ރާއްޖެ އާއި އިންޑިއާއާ ދެމެދު ވައިގެ ދަތުރުފަތުރު ނުހުއްޓޭ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން މިހެން ވިދާޅުވެފައިވަނީ ގޯ އެއަރގެ ތިން ފްލައިޓު މިއަދު ކެންސަލްވުމާ ގުޅިގެން ރާއްޖެ އާއި އިންޑިއާއާ ދެމެދު ދަތުރުކުރާ ފްލައިޓްތައް ހުއްޓާލާފައިވާ ކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނަމުން ގެންދާތީ އެކަމަށް ރައްދުދެއްވައެވެ.
އެ މިނިސްޓްރީން ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާނުލާ ކަމަށެވެ. އަދި ގޯއެއަރގެ ދަތުރުތައް ވެސް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖެ އާއި އިންޑިއާގެ ދެމެދުގައި ޝެޑިއުލް ދަތުރުތައް އެގައުމުގެ ސިވިލް އެވިއޭޝަން މުއައްސަސާތަކުގެ އުސޫލުތަކާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ފޮރިން މިނިސްޓްރީން މިހެން ވިދާޅުވެފައިވާ އިރު، ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) އިން ވެސް ބުނެފައިވަނީ ގޯ އެއަރގެ ތިން ފްލައިޓެއް މިއަދު ކެންސަލް ކޮށްފައިވާ ކަމަށާއި ނަމަވެސް އެ އެއާލައިނުގެ ދަތުރުތައް ހުއްޓާނުލާ ކަމަށެވެ.