ކްރިސްމަސްއަށް އައިފޯނަކަށް އޯޑަރުކުރުމުން ލިބުނީ ކެޑްބަރީ ދެ ޗޮކްލެޓް

އައިފޯނުގެ ބަދަލުގައި ކެރޯލްއަށް ލިބުނު ޗޮކްލެޓް

އިނގިރޭސިވިލާތުގެ ލީޑްސްގައި ދިރިއުޅޭ ޑާނިއެލް ކެރޯލް 21 ހާސް ދިވެހި ރުފިޔާގެ އައިފޯނަކަށް އޮންލައިންކޮށް އޯޑަރުކުރުމުން އޭނާ ލިބުނު ޕާރުސަލާއެކު އޭނާއަށް ލިބުނީ ހަޔާތުގައި އޭނާއަށް މިހާތަނަށް ދިމާވި އެންމެ ބޮޑު ސިހުމެވެ. އޭނާއަށްލިބުނީ ޕާރުސަލުގައި އޮތީ ކެޑްބަރީ 2 ޗޮކްލެޓެވެ.

105 ޕައުންޑު ޚަރަދުކޮށްގެން އޮންލައިން ފިހާރައަކުން އައިފޯން 13 ޕްރޯ މެކްސް ފޯނެއް ގަތުމަށް ފަހު ކެރޯލް ހުރީ އާ ފޯނު ލިބޭނެ ވަގުތަކަށް ކެތް މަދުވެފައެވެ. އޭނާގެ ޕާރުސަލު ދަތުރުކުރާ ގޮތް ޓްރެކް ކުރަމުން ދިޔަނަމަވެސް ޕާރުސަލު ލިބުނީ ދެ ހަފުތާ ފަހުންނެވެ.

އެންމެ ފަހުން ޑީއެޗްއެލް ވެއާހައުސްއަށް ގޮސް އެތަނުން ޕާރުސަލު ނަގައިގެން ގެއަށް އައިސް އުފަލުން ހުރެ އެ ކަނޑާލިއިރު އޭގައި ފޯނެއް ނެތެވެ. އޭގައި އޮތީ ފާޚާނާ ކަރުދާހުގައި (ޓޮއިލެޓް ޕޭޕަރުގައި) އޮޅާފައި އޮތް ކެޑްބަރީ އޯރިއޯ ވައިޓް ޗޮކްލެޓް 120 ގްރާމުގެ 2 ޗޮކްލެޓެވެ.

"ޑީއެޗްއެލް ޕާރުސަލް ޔޫކޭ ގެ ވިއުގައިގެ ތެރޭގައި މުޅިން އާ އައިފޯން މެކްސް ޕްރޯ ދިގު ހަފުތާ ބަންދަކަށް ތާށިވެފައި އޮތުމަށް ފަހު އަހަރެން އަމިއްލައަށް ޑީއެޗްއެލް ލީޑްސްއަށް ގޮސް ޕާރުސަލު ނެނގުމުން އެނގުނީ އެ ޕާރުސަލާ ކުޅެފައިވާކަން. އަދި އާ ފޯނު (ކްރިސްމަސް ހަދިޔާއެއް) ބަދަލުގައި ހުރީ މި." ޕާރުސަލުގައި ހުރި ޗޮކްލެޓުގެ ފޮޓޯއެއް ޓުވިޓާއަށް ލުމަށް ފަހު އެއަށް އިޝާރާތްކޮށް ކެރޯލް ލިޔެފައި ވެއެވެ.

އޭނާ ވަނީ ޑީއެޗްއެލްއަށް މައްސަލަ ހުށަހަޅާފައެވެ. ޑީއެޗްއެލްއިން ބުނީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާ، ކެރޯލްއަށް ބަދަލުދިނުމަށް ފޯނު ފޮނުވި ފަރާތުގައި އެދިފައިވާ ކަމަށެވެ. އެޕްލްއިން ބުނީ މައްސަލަ ބަލައި ނިމުމުން އޭނާއަށް ބަދަލު ދިނުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.