ފަނަރަ ހާހެއްހާ ދިވެހިން ދިރިއުޅެމުން އަންނަ ސްރީލަންކާއަށް ކުރަމުން އަންނަ ވިއްސާރައިގައި، ދިވެހިން އެންމެގިނައިން ދިރިއުޅޭ އެއްސަރަޙައްދު ކަމަށްވާ ދެހިވިލައިގައި ދިވެހިން ދިރިއުޅޭ ގެޔަކަށް ގެއްލުންތަކެއް ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބާރު ވަޔާއެކު ލަންކާއަށް ކުރަމުން އަންނަ ގަދަ ވިއްސާރައިގައި ދިވެހިން އުޅޭ ގެޔެއްގެ ފުރާޅުން ބަޔެއް ވަނީ އެއްލާލާފައެވެ. ނަމަވެސް ފުރާޅު ބޭނުން ނުކުރެވޭ ވަރަށް ހަލާކުނުވާ ކަމަށްވެއެވެ. ލަންކާއަށް ކަނޑައަޅުއްވާފައިވާ ދިވެހި ސަފީރު މުޙަންމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި ދިވެހިން އުޅޭ ގެޔެއްގެ ފުރާޅުން ޓިނުގަނޑެއް އެއްލާލުން ފިޔަވައި އެހެން ގެއްލުމެއް އަދި މިހާތަނަށް ދިވެހިންނަށް މި ވިއްސާރައިގައި ލިބިފައިނުވެއެވެ. މުންދު ވިދާޅުވީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ ޙާލަތު ދިވެހި އެމްބަސީން އަންނަނީ ވަރަށް ކައިރިން ބަލަމުން ކަމަށެވެ.
ވިއްސާރައިގެ ސަބަބުން ދިވެހިން އެންމެގިނައިން ދިރިއުޅޭ ދެހިވަލަ އާއި ވެއްލަވައްތެ އާއި މައުޓްލެވީނިއާ ފަދަ ހިސާބުތަކުން ވަރަށްގިނައިރު ކަރަންޓުގެ ޚިދުމަތް ކެނޑިފައިވެސް އޮތެވެ. ލަންކާއަށް ކުރަމުން އަންނަ ވިއްސާރައަކީ އެގައުމުގެ މަތީގައި އުފެދުނު ވަރުގަދަ ކޮޅިގަނޑެއްގެ އަސަރެވެ. ލަންކާގެ ހުރިހާ ހިސާބަކަށް ކަހަލަ ގޮތަކަށް އަންނަނީ މި ކޮޅިގަނޑުގެ އަސަރު ފޯރަމުންނެވެ. އެގޮތުން އެކި ހިސާބު ތަކަށް ދަނީ ގަދަ ވަޔާއި ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވެސް ވަމުންނެވެ.