ނިލަންދޫ ތަރި ޤުރުއާން މުބާރާތް މިރޭ ފަށަނީ - އެއްވަނައަށް ދާ ފަރާތަކަށް ޢުމްރާ ދަތުރެއް

މުބާރާތުގައި ވާދަކުރާ 12 ބައިވެރިން

ފ.ނިލަންދޫ ކައުންސިލުން މުޅިން އަލަށް އިންތިޒާމުކޮށްގެން މިއަހަރުގެ ރަމަޟާންމަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ނިލަންދޫ ތަރި ޤުރުއާން މުބާރާތުގެ ކިޔެވުން މިރޭ ފެށިގެންދާނެއެވެ.

ބާރަ ބައިވެރިންނާއެކު ފަށާ މި މުބާރާތަކީ ނިލަންދޫ ކައުންސިލްގެ މިހާރު ތިއްބެވި މެމްބަރުން މިހާރު ހިންގަމުންމިދާ ދައުރަށް އިންތިޚާބުވެ ހުވާ ކުރުމާއި ގުޅިގެން ކައުންސިލްގެ ރައީސްގެ އިސްނެންގެވުމުގެ މަތިން ކައުންސިލުން ޚަރަދުކޮށްގެން ބާއްވާ ފުރަތަމަ މުބާރާތެވެ. އަދި މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މިމުބާރާތް ބޭއްވުމަށް ކައުންސިލުންވަނީ ނިންމާފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ހަމައެކަނި 12 އަހަރުންމަތީގެ ނިލަންދޫގެ ރަށްވެހިންނަށް ހުޅުވާލި މިމުބާރާތަށް ކުރިމަތިލި ފަރާތްތަކުގެ މެދުގައި މުބާރާތުގެ ފައިނަލް ބުރަށް ހޮވުމަށް ކަނޑައަޅާފައިވާ 12 ބައިވެރިން ހޮވުމަށް މާރޗްމަހު 2 އޮޑިޝަނެއްވަނީ ބާއްވާފައެވެ. ފުރަތަމަ އޮޑިޝަންގައި މުބާރާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވާއިރު 2 ވަނަ އޮޑިޝަން ކުރިއަށް ގެންދިޔައީ ފުރަތަމަ އޮޑިޝަނުން ހޮވުނު 20 ބައިވެރިންގެ މެދުގައެވެ.

މިމުބާރާތުގެ ފައިނަލް ބުރަށް ހޮވުނު 12 ބައިވެރިން މުބާރާތަށް ފުރިހަމައަށް ތައްޔާރުކޮށްދިނުމަށް ނިލަންދޫ ކައުންސިލުން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ރަށުގައި ތިބި މިފަންނުގެ އެދުރުންނާއި އަދި މާލޭގައި ދިރިއުޅޭ ނިލަންދޫގެ ދަރިންގެ އެހީތެރިކަމާއެކު 12 ބައިވެރިން ބައިވެރިކޮށްގެން އުނގަންނައި ދިނުމުގެ ގިނަ ކްލާސްތަކެއްވަނީ ކުރިއަށް ގެންގޮސްދީފައެވެ. މިކަމަށްޓަކައި ރަށުގައި ތިއްބެވި ފަރާތްތަކާއި މާލޭގައި ދިރިއުޅެމުންދާ ނިލަންދޫ ދަރިންގެ ފަރާތުން ލިބިފައިވާ އެއްބާރުލުން ކައުންސިލުން ޝުކުރުވެރިކަމާއެކުވަނީ ފާހަގަ ކޮށްފައެވެ. މުބާރާތް ކުރިއަށްދާއިރުވެސް މިފަދަ އިތުރު ކްލާސްތައް ކުރިއަށްދާނެ ކަމަށް ކައުންސިލުންވަނީ މަޢުލޫމާތު ދެއްވާފައެވެ.

ނިލަންދޫއަކީ ޒަމާނުއްސުރެ ޤުރުއާނަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅެމުންދާ ރަށަކަށްވެފައި ރަށުގައި މިފަންނު އިތުރަށް ދިރުވައި އާލާކުރުމަށް އެކިއެކި މުއައްސަސާތަކާއި ޢާންމު ފަރުދުންދަނީ ގިނަގުނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން މިރޭ ނިލަންދޫ ލާރނިންގ ސެންޓަރުގައި ފެށިގެންމިދާ މުބާރާތަކީވެސް މިކަމަށް ހުޅުވިގެންދާ އިތުރު ބޮޅަކަށް ވެގެންދާނެއެވެ.

ރަށުގައި ހުރި ކްލަބް ޖަމްޢިއްޔާތަކާއި ހެޔޮއެދޭ އެތައްބައެއްގެ ދީލަތި އެހީތެރިކަމާއެކު މިރޭފެށިގެންދާ މުބާރާތަށް ނިލަންދޫ ކައުންސިލުނާއި އެހެނިހެން ފަރާތްތަކުންވަނީ އަގުހުރި ޢިނާމުތަކެއް ހުށަހަޅާފައެވެ. އެގޮތުން މުޅި މުބާރާތުގެ 1 ވަނައަށް ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫގެ ފަރާތުން އަލްބްރޫޖް ޙައްޖު އެންޑް ޢުމުރާގެ ހެޔޮއެދުންތަކާއެކު ޢުމުރާ ދަތުރެއް ވަނީ ހުށަހަޅާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.