ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް މިވަގުތު ކުރިމަތިވެފައިވާ މާލީ ދަތިތަކާހުރެ ވިލާގެ ދަށުން ހިންގަމުން އަންނަ ތަންތަނުން މުއައްޒަފުން ވަކިކުރަން ފަށައިފިއެވެ.
ވިލާގެ އެކި ތަންތަނުން މުއައްޒަފުން ވަކިކުރަމުން އަންނަކަން އެކުންފުނިންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ދިގު މުއްދަތަކަށް ޖަލު ޙުކުމެއް އިއްވާފައިވާ ގާސިމް އިބްރާހިމް ހިތްޕުޅުގެ އާލާސްކަންފުޅަށް ޖަރުމަނުގައި މިވަގުތު ފަރުވާ ހޯއްދަވަމުން އަންނައިރު ވިލާއަށް ކުރިމަތި ވެފައިވާ މާލީ ދަތިތަކާހުރެ ގިންތަންތަނުން ވަކި ކުރަމުން އަންނަނީ އިސްމަގާމު ތަކުގައި ތިބި ބޮޑު މުސާރަލިބޭ ބޭފުޅުން ކަމަށްވެއެވެ.
ވިލާ ގްރޫޕްގެ އެގްޒެކްޓިވް ޑިރެކްޓަރު ފިނޭންސް ސިމާދު އިބްރާހިމް ވިދާޅުވި ގޮތުގައި މުއައްޒަފުން ވަކި ކުރުމުގައި އިސްކަން ދެނީ ވިލާގެ ދަށުން ހިންގަމުން އަންނަ ފައިދާނުވާ ތަންތަނުގެ މުއައްޒަފުން ކަމަށެވެ. އެގޮތުން ވިލާގެ ދަށުން ހިންގަމުން އަންނަ ވީމީޑިޔާގެ 15 މުއައްޒަފަކު ވަނީ ވަކިކޮށްފައެވެ. އަދި ގާސިމްގެ ސެކިއުރިޓީންގެ ގޮތުގައި ތިބި ގިނަ އަދަދެއްގެ ސެކިއުރިޓީންވެސް ވަނިކޮށްފައިވާ ކަމުގެ ޚަބަރުތަކެއްވެސް އުޅެއެވެ. އޭގެތެރޭގައި ގާސިމް އިބްރާހިމްގެ ވަރަށް އަރިސްކޮށް އުޅުއްވާ ސެކިއުރިޓީންވެސް ހިމެނޭ ކަމުގެ ޚަބަރުތަކެއް އުޅެއެވެ.
ޝިމާދު ވިދާޅުވި ގޮތުގައި ބަޔެއް ރިސޯޓު ތަކުންވެސް މުއައްޒަފުން ވަކި ކުރުމަށް ބޯޑުން ވަނީ ނިންމާފައެވެ. ނަމަވެސް ރިސޯޓު ތަކުގެ އާދައިގެ މުއައްޒަފުން (ރޫމްބޯއީންނާއި ވޭޓަރުންފަދަ) ވަކި ނުކުރާނެ ކަމަށް ޝިމާދު ވިދާޅުވިއެވެ. ވިލާ ކުންފުންޏަށް މާލީ ބޮޑެތި ދަތިތަކެއް ކުރިމަތި ވެގެން އުޅެނީ އެކުންފުންޏަށް ސަރުކާރުން ދޫކޮށްފައިވާ ފަސް ރަށެއްގެ ސެޓްލްމެންޓް އެގްރީމެންޓް ސަރުކާރުން ބާތިލުކޮށް އެ ތަންތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 90.4 މިލިއަން ރުފިޔާ ސަރުކާރަށް ދައްކަން ޖެހިގެންނެވެ. މި މައްސަލައިގައި ފައިސާ ނުދައްކައިގެން ވިލާގެ ފަސް ކުންފުންޏެއްގެ އެކައުންޓް ވަނީ ފްރީޒް ކޮށްފައެވެ.
ވިލާ ކުންފުނީގެ މައި އެކައުންޓްތަކެއް ފްރީޒް ކުރުމުން އެކުންފުންޏަށް މާލީ ބޮޑު ދަތިކަމެއް ކުރިމަތިވިއިރު ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމްގެ މައްޗަށް ވަނީ ބާރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމަށް އުޅުނު ކަމުގެ ތުހުމަތުގައި ޝަރީއަތްކޮށް ގާސިމްގެ މައްޗަށް ޖަލު ހުކުމް ކޯޓުން އިއްވީ އެމަނިކުފާނު އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ހިތްޕުޅުގެ އާލާސްކަންފުޅަށް ފަރުވާ ކުރައްވަމުން ގެންދަވަނިކޮށެވެ. އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ގާސިމްގެ ފަރާތުން ސަރުކާރުގައި އެދުމުން ގާސިމް ސިންގަޕޫރުން ފަރުވާއަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ދިނުމާއެކު ސިންގަޕޫރަށް ވަޑައިގެން ކުރެއްވި ހިތްޕުޅުގެ އޮޕަރޭޝަނަށް ފަހު ގާސިމް މިހާރު ވަނީ ޖަރުމަނު ވިލާތަށް އިތުރު ފަރުވާއަށް ވަޑައިގެންފައެވެ. ގާސިމް ޖަރުމަނަށް ވަޑައިގަތީ ޕާސްޕޯޓް ހިފަހައްޓާފައި އޮއްވައި ޖަރުމަނު ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުންނެވެ. މި މައްސަލައިގައި ސަރުކާރުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެފައި ވަނީ ގާސިމް ޖަރުމަނަށް ވަޑައިގަތީ ގަވައިދާ ޚިލާފަށް ކަމަށާއި ގާސިމް ރާއްޖެ ޖެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.