ހަށިހެޔޮ ދުޅަހެޔޮ ބައެއްގެ ގޮތުގައި ދަރިވަރުން ބޭތިއްބުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭ: ނައިބު ރައީސް ފައިސަލް

ހަށިހެޔޮ ދުޅަހެޔޮ ބައެއްގެ ގޮތުގައި ދަރިވަރުން ބޭތިއްބުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

2019-2020 ވަނަ އަހަރުގެ ކަލަރސް އެވޯޑް ދިނުމަށް މިރޭ ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމާއެކު މުޅިން އަލަށް ސްކޫލްތަކުގައި ނާސްތާ ޕްރޮގްރާމެއް ފަށައި އޭގެ ސަބަބުން ދަރިވަރުންނަށް އެތައް ފައިދާތަކެއް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އެމަނިކުފާނުގެ ސްކޫލުދައުރުގެ ބައެއް ހަނދާންތައް އައު ކުރައްވަމުން ވަނީ ސްކޫލު ދައުރުގައި އެމަނިކުފާނަށް ކުޅިވަރުގެ ދާއިރާއިން ގިނަ ކަންތައްތަކެއް ދަސްވެ، އެތައް ފައިދާތަކެއް ލިބިވަޑައިގެންނެވިކަން ފާހަގަކުރައްވާފައެވެ.

ހަމަމިއާއެކު ކޮންމެ ކުއްޖަކީ ޤައުމަށްޓަކައި ޚިދުމަތް ކުރެވޭ، ދިރިއުޅުމަކަށް އަހުލުވެރިވެފައިވާ، މަސައްކަތެއް ދަސްކުރެވިފައިވާ ކުއްޖަކަށް ވުމަށް އަޒުމުކަނޑައެޅުމަށް ވެސް ނައިބު ރައީސް ވަނީ ސްކޫލުކުދިންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްކޫލް ކުދިންނަކީ ހެލިފެލިވެ އުޅޭ އަދި ކަސްރަތު ކުރާ ބަޔަކަށްވާންޖޭކަން ފާހަގަކުރައްވައި އެކަމުގެ ހުރި ފައިދާތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ 2019-2020 ވަނަ އަހަރުގެ ކަލަރސް އެވޯޑް ވިނަރ ލިބުނު ދަރިވަރުންނަށް ޓްރޮފީއާއި ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.

ކަލަރސް އެވޯޑަކީ ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން ކުޅިވަރުގެ ދާއިރާއިން ހޯދާ ކާމިޔާބީގެއަގު ވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދެއްވާ އެވޯޑެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.