ކާބުލްގެ ޙާމިދް ކަރްޒާއީ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމާ ގުޅޭގޮތުން ޤަޠަރާއި ތުރުކީގެ މަންދޫބުން ޠާލިބާން ޖަމާއަތާއި މަޝްވަރާކުރައްވަމުން އެބަ ގެންދަވާކަމުގައި އެ ޖަމާއަތުން ބުނެފިއެވެ.
ޔޫރަޕުގެ ޚަބަރުފަތުރާ އެޖެންސީއަކަށް މައުލޫމާތުދެއްވަމުން ޠާލިބާންގެ ތަރުޖަމާނު ޒަބީޙުﷲ މުޖާހިދު ވިދާޅުވިގޮތުގައި މަޝްވަރާތައް ކުރިއަށް ދިޔަނަަމަވެެސް އަދި އެއްބަސްވުމަކާ ހަމައަށް ނާދެވެއެވެ. މި މަޝްވަރާތަކާ ބެހޭގޮތުން ޤަޠަރާއި ތުރުކީން އެއްވެސް އެއްޗެއް ބުނެފައި ނުވެއެެވެ.
ޤަޠަރާއި ތުރުކީގެ ގުޅިފައިވާ ޓެކްނިކަލް ޓީމެއް ފާއިތުވި ބުރާސްފަތި ދުވަހު ކާބުލްއަށް ގޮސްފައިވާއިރު، މިހާރު ޠާލިބާން ޖަމާއަތުން ވެރިކަންކުރާ އަފްޣާނިސްތާނުގެ 5 އެއާޕޯޓެއް އެދެގައުމު ގުޅިގެން ހިންގުމަށް ހުށަހަޅާފައިވާ ކަމުގެ ޚަބަރުތަކެއް ލިިބިފައި ވެއެވެ. މި 5 ފަސް އެއާޕޯޓުގެ ތެރޭގައި ކާބުލް އެއާޕޯޓުވެސް ހިމެނެއެވެ.
ޠާލިބާން ޖަމާއަތުގެ އިސް އޮފިޝަލަކު މައުލޫމާތުދެއްވި ގޮތުގައި މަޝްވަރާތައް ކުރިއަށްް ދާނެއެވެ. އަދި މަޝްވަަރާތައް ކާމިޔާބުވެ، އެއްބަސްވުމަކާ ހަމައަށް އާދެވިއްޖެނަމަ ކާބުލް އެއާޕޯޓުން އެތެރޭގެ އުދުހުންތަކާއި، ބައިނަލް އަގުވާމީ އުދުހުންތައް ފެށިގެން ދާނެއެވެ.
ބައިނަލް އަގުވާމީ އުދުހުންތަކަށް އަފްޣާނިސްތާނުގެ ވައިގެ ސަރަހައްދު މިހާރު އޮތީ ބަންދުކޮށްފައެވެ. މިހާރު ހުއްދަ ދެނީ އެތެރޭގެ އުދުހުންތަކަށާއި، ބައިނަލް އަގުވާމީ އިންސާނީ އެހީ ގެންދިއުމަށާއި، އެހެން ގައުމުތަކުގެ މީހުން ގައުމަށް އަނބުރާ ގެންދިއުމަށް ބާއްވާ އުދުހުންތަކަށް އެކަންޏެވެ.
ޠާލިބާން ހަލުވިކަމާއެކު އަފްޣާނިސްތާނު ހިފުމުން އެމެރިކާއާއި ނޭޓޯގެ ސިފައިން ކުއްލި ގޮތަކަށް އެގައުމުން ފައިބައިިގެން ދިޔައިރު ކާބުލް އެއާޕޯޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެއާޕޯޓުގެ ޓާމިނަލާއި، ރާޑަރު ސިސްޓަމް ހަލާކުވެފައިވާއިރު، އެތަނުގައި ހުރި ގިނަ މަތިންދާބޯޓުތަކެއްވެސް ވަނީ ހަލާކުވެފައެވެ.
ޤަޠަރުގެ އިސް ބޭފުޅުންނާ ކުރެއްވި މަޝްވަރާތަކަށް ފަހު، ފާއިތުވި ހޯމަ ދުވަހު ތުރުކީގެ ޚާރިޖީ ވަޒީރު މައުލޫދު ޖާވޭޝްއޮގްލޫ ވިދާޅުވެފައި ވަނީ އަފްޣާނިސްތާނުގައި މިހާރު ބޭނުންކުރެވޭ ހާލަތުގައި އޮތް 5 އެއާޕޯޓެއް ދެގައުމު ގުޅިގެން ހިންގުމާ ގުޅޭގޮތުން ޤަޠަރާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމުގައެވެ.