މުދާ އުފުލާ ބަންގާޅު ދަބަރު ބައިސްކަލު

ލޮރީއާއި ޕިކަޕް މާލޭގެ މަގުމައްޗަށް ޢާންމުނުވާއިރު މުދާ އުފުލަން ބޭނުންކުރަނީ އަތްގާޑިޔަލެވެ.  މިއީ މިހާރު މާލޭގެ މަގުމަތިން ފެންނަ އެއްޗެއްނޫނެވެ. ކުރިން ، އަތްގާޑިޔަލަކީ ވަރަށްގިނައިން މުދާ އުފުލަންބޭނުންކުރި އެއްޗެކެވެ. ކާންބޯންކުރާ މަސައްކަތެއްގެ ގޮތުގައި އަތްގާޑިޔާ ދަމައި އުޅުނުމީހުން، އޭރު ވަރަށް ގިނައެވެ. ގިނައިން ފެންނަނީ، ކާޑުގުދަނުން ހަނޑޫ ހަކުރު ފުށް ނަގައިގެން، މާލޭގެ ފިހާރަތަކަށާއި ގޭގެޔަށް އެތަކެތި އުފުލާތަނެވެ. އޭގެ އިތުރަށް، ރަށްރަށުން ގެންނަ ދަރާއި ކާށިފަދަ ތަކެތި ގޭގެޔަށް ގެންގޮސްދޭތަން ފެނެއެވެ.

މިފަހަކަށް އައިސް، އަތްގާޑިޔާތައް މުޅިން ގެއްލިއްޖެއެވެ. އެހެންނަމަވެސް، އަވަށްޓެރި ޤައުމުތަކުގައި ކާރޫބާރުބޮޑެތި ބާޒާރުތަކުން އަތްގާޑިޔާ ދަމާތަން މިހާރުވެސް ފެނެއެވެ. ސްރީލަންކާއިންނަމަ ޕެޓާގެ ބާޒާރުމަތިން އަތްގާޑިޔާ މިހާރުވެސް ފެންނާނެއެވެ. އެއްފިހާރައިން އަނެއްފިހާރަޔަށް މުދާއުފުލުމުގައި އަތްގާޑިޔާ ބޭނުން ކުރެވެއެވެ. އިންޑިއާގެ  ހަލަބޮލި ބައެއްބާޒާރުތަކުންވެސް އަތްގާޑިޔާ ފެނެއެވެ. އެހެންނަމަވެސް، އިންޑިއާއިން ގިނައިން ފެންނަނީ، އަތްގާޑިޔަލަށް، ތަފާތުބާވަތްތަކުގެ މޭވާ އާއި ތަރުކާރީ އަރުވައިގެން ވިއްކާ ތަނެވެ. ޝްރީލަންކާއިންވެސް މިމަންޒަރު ފެނެއެވެ. އަދި ޕާކިސްތާނާއި ބަންގްލަދޭޝް އިންވެސް އަތްގާޑިޔާ ފެނެއެވެ. އަދި ނޭޕާލުންވެސް މެއެވެ. އެހެންނަމަވެސް، ބައެއް ހިސާބުތަކުގައި އަތްގާޑިޔާ ޒަމާނީކުރެވި، ބައިސްކަލަކާ ގުޅުވައިގެން މުދާ ވިއްކަން ދުއްވައެވެ. މިއީ، މާރކޭޓަށްވުރެ ހެޔޮއަގުގައި ތާޒާކޮށް މޭވާއާއި ތަރުކާރީ ގަންނަން ފަސޭހަވެފައި އޮންނަ މަގެކެވެ. ކޮންމެއަކަސް، މާލޭގެ މަގުމަތިން ނުފެނުނުނަމަވެސް، އަތްގާޑިޔަލަކީ މިހާރުވެސް، އަވަށްޓެރި ޤައުމުތަކުން ފެންނަ އެއްޗެކެވެ. މާލެއަށް އަތްގާޑިޔާ ތަޢާރުފް ކުރެވުނީ ވޯރާ ވިޔަފާރިވެރިން ރާއްޖޭގައި ވިޔަފާރި ކުރި ދުވަސްވަރުކަމަށް ބެލެވެއެވެ.

އެކިބާވަތުގެ އަތްގާޑިޔާ (އަވަށްޓެރި ޤައުމުތަކުން)

އަތްގާޑިޔަލަކީ، ފަޤީރުންގެ ދިރިއުޅުމާ ވަރަށްބޮޑަށް ގުޅިލާމެހިފައިވާ އެއްޗެކެވެ. އަތުގައި ފައިސާފޮއްޗެއްނެތް މީހުން، ދުވާލުހަތަރުދަމު، އަތްގާޑިޔާ ދަމައިގެން ބަނޑުފުރާނަ މުއްތިކުރަމުން ގެންދެއެވެ. ލާރިކޮޅެއް އަތުގައި ހުންނަ ވިސްނުންތޫނު މީހަކުވިއްޔާ އެކި ދަނޑުދަނޑުން ތާޒާ މޭވާއާއި ތަރުކާރީ ހޯދައިގެން، ރަށުތެރެޔަށް ވިއްކަމުން ގެންދެއެވެ. މާލޭގައިވެސް، މަގުމައްޗަށް ނުކުމެ ގޭގެޔަށް ޒިލޭބީ ވިއްކާ މީހަކު އުޅުނެވެ. ނަމަވެސް އޭނާ އުޅުނީ ފައިމަގުގައެވެ.

އަތްގާޑިޔަލުގައި ތަރުކާރީއާއި މޭވާ ވިއްކަން އުޅޭމީހެއް

އަޞްލު މަވްޟޫއަށް ޖެހިލަމާތޯއެވެ ؟ ކުރިންވެސް ދެންނެވިފަދައިން، މާލޭގެ މަގެއްމަތިން، އަތްގާޑިޔަލެއް މިހާރަކު ނުފެނެއެވެ. އެހެންނަމަވެސް، މުދާ އުފުލުމަށް ބޭނުންކުރާ އެހެން އެއްޗެއް އެބަފެނެއެވެ. ޕިކަޕާއި ލޮރީ ފިޔަވައެވެ. އެއީ ބަންގާޅު މީހުންގެ ބާވެ، ދަބަރުޖާހާފައިހުންނަ ދަގަނޑު ބައިސްކަލެވެ. މި ބައިސްކަލްތަކުގައި އުފުލޭ މުދަލަކީ، މާލޭގައި ހިންގާ ބަންގާޅުފިހާރަތަކަށް ގެންދެވޭ މުދަލެވެ. ނުވަތަ ގަޑިންގަޑިޔަށް ބަންގާޅުމީހުންނަށް ކާތަކެތީގެ ޑެލިވަރީ ހަދާ ބައިސްކަލެވެ. މިއީ ވަރަށް ނުރައްކާ އެއްޗެކެވެ. ޕާކުކޮށްފައިހުންނަ ސައިކަލާއި ކާރަށް އަދި މަގުމައްޗަށްވެސް މެއެވެ. އެބައިސްކަލްތައް ހުންނަނީ ދަގަނޑު ޖަހާފައެވެ. ދަބަރު މުއްގަޑެވެ. ޕާކުކުރާއިރު އެއެއްމިއެއް ނުބަލައެވެ. ޖެހުނު ކޮންމެ ދިމާލަކަށް ކޮއްޕާލައެވެ. ބައިސްކަލަށް ލިބޭ ގެއްލުމެއް ނޯވެއެވެ. ލަކުޑި ސަކަރާތެއްކަހަލަ އެއްޗަކަށްވާތީއެވެ. ބަލައިގެން އުޅޭނީވެސް ރީތިކޮށް ނަލަކޮށް ހުންނަ ނަމަތާއެވެ ! ދަވާދު ކެހި، ދަބަރުޖަހާފައި ހުންނަ އެއްޗަކަށް ލިބޭނެ މާބޮޑު ގެއްލުމެއް ނޯންނާނެއެވެ. ގެއްލުންލިބެނީ ދަގަނޑު މުށްގަނޑު ކޭއްތިގެންދާ ސައިކަލާއި ކާރަށެވެ.

މާލޭގެ އެކިތަންތާ ޕާކުކޮށްފައި ހުންނަ ބަންގާޅުމީހުންގެ ބައިސްކަލް

ބަންގާޅުމީހުންގެ ބައިސްކަލަކީ، އުދަގުލަކަށްވެގެންއުޅޭ އެތައްބަޔަކު އެބައުޅެއެވެ. ގިނަ ބައިސްކަލްގައި، މުދާ އުފުލަން ފަހަތުގައި ފުޅާ ވަށިގަނޑެއް ހަރުކޮށްފައި ހުރެއެވެ. ވަށިގަނޑު ހުންނަ ބައިސްކަލް ޕާކްކުރަން ސައިކަލެއް ޕާކުކުރާ ޖާގަ ނަގައެވެ. ޕާކިންގގެ މައްސަލަ ބޮޑުވެފައިވާ މާލޭގައި ގިނަވަމުންދާ ބަންގާޅު މުދާއުފުލާ ބައިސްކަލަކީ،  ކުރިމަގުގައި ވަރަށްބޮޑު މައްސަލަޔަކަށް ވާނެ ކަމެކެވެ.

ދެންއޮތީ، މަގުމަތީގެ ސަލާމަތާއި އަމާންކަމެވެ. މުދާ އުފުލާ ބައިސްކަލަކީ އަދި ކާބޯތަކެތީގެ ޑެލިވަރީހަދާ، ބަންގާޅު ބައިސްކަލަކީ، ވަރަށްބާރަށް ދުއްވާ އެއްޗެކެވެ. ގިނަފަހަރަށް، އެއީ ބޭނުންއިރަކު ބުރަކިޖެއްސޭ އެއްޗެއްނޫނެވެ. މަގުމަތީ ހިނގާ މީހުންނާއި ދުއްވާ އުޅަނދުފަހަރު ޖެހެނީ އެއަށް ތަބާވާށެވެ. ޓްރެފިކް ހަމައެއް އަދި ޤަވާޢިދެއް ނޯވެއެވެ. ބަންގާޅުމީހުންގެ ބައިސްކަލަށް ޤަވާޢިދެއް ނޯންނަނީކަމަށްވެސް ވެދާނެއެވެ. ކުރިން އަމިއްލަޔަށް ސޮއިކޮށް އެއްކުރި ބާރުތައް އަތުލުމަށް ކޯޓަށް ނުހިނގައި، މިފަދަ މައްސަލަތައް ޙައްލުކުރުމަށް ވިސްނައިފިނަމަ މުނިސިޕަލްޓީގެ ވެރިންނަށްވެސް ހެޔޮބަހެއް ރައްދުވާނެ ތޯއްޗެކެވެ. ކޮންމެއަކަސް، ބަންގާޅުމީހުންގެ ބައިސްކަލްގެ މައްސަލަޔަކީ، މުނިސިޕަލްޓީން ނުވަތަ ޓްރާންސްޕޯޓް މިނިސްޓްރީން ވިސްނަންޖެހިފައިވާ ކަމެކެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.