ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ

ސްރީލަންކާގެ ހުޅަނގު ދެކުނުން އުފެދިގެން އައި ވަރުގަދަ ކޮޅިގަނޑު ބާރުގަދަ ތޫފާނަކަށް އެންމެ ފަހުން ބަދަލު ވެއްޖެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނީ ލަންކާ ސަރަހައްދުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމާއި ގުޅިގެން ރާއްޖެއަށްވެސް ވިއްސާރައިގެ އަސަރު ކުރިޔަށްވުރެ ބޮޑަށްކޮށް، ރާއްޖޭގެ ކަނޑުތައްވެސް އިތުރަށް ގަދަވެގެން ދާނެކަމަށެވެ.

ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ ތޫފާންގެ މިސްރާބު މިހާރު ޖަހާފައި ހުރީ ރާއްޖެއާ ދުރަށް ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ. ތޫފާންގެ މިސްރާބު މިހާރު ޖަހާފައި ވަނީ ހުޅަނގު އުތުރުން ރާއްޖެ އާއި ދުރަށް އިންޑިއާގެ އައްސޭރި ފަށުގެ ރަށެއް ކަމަށްވާ ލަކްޝަދީޕާ ދިމާލަށެވެ. ނަމަވެސް ލަކްޝަދީޕް ކައިރިން ތޫފާން ގޮސް އަންނަ ހަފްތާގެ ހޮނިހިރު ނުވަތަ އާދީއްތަ ދުވަހުގެ ވަގުތެއްގައި އަރަބި ކަނޑުގެ ތެރެއަށް ތޫފާން ދާނެކަމަށްވެސް މޫސުމާބެހޭ އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ކުރިޔަށް އޮތް ބާރަ ގަޑިއިރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ވަގުތު ތަކެއް ކަމުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެއެވެ. ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުންނެވެ.

ރާއްޖޭގެ މޫސުން ގޯސްވުމުގެ ސަބަބުން ބަޔެއް ހިސާބު ތަކަށް މިހާރުވެސް އަންނަނީ އެކިވަރުގެ ގެއްލުންތައް ވަމުންނެވެ. އެގޮތުން ބަޔެއް ރަށްރަށަށް ކޮންމެވެސް ވަރަކަށް އުދައެރުމާއި ފެންބޮޑު ވުން ފަދަ ކަންކަން އަންނަނީ ކުރިމަތި ވަމުންނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.