުމެއްގައި މިނިސްޓަރ ވަނީ ރައީސް ޞާލިޙް ސިފައިންނާ ގުޅޭ ކަންކަމަށް ދެއްވާ ޚާއްޞަ އަޙައްމިއްޔަތުކަމާއި އެމަނިކުފާނުގެ ހަރުދަނާ ވިސްނުންފުޅާއި ތަޞައްވުރުކަން ފާހަގަކޮށް، ރައީސް ޞާލިޙަށް މިނިސްޓަރ މާރިޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ އޯގާތެރިކަމާއި ހަމަހަމަކަމާއެކީ، ރާއްޖޭގެ އެކިކަންކޮޅުތަކަށް ސިފައިންގެ ޚިދުމަތް ފޯރުކޮށްދޭނެ މަގުފަހިކުރުމަށްޓަކައި، ހޯދި އުޅަނދުތަކާއި ވަސީލަތްތަކުގެ އެހީގައި، މިދިޔަ އަހަރު އެކަނިވެސް، ކަނޑުމަތީގައި ހިނގައިދިޔަ 300 އަށްވުރެ ގިނަ ހާދިސާގައި 500 އަށްވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ކުއްލި ޙާލަތުގައި 2000 އަށްވުރެ ގިނަ ބަލިމީހުން އުފުލާފައިވާ ކަމަށެވެ.

" ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ސިފައިންނަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދައި، ސިފައިންގެ ވެލްފެއަރޔާ ގުޅުންހުރި ކަންކަން ރަނގަޅުކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ޙާސިލްކުރެވިފަ. އެތައް އަހަރެއް ވަންދެން މަޑުޖެހިފައިއޮތް "ސިފްކޯ ހިޔާ"ގެ މަޝްރޫޢު ނަގާ ކޮޅަށްޖަހާ، އެހެން ބަޔަކާ ޙަވާލުކޮށްގެން، މިއަދު ހަލުވި ދުވެއްޔެއްގައި މަސައްކަތް ކުރިއަށްދާކަމީ އެކަމުގެ ވަރުގަދަ ހެއްކެއް." މިނިސްޓަރ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.