ޑިމޮކްރަސީގައި ކަންކަން ނިންމާނީ ވޯޓުން ކަމަށާއި ޑިމޮކްރަސީގައި ކަންކަން ނިންމާއިރު އަތްފައި އިސްނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުޙަންމަދު ވިދާޅުވެއްޖެއެވެ.
18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާއަށް ފަހު މަޖިލިސް ޗުއްޓީއަށް ދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މަސީހު ވިދާޅުވީ ޑިމޮކްރަސީގައި ކަންކަން ނިންމާއިރު އެހާބޮޑަށް އަނގަވެސް "ކަސްރަތު ނުކުރާނެ" ކަމަށާއި ޑިމޮކްރަސީގައި ކަންކަން ކާމިޔާބު ކުރަންވާނީ އާގިއުމަންޓުން ކަމަށެވެ. އެހެންކަމުން "ބަޔެއްގެ ސްމާޓް ކަމުން" ކަމެއް ވަކިގޮތަކަށް ނިމުނުކަމުގައި ވިޔަސް އެކަމާ ހިތްހަމަނުޖެހޭ ފަރާތްތަކުން މާޔޫސް ވެގެންނުވާނެ ކަމަށްވެސް މަސީހު ވިދާޅުވިއެވެ.
މަސީހު ވިދާޅުވީ މަޖިލީހުގެ މި ދައުރު ނިންމާލައި، މެމްބަރުން ޗުއްޓީއަށް ވަޑައިގަންނަވަނީ އުފެއްދުންތެރި މަސައްކަތްތަކެއް މަޖިލިސް ތެރެއިން ކުރެއްވުމަށް ފަހު ކަމަށެވެ. އަދި މި ދައުރުގައިވެސް މަޖިލީހުން ކުރި ހުރިހާ މަސައްކަތްތަކަކީވެސް ދިވެހި ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
މި ދައުރުގައި ޖުމްލަ 45 ޖަލްސާ ބޭއްވުނުއިރު މަޖިލީހުގެ އުފެއްދުންތެރިކަމުގެ ނިސްބަތަށް ބަލާއިރު އެއީ 95.7 ޕަސެންޓް ކަމަށްވެސް މަސީހު ވިދާޅުވިއެވެ. އަދި ދައުރުގެ މިހިސާބަށް އައިއިރު ޖުމްލަ 421 ކަމެއް ނިންމާފައިވާ ކަމަށާއި، އޭގެތެރޭގައި 141 ބިލުވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
މެމްބަރުން މިރެޔަށް ފަހު ޗުއްޓީއަށް ވަޑައިގަތުމަށް ފަހު ދެން މަޖިލީހުގެ އަންނަ ދައުރުގެ ޖަލްސާތައް ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.