ގޯސްްވަމުންދާ އިގުތިސާދީ ހާލަތު ބެލުމަށް އައިއެމްއެފްގެ ވަފުދެއް ސްރީލަންކާގައި

ސްރީލަންކާގެ ބަޔަކު ޑީސަލް ގަންނަން ކިޔު ހަދާފައި

ސްރީލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެ ކާބޯތަކެއްޗާއި، ބޭހާއި، ގޭސް ފަަދަ އަސާސީ ތަކެތި މަދުވެ އާއްމުންނަށް ދިމާވާ ތަކުލީފުތައް އިތުރުވެފައިވާތީ އެކަމާ ބެހޭގޮތުން މަޝްވަރާކޮށް ހާލަތު ވަޒަންކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ވަފުދެއް އެގައުމަށް އިއްޔެ ހިނގައްޖެއެެވެ.

ތަކެތި އެތެރެކުރަން ބޭނުންވާ ބޭރު ފައިސާ ނެތުމުގެ ސަބަބުން ކޮންމެހެން ބޭނުންވާ އަސާސީ ތެކެތި އެތެރެކުރުމަށްވެސް ދަތިވެފައިވާއިރު، ސަރުކާރުންވެސް އެއްބަސްވާ ގޮތުގައި މިއީ 1948 ވަނަ އަހަރު މިނިވަންވުމަށް ފަހު ސްރީލަންކާއަށް އިގުތިސާދީގޮތުން ކުރިމަތިވި އެންެމެ ދަތި ދުވަސްވަރެވެ.

ބައެއް މަސްދަރުތަކުން ޚަބަރުދޭ ގޮތުގައި ބޭރު ފައިސާގެ ރިޒާވް މަދުވުމާއި، ފައިސާގެ އަގު ވެއްޓުމާއި، އިންފްލޭޝަން މަތިވުމުގެ މައްސަލަ ހައްލުކުރުމަށް އައިއެމްއެފްގެ އެހީތެރިކަން ހޯދުމާ ބޭހޭގޮތުން ފިނޭންސް މިނިސްޓަރު އިއްޔެ ވަނި އައިއެމްއެފްގެ ވަފުދާ މަޝްވަރާކުރައްވާފައެވެ. ފިނޭންސް މިނިސްޓަރު ބަސިލް ރާޖަޕަކްސައާއި، ޓްރެޜަރީ ސެކްރެޓަރީ އެސް.އާރ. އަޓިގައްލޭ ވަނީ އައިއެފްގެ ވަފުދުގެ ވެރިޔާ، އަދި އެފަންޑުގެ އޭޝިޔާ ޕެސިފިކް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޗަންގްޔޮންގް ރީއާ ބައްދަލުކުރައްވާފައެވެ.

އައިއެމްއެފްގެ އެހީގައި އިގްތިސާދު ކޮޅަށްެޖެހުމާ ބެހޭ ޕްރޮގްރާމެއް ފެށުމާ ގުޅޭގޮތުން ސްރީލަންކާއާއި އައިއެމްއެފްއާ ދެމެދު ރަސްމީ މަޝްވަރާތައް އަންނަ އެޕްރީލް މަހު ފަށާނެކަމަށް މިހާރު ބެލެވެއެވެ.

ސްރީލަންކާގެ ބޭރުފައިސާގެ ރިޒާާވް ފާއިތުވި ފެބުރުވަރީ މަހު 2.31 ބިލިއަން އެމެރިކާ ޑޮލަރަށް ދަށަށް ގޮސްފައި ވާއިރު، ތެލާއި، ކާބޯތަކެއްޗާއި، ހަަކަތައިގެ ބާވަތްތައް އެތެރެކުރަން ބޭރު ފައިސާ ހޯދުން ވަނީ ދަތިވެފައެވެ. ރިޒާވްގައި ހުރި ފައިސާއަކީ އެއް މަސްދުވަހަށް ތަކެތި އެތެރެކުރަން ބޭނުންވާ އަދަދެވެ. އަދި ގައުމުގެ 51 ބިލިއަން އެމެރިކާ ޑޮލަރުބޭރުގެ ދަރަނި އެއީ "ދެމެހެއްޓޭނެ މިންވަރެއް ނޫން" ކަމުގައި އައިއެމްއެފްއިން ވަނީ ބުނެފައެވެ. އަދި ސްރީލަންކާގެ ފައިސާގެ އަގުދަށްކުރުމަށް އެ ފަންޑުން ވަނީ ގޮވާލާފައެވެ.

ފާއިތުވި ހަފުތާގައި ސެންޓްރަލް ބޭންކުން އިންޓަރެސްޓް ރޭޓް މަތިކޮށް، ސްރީލަންކާގެ ފައިސާގެ ރޭޓް މިނިވަންކޮށް ދޫކޮށްލުމުން ރުޕީގެ އަގު ވަނީ %25 ދަށަށް ގޮސްފައެވެ. އަދި ޑޮލަރަކަށް 250 އަށްވުރެ މައްޗަށް ރުޕީގެ އަގު ވަނީ ގޮސްފައެވެ. އަދި މުދަލުގެ އަގު ވަނީ މަތިވެފައެވެ.

2019 ވަނަ އަހަރު އީސްޓާގައި ސްރީލަންކާއަށް ދިން ވަރުގަދަ ޓެރަރިސްޓު ހަަމަލާއިން ލިބުނު ގެއްލުމުން އަރައިނުގަނެވިގެން އުޅެނިކޮށް، 2020 ވަނަ އަަަަަހަރު މުޅި ދުނިޔެއަށް ފެތުރިންގެންދިޔަ ކޮވިޑް-19 ގެ އާލަމީ ވަބާގެ ސަބަބުން އެ ގައުމަށް އެންމެ ގިނައިން ބޭރު ފައިސާ ވަންނަ އިގުތިސާދީ މަސައްކަތް ކަމުގައިވާ ފަތުރުވެރިން ހުއްޓުމަކަށް އައުންވީ ސްރީލަންކާގެ އިގުތިސާދަށް ހިފަހައްޓާނުލެވޭވަރުގެ ލޮޅުކަަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.