އިތިއޯޕިޔާއިން ރިނައިސަންސް ޑޭމުން ކަރަންޓު އުފައްދަން ފަށައިފި

އިތިއޯޕިޔާއިން ނީލަ ކޯރު ހުރަސްކޮށް ބިނާކޮށްފައިވާ ރިނައިސަންސް ޑޭމް

ނީލަ ކޯރުގެ އެއް ކަފި ކަމުގައިވާ ބްލޫ ނައިލް ހުރަސްކޮށް އިތިއޯޕިޔާއިން ބިނާކޮށްފައިވާ ދަ ގްރޭންޑް އިިިތިއޯޕިއަން ރިނައިސަންސް ޑޭމް (ގާޑް) އިން ރަސްމީކޮށް ކަރަންޓު އުފައްދަން އިތިއޯޕިޔާއިން ފަށައިފިއެެވެ. ގާޑް މަޝްރޫއަކީ ފެނުން ކަރަންޓު އުފެއްދުމަށް އެފްރިކާ ބައްރުގައި ހިންގާ އެންމެ ބިޔަ މަޝްރޫއެވެ. މި މަޝްރޫއާ ދެކޮޅަށް ނީލަ ކޯރުގެ ފެނުގެ މައްޗަށް ބަރޯސާވާ ދެ ގައުމު ކަމަށްވާ މިސްރާއި، ސޫދާނުން ދަނީ އަޑު އުފުލަމުންނެވެ. އަދި އެ ދެގައުމާ އިތިއޯޕިޔާއާ ދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ.

މިސްރާއި ސޫދާނުން ދެކެނީ ޑޭމް ބިނާކުރުމަކީ އެ ދެ ގައުމުގެ އިގްތިސާދަށް އޮތް ނުރައްކަލެއް ކަމުގައެވެ. އަނެއްކޮޅުން އިތިއޯޕިޔާއިން ދެކެނީ އެ ޑޭމަކީ އެގައުމުގެ ތަަރައްގީއަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ކޮންމެެހެން ބޭނުން މަޝްްރޫއެއް ކަމުގައެވެ.

ބޮޑުވަޒީރު އަބީ އަޙްމަދު ވަނީ 4.2 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ހަދާ ބިޔާ ޑޭމުން ކަރަންޓު އުފެއްދުމުގެ މަސައްކަތް އިއްޔެ ރަސްްމީކޮށް ފައްޓަވާދެއްވާފައެެެވެ. ސަރުކާރުގެ އިސްވެރިންނާއެކު ވަޑައިގެން އިއްޔެ ކަރަންޓު އުފެއްދުމުގެ މަސައްކަތް ފައްޓަވައިދެއްވުމަށް ފަހު އިއްޔެ ދެއްކެވި ވާހަކަފުޅުގައި ބޮޑުވަޒީރު އަބީ ވަނީ އިތިޔޯޕިޔާއިން އަވަށްޓެރި ދެ ގައުމަށް ގެއްލުމެއް ދޭން ބޭނުންނުވާކަމަށް ވިދާޅުވެފައެވެ.

"އިތިއޯޕިޔާގެ މައިގަނޑު ބޭނުމަކީ އާބާދީގެ %60 އަނދިރީގައި ދިރިއުޅެމުން ދާތީ އެމީހުންނަށް އަލިކޮށްދިނުން. ހަކަތަ ހޯދުމަށް ބުރަކަށި މަތީގައި ދަރު އުފުލާ މައިންކުރާ މަސައްކަތް ކުރަން ނެޖެހޭ ގޮތް ހެދުން." ބޮޑުވަޒީރު އަބީ ވިދާޅުވިއެވެ.

"އެންމެންނަށްވެސް ފެންނާނެ ފަދައިން، އިތިއޯޕިޔާއިން މަސައްކަތްކުުރަނީ މިސްރާއީ ސޫދާން ބަނޑަށް ޖެއްސުމަށް ކަމަށް ބުނެ އަރުވާފައިވާ އަޑުތަކާއި ޚިލާފަށް، މި ފެން ސޫދާނާއި މިސްރާ ދިމާއަށް ދެމިގެން ދާއިރު އެއިން ހަކަތަ އުފައްދަނީ." އަބީ އިތުރަށް ވިދާޅުވިއެވެ.

މިސްރުގެ ފޮރިން މިނިސްޓްރީން ނެެރުނު ބަޔާނެއްގައި ތުހުމަތުކޮށްފައިވާ ގޮތުގައި، އިތިއޯޕިޔާއިން ދަނީ 2015 ވަނަ އަަަހަރުގެ އެއްބަސްވުމާ ދެކޮޅަށް ފާޅުގައި މަސައްކަތްކުރަމުންނެވެ. އިތިއޯޕިޔާއާއި، މިސްރާއި، ސޫދާނުގެ މެދުގައި ވެފައިވާ އެެެ އެއްބަސްވުމުގައި ވާގޮތުން ނީލަ ކޯރުގެ ފެން ބޭނުންކުރުމާ ބެހޭ އެއްވެސް ތިން ގައުމުން ކުރެ ގައުމެއް އަމިއްލަ ގޮތުން ނިންމައިގެން ނުވާނެއެވެ.

ސޫދާނުގެ ސަރަހައްދީ ރޮނގު ކައިރީގައި، އިތިއޯޕިޔާގެ ބެނިޝަންގުލް-ގުމޫޒް ސަރަހައްދުގައި ގާއިމުކޮށްފައިވާ 475 ފޫޓު އުސް ޑޭމުން 5000 މެގަވޯޓުގެ ހަކަތަ އުފެއްދޭނެއެވެ. މިއީ އިތިއޯޕިޔާއިން މިހާރު އުފައްދާ ހަކަތައިގެ ދެ ގުނައަށްވުރެ މަތީ މިންވަރެކެވެ.

ސަރުކާރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން އިއްޔެ ބުނި ގޮތުގައި ޑޭމްގައި ގާއިމުކޮށްފައިވާ އެއް ޓާބައިނުން އިއްޔެ ވަނީ 375 މެގަވޯޓުުގެ ކަރަންޓު އުފައްދަން ފަށާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.