އެހީއަށް ބޭނުންވާ ސީރިޔާ މީހުންގެ އަަދަދު ދާޚިލީ ހަނގުރާމަ ފެށުނު ފަހުން ނުދާހާ މައްޗަށް ހިނގައްޖެ: އދ.

ސީރިޔާގައި ތިބި އިންސާނީ އެހީއަށް ބޭނުންވާ މީހުންގެ އަދަދު އެގައުމުގައި  2011 ވަނަ އަހަރު ދާޚިލީ ހަނގުރާމަ ފެށުނު ފަހުން ދުވަހަކު ނުދާހާ މައްޗަށް ގޮސްފައިވާ ކަމުގައި އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އިންސާނީ އެހީއާ ބެހޭ އިސް ވެރިއަކު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ މިއީ "ސީރިޔާ ރައްޔިތުންނަށް އެހީވުމުގައި ދުނިޔެ ފޭލިވެެފައިވާކަމުގެ" ހެއްކެކެވެ.

އދ.ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެެރަލް ފޯ ހިއުމެނިޓޭރިއަން އެފެއާޒް އަދި ޑެޕިއުޓީ އެމަޖެންސީ ރިލީފް ކޯޑިނޭޓާ ޖޯއިސް މިސޫޔާ ވިދާޅުވި ގޮތުގައި، ސީރިޔާއަށް ބޭނުންވާ އިންސާނީ އެހީގެ މިންވަރު ދެނެގަންނަން ފާއިތުވި ހަފުތާގައި ކުރި ދިރާސާއިން އެނގުނު ގޮތުގައި މިއަހަރު ތެރޭގައި އެގައުމުގެ 14.6 މިލިއަން މީހުން ބަރޯސާވާން ޖެހޭނީ ބޭރުގެ އެހީއަށެވެ. މިއީ 2021 ވުރެ %9 އިތުރު އަދި 2020 އަށްވުރެ %32 އިތުރު އަދަދެކެވެ.

"މިއީ އަހަރުމެންގެ ސްޓްރެޓެޖީ ކަމުގައި ވެގެން ނުވާނެ." މިސޫޔާ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ސީރިޔާ މިހާރު ހިމެނެނީ ދުނިޔޭގައި ކާބޯތަކެތީގެ ރައްކާތެރިކަން އެންމެ ކުޑަ 10 ގައުމުގެ ތެރޭގައެވެ. އެ ގައުމުގެ 12 މިލިއަން މީހުންނަށް ކާބޯތަކެތި ލިބޭނެ ގޮތެއް ނެތެވެ. ނުވަަތަ ކާބޯތަކެތި ލިބުމުގެ ޔަގީންކަން ކުޑައެވެ.

މިސޫޔާ އިތުރަށް ވިދާޅުވި ގޮތުގައި ސީރިޔާގެ އިގުތިސާދު އިތުރަށް ވެއްޓެމުން ދާއިރު، ކާބޯތަކެތީގެ އަގު ދަނީ އަތް ނުފޯރާ ފަށަށް އުފުލެމުންނެެވެ. އެހެންކަމުން، އާއްމުންގެ ބަނޑުހައި ހޫނުކަން ދަނީ އިތުރުވަމުންނެވެ. ފަސް މީހުން ހިމެނޭ އާއިލާއަކަށް ކާންބޯން ދިނުމަށް ކުރަންޖެހޭ ހޭދަ ފާއިތުވި އަހަރު ވަނީ ގާތްގަނޑަކަށް ދެގުނައަށް އިތުރުވެފައެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މިހާރު ގިނަ މީހުން ދަނީ އެމީހުންނަށް ލިބޭ އާމްދަނީއަަށްވުރެ %50 އިތުރަށް ޚަރަދުކުރަމުުންނެވެ. މީގެ މާނައަކީ އެމީހުން އިތުރަށް ދަރަނިވެރިވަމުން ދިއުމެވެ. މިކަމުގެ ސަބަބުން ކުޑަކުދިން މަދަރުސާތަކުން ވަކިކުުރުމާ، އަންހެން ކުދިން ކުޑައިރު ކައިވެނިކުރުން ފަދަ ކަންކަން ދަނީ ހިނގަމުންނެވެ.

"އިސްމީހުންގެ ގޮތުގައި އަންހެނުން ތިބި އާއިލާތަކާއި، އާއިލީ އެހީތެރިކަމެއް ނެތް އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުޑަކުދިންނަށް ކުރާ އަސަރު ވަކިން ބޮޑު." މިސޫޔާ ވިދާޅުވިއެވެ.

2011 ވަނަ އަހަރުު ސީރިޔާގައި ފެށުނު ދާޚިލީ ހަނގުރާމައިގައި މިހާތަނަށް 5 ލައްކަ މީހުން މަރުވެފައި ވާއިރު، ހަނގުރާމައިގެ ކުރިން އެގައުމުގެ އާބާދީގައި ތިބި 23 މިލިއަން މީހުންގެ ދެބައިކުޅަ އެއްބައި ވަނީ ގެދޮރު ދޫކޮށް ހިޖުރަކޮށްފައެވެ. އަދި އޭގެ ތެރޭން 5 މިލިއަން މީހުން ދިރިއުޅެމުން ދަނި އަވަށްޓެރި ގައުމުތަކުގައި ރެފިއުޖީންގެ ގޮތުގައެވެ.

ދާޚިލީ ހަނގުރާމަ ފެށުނު ފަހުން އެގައުމުގައި އާ ގާނޫނު އަސާސީ އެކުލަވާލައި، އދ. ގެ ބެލުމުގެ ދަށުން އިންތިޚާބު ބާއްވައި، އާ ސަރުކާރެއް އެކުލަވާލުމަށް ތަފާތު ޚިޔާލުތައް ހުށަހެޅި މަޝްވަރާކުރި ނަމަވެސް މިއިން އެއްވެސް ހުށަހެޅުމަަކަށް އަމަލީ ސިފަ ގެނެވިފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.