ސްރީލަންކާގެ ހުޅަނގުގައި އުފެދުނު ތޫފާން ރާއްޖެއާ ދުރަށް ދިޔަވަރަކަށް ރާއްޖޭގެ މޫސުން ރަނގަޅުވާން ފަށައިފިއެވެ.
މާލޭގެ މިއަދުގެ މޫސުމަށް ބަލާއިރު ވިއްސާރައިގެ އަސަރު ކެނޑި ހެދުނުއްސުރެ އޮތީ އަވިދީފައެވެ. އަދި ރާއްޖޭގެ އެހެން ހިސާބުތަކަށްވެސް މިއަދު އާންމުގޮތެއްގައި މޫސުން ރަނގަޅު ކަމަށްވެއެވެ. ނަމަވެސް އުތުރުގެ އަތޮޅު ތަކަށް މިއަދުވެސް ކޮންމެވެސް ވަރަކަށް ބަނަކޮށް އޮންނަ ކަމަށްވެއެވެ.
މޫސުމާބެހޭ އޮފީހުން ބުނީ މޫސުން ރަނގަޅު ވަމުން އަންނަ ކަމަށްވިޔަސް މޫސުން އެއްކޮށް ރަނގަޅުވެ ހަމައަކަށް އެޅެންދެން މޫސުމަށް ސަމާލުވުމަކީ ވަރަށް މުހިންމު ކަމެކެވެ. މެޓް އޮފީހުން ބުނީ ކޮންމެވެސް ވަރަކަށް މޫސުން ރީތި ވަމުން އައި ނަމަވެސް ރާއްޖޭގެ ކަނޑުތައް އަދިވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. ނަމަވެސް މިދިޔަ ދެދުވަހު 70 މޭލާއި 60 މޭލަށް ވައި ގަދަވެގެން ދިޔައިރު މިހާރު މިހާރު އާންމުގޮތެއްގައި ވައި ޖެހޭބާރު މިން ވަނީ 13 މޭލާއި 23 މޭލަށް ދަށްވެފައި ކަމަށާއި މިހާރު ކޮޅިގަނޑުގައިވެސް ވައި ޖެހޭބާރުމިން މަތިވާނެ ކަމަށް ލަފާކުރެވެނީ 45 މޭލަށް ކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.
މޫސުމަށް އަދިވެސް ސަމާލުވުމަށް މެޓުން އިލްތިމާސް ކޮށްފައިވާއިރު ފާއިތުވީ ދެތިން ދުވަސް ތެރޭގައި ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް އުދައެރުމާއި ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް ވަނީ ހިނގާފައެވެ. އަދި އައްވަޓެރި ސްރީލަންކާ އާއި އިންޑިޔާއަށްވެސް ތޫފާނުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައްވެ އެތައް ބަޔަކު މަރުވެފައެވެ.