އެފްރިކާގެ އިރުދެކުނު ބިތުގައި އިންޑިޔާގައި ކަނޑުގައި އޮންނަ ޖަޒީރާ ގައުމު މަޑަކަސްރައަށް ބާރުގަަދަ ޠޫފާން 'ބަޓްސިރާއީ' އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މަދުވެގެން 10 މީހުން މަރުވެފައި ވާއިރު ބައެއް އަވަށްތައް ވަނީ ސުންނާފަތިވެފައެވެ. އަދި 50 ހާސް މީހުން ތިބީ ގެދޮރު ނެތިފައެެވެ.
ފާއިތުވި ޖަނަވަރީ މަހު އެގައުމަށް 'އަނާ' ޠޫފާނުން ލިބުނު ގެއްލުންތަކުން އަރައިނުގަނެވިގެން އުޅެނިކޮށް ހޮނިހިރު ދުވަހު އެގައުމުގެ އިރުމަތީ އައްސޭރިއަށް އެރި ބަޓްސިރާއީ ޠޫފާނުގައި ގަޑިއަކު 235 ކިލޯމީޓަރަށް ވައިޖެހިފައި ވެއެވެ.
މަނަންޖާރީ އަވަށާއި ދިމާއަށް ޠޫފާން އެއްގަމަށް އެރުުމުގެ ކުރިން އެ ޠޫފާނާއެކު އައި ބޯ ވިއްސާރައިގައި އެ ސަރަހައްދުގެ ބޮޑު ބައެއްގައި ވަނީ ފެންބޮޑުވެފައެވެ.
"މަނަންޖާރީ ވަނީ މުޅިން ސުންނާފަތި ވެފައި. ކޮންމެ ދިމާއަކަށް ދިޔަޔަސް ފެންނާނީ ހުރިހާ ތަކެއްޗެއް ހަލާކުވެފައިވާތަން." ބޭރުގެ ޚަބަރުފަތުރާ އެޖެންސީއަކަށް މައުލޫމާތު ދެމުން އެވަށުގެ މީހަކު ބުންޏެވެ.
"ހީވަނީ އަހަރުމެންެ ބޮލަށް ބަޔަކު ބޮން އެޅީހެން. ނޮސީ ވަރިކާ އަވަށުގެ %95 ވަނީ ހަލާކުވެފައި. ރަނގަޅަށް ބިނާކޮށްފައި ހުރި ގެތަކުގެ ފުރާޅުތައް އެއްލާލާފައި ވާއިރު، ލަކުޑި ޖިފުޓިތަކުގެ ބޮޑުބައި ވަނީ ހަލާކުވެފައި." އޭނާ ކިޔައިދިނެވެ.
"އަހަރުމެންނަށް ފެންނަނީ މުޅިން ސުންނާފަތިވެފައިވާ ތަންތަން. ބުޑުން ލުހިގެން ވެއްޓިފައިވާ ގަސްތައް. ވެއްޓިފައިވާ ކަރަންޓު މުޑިތައް. ވަޔާ އެއްލާލައިފާ ފުރާޅުތައް. މުޅި ރަށް އޮތީ ފެނުއަޑީގައި." ވެރިރަށް އަނަންތަނަނަރީވޯގެ ދެކުނުން 430 ކިލޯމީޓަރު ދުރުގައި އޮންނަ ފިއަނަރަންޓްސޯއާ އަވަށުގެ މީހަކު ކިޔައިދިނެވެ.
މަޑަގަސްކަރައިގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ޠޫފާނުގެ ވިއްސާރައިގައި ގައުމުގެ އެކި ކަންކޮޅުތަކުގައި ފެންބޮޑުވުމުގެ ފުރުސަތު އެބައޮތެވެ.
ފާއިތުވި ޖަނަވަރީ މަހު މަޑަކަސްކަރައަށް ޠޫފާން "އަނާ" އެރުމުގެ ސަބަބުން 55 މީހުން މަރުވެފައިވާއިރު، އެ ޠޫފާންގެ ސަބަބުންވެސް ގައުމުގެ އެކި ހިސާބުތަކަށް ބޮޑެތި ގެއްލުން ލިބިފައި ވެއެވެ.
މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދޭގޮތުގައި ޠޫފާނު ބާރު މިހާރު ދެރަވެ ގަޑިއަކު 80 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހެމުން ދިޔަ ނަމަވެސް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވެއެެވެ. ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ގައުމުގެ މެދުތެރޭ އަދި ދެކުނުގެ ސަރަހައްދުތަކަށް 150 މިލިމީޓަރާ 200 މިލިމީޓަރާ ދެމެދުގެ މިންވަރަކަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެއެެވެ.