އިސްރާއީލު އޭޔޫގެ އޮބްޒާވަރަކަށް ހެދުމާމެދު އެފްރިކާގެ ގައުމުތަކުގެ މެދުގައި ދެބަސްވުން

އެޑިސް އަބާބާގައި އިއްޔެ ފެށި އޭޔޫގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގެ ބައިވެރިން

އެފްރިކަން ޔުނިއަން (އޭޔޫ) ގައި އޮބްޒާވަރެއްގެ ހައިސިއްޔަތު އިސްރާއީލަށް ދިނުމުން އެފްރިކާގެ ބޮޑެތި ބައެއް ގައުމުތަކުން ފާޅުގައި އެކަމާ ދެކޮޅުހަދައިފިއެވެ. މި ދެބަސްވުންތައް ފެންމަތިވެފައި ވަނީ އިތިއޯޕިޔާގެ ވެރިރަށް އެޑިސްއަބާބާގައި އިއްޔެ ފެށި އޭޔޫގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައެވެ.

އިސްރާއީލަށް އޮބްޒާވަރެއްގެ ހައިސިއްޔަތު ދިނުމުގެ އިތުރަށް މިބައްދަލުވުގައި އެންމެ ބޮޑަށް ބަހުސްކުރެވޭނެ އެއް މައްސަލައަކީ ހުޅަނގު އެފްރިކާގެ ބައެއް ގައުމުތަކުގައި ދާދިފަހުން ގެނައި އަސްކަރީ އިންގިލާބުތަކުގެ މައްސަލައެވެ.

ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދެއްކެވި ބައެއް ބޭފުޅުން ވަނީ އިސްރާއީލަށް އޮބްޒާވަރެއްގެ ހައިސިއްޔަތު ދިނުމާ ދެކޮޅަށް ވާހަކަފުޅުދައްކަވާފައެވެ.

އޭޔޫގެ އޮބްޒާވަރެއްގެ ހައިސިއްޔަތު އިސްރާއީލަށް ދިނުމަށް އެފްރިކަން ކޮމިޝަންގެ ޗެއާމަން މޫސާ ފަކީ ފާއިތުވި ޖުލައި މަހު ނިންމެވި ހިސާބުންވެސް ބައެއް ގައުމުތަކުން ދިޔައީ އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެހެންނަމަވެސް، ފަކީ ވަނީ އޭނާގެ ނިންމެވުން ދިފާއުކުރައްވާފައެވެ.

އިސްރާއީލު އޮބްޒާވަރަކަށް ހެދުމާ ދެކޮޅަށް އެންމެ ބާރަށް އަޑުއުފުލި އެއް ގައުމަކީ އަލްޖީރިޔާ (އަލްޖަޒާއިރު) އެވެ.

"މިކަމުގައި ދެ ގޯސް ހަދާފައި އެބަވޭ. ފުރަތަމަ ގޯހަކީ އޭޔޫގެ މެންބަރު ގައުމުތަކާ މަޝްވަރާކުރުމެއް ނެތި (އިސްރާއީލަށް) އޮބްޒާވަރެއްގެ ހައިސިއްޔަތު ދިނުން.... ދެވަނަ ގޯހަކީ މެންބަރު ގައުމުތަކުގެ މެދުގައި މިކަމާމެދު ޚިޔާލުތަފާތުވުން އޮތްއިރުވެސް އެކަން ހައްލުކުރަން މަސައްކަތްކޮށްފައި ނުވުން." އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އަލްޖީރިޔާގެ ޚާރިޖީ ވަޒީރު ރަމްޠާން ލިޢްމާމަރާ ވިދާޅުވިއެވެ.

ދެކުނު އެފްރިކާއިންވެސް ވަނީ އިސްރާއީލާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާކުރުމެއް ނެތި އެއް ފަރާތަކުން ނިންމި ނިންމުން ކުށްވެރިކޮށްފައެވެ. ދެކުނު އެފްރިކާގައި ވެރިކަންކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) އަކީ އަބަދުވެސް ފަލަސްޠީނު މީހުން ހައްގުގައި ވަކާލާތުކުރާ ޕާޓީއެކެވެ.

އޭޔޫގެ އެންމެ އިސްވެރިންގެ ބައްދަލުވުގެ ބައިވެރިންނާ ހިއްސާކުރި އިންޓާނަލް މެމޯއެއްގައި ބުނާގޮތުން އަލްޖީރިޔާއާއި ނައިޖީރިޔާއާއި ދެކުނު އެފްރިކާގެ އިތުރުން، އެފްރިކާގެ ދެކުނު ބިތުގެ ގައުމުތަކުގެ ބްލޮކުން ވަނީ އިސްރާއީލަށް އޮބްޒާވަރެއްގެ ހައިސިއްޔަތު ދިނުމަށް ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެދިފައެވެ.

އަނެއްކޮޅުން މި ބައްދަލުވުމުގައި ވާހަކުފުޅުދައްކަވަމުން ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު އިޝްތިޔާވެސް ވަނީ މި ނިންމުން އަބުރާ ގެންދިއުމަށް ގޮވަލައްވާފައެވެ.
"މިއީ ހައްގުނޫން ހަދިޔާއެއް. މިނިންމުމުގެ ސަބަބުން ބައިނަލް އަގުވާމީ ގާނޫނުތައް މުގުރާލައި، ހައްގުތަކަށް އަރައިގަންނަމުން ދިއުމަށް (އިސްރާއީލަށް) ހިތްވަރު ލިބޭނެ." އިޝްތިޔާ ވިދާޅުވިއެވެ.

އެފްރިކާގެ ގައުމުތަކުގެ ކުރީގެ ޖަމްއިއްޔާ އޮގަނައިޒޭޝަން އޮފް އެފްރިކަން ޔުނިޓީ (އޯއޭޔޫ) ގައި އޮބްޒާވަރެއްގެ ހައިސިއްޔަތު އިސްރާއީލަށް އޮތެވެ. އެހެންނަމަވެސް، 2002 ވަނަ އަހަރު އޯއޭޔޫ އޮވާލައި އެފްރިކަން ޔުނިއަން (އޭޔޫ) އުފެދުމާއެކު އިސްރާއީލަށް  އެ ހައިސިއްޔަތު ގެއްލުނީއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.