އެެމިކާގެ ކަޅު ނަސްލުގެ ޒުވާނެއް ކަމުގައިވާ އަހްމަދު އާބަރީ މަރާލުމުގެ ކުށުގައި ދޮން ނަސްލުގެ ތިން މީހަކު އުމުރަށް ޖަލަށްލުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
އާބަރީ މަރާލާފައި ވަނީ 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހު ޖޯޖިއާ ސްްޓޭޓްގެ ބްރަންސްވިކްގައި އޮންނަ ސެޓިލާ ޝޯސް ގައި ދުވަން ނުކުމެ އުޅެނިކޮށް ޖިޕަކުން އޭނާ ފަަހަތުން ގޮސް އޭނާ އަތުލައިގެން ގަޔަށް ބަޑިޖަހައިގެންނެވެ. އާބަރީގެ އަނިޔާވެރި ގަތުލާ ގުޅިގެން ނަސްލީ އިމްތިޔާޒާއި، ކަޅު ނަސްލުގެ މީހުންނަށް ފާރަލައިގެން އަނިޔާކުރުމާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކޮށް، އޭނާއަށް އިންސާފު ހޯދައިދިނުމަށް ގިނަ ބަޔަކު ގޮވާލާފައި ވެއެވެ.
އުމުރުން 35 އަހަރުގެ ޓްރެވިސް މައިކަލްއާއި، އޭނާގެ ބައްޕަ ގްރެގޮރީ މެކްމައިކަލް (65 އ.) އަދި އެ ދެމީހުންގެ އަަވަށްޓެރިޔާ ވިލިއަމް ބްރަޔަން (52 އ.) ގެ މައްޗަށް ޗެތަމް ކައުންޓީގެ ސުޕީރިއާ ކޯޓުގެ ފަނޑިޔާރު ޓިމޮތީ ވޯމްޒްލީ އިއްވަވާފައި ވަނީ ޕެރޯލްގެ ފުރުސަތު ނެތް އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.
ފަނޑިޔާރު ހުކުމް އިއްވެވިއިރު ތިން ގާތިލުން ވެސް ކޯޓުގައި އެ ހުކުމް އަޑުއަހަން ތިއްބެވެ.
ހުކުމް އިއްވަވަމުން ފަނޑިޔާރު ވޯމްޒްލީ ވިދާޅުވީ "ސެޓިލާ ޝޯސްގައި ދުވަމުން ދިޔަ ޒުވާނާއާ ކުރިމަތިވި ޓެރިރަޒަމާ މެދު" އޭނާ އެތައް ފަހަރަކު ވިސްނެވި ކަމުގައެވެ.
"ފެންނަން އޮތް ހަގީގަތަށް ބަލާއިރު އޭނާ ގެއިން ނުުކުތީ ދުވެލަން. އެންެމެފަހުން އޭނާ ޖެހުނީ އޭނާގެ ފުރާނަ ސަލާމަތްކުރަން ދުވަން..... އޭނާ މަރާލެވުނީ މި ކޯޓު ތެރޭގައި ތިބި ބައެއް ފަރުދުން ގާނޫން އެމީހުން އަތަށް ލުމުން." ފަނޑިޔާރު ވޯމްޒްލީ ވިދާޅުވިއެވެ.
ހުކުމް އިއްވުމުގެ ކުރިން އާބަރީގެ އާއިލާގެ ފަރާތުުން ވަނީ އޭނާގެ ގާތިލުންނަށް މައްޗަށް ގާނޫނުގައި އޮތް ހަރުކަށި އަދަބު ދިނުމަށް ފަނޑިޔާރަށް އިލްތިމާސްކޮށްފައެވެ.
"އެމީހުން ކުރެ އެކަކުވެސް އެމީހުން ހިންގި އަމަލާމެދު ދެރަނުވޭ. އެމީހުންނަށް އެއްވެސް ލުޔެއް ނުދެއްވުން އެދެން." ހުކުމް އިއްވުމުގެ ކުރިން ކޯޓުގައި ވާހަކަދައްކަމުން އާބަރީގެ މަންމަ ބުންޏެވެ.
އާބަރީ މަރާލި ތިން ގާތިލުން އޭނާ ފަހަތުން ގޮސް އަތުލައިގެން އޭނާ މަރާލި މަންޒުރު ވީޑިޔޯކޮށްފައި ވާއިރު، އެ މީހުން ކޯޓުގައި ބުނެފައި ވަނީ އެމީހުން ހީކުރީ އާބްރޭއަކީ ވަައްކަންކުރަން އުޅުނު މީހެއް ކަމަށެވެ. ނަމަވެސް ކޯޓުން ބުނެފައި ވަނީ އެމީހުން ދައްކާ ވާހަކައިގެ އެެއްވެސް ހެއްކެން ނެތް ކަމުގައެވެ.
އާބަރީގެ ގާތިލުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ތިން ފަނޑިޔާރުގެ ބެންޗަކުން ނިންމާފައި ވަނީ ފާއިތުވި ނޮވެންބަރު މަހުގެ ތެރޭގައެވެ.