ނަސާރާއިން ކްރިސްމަސްއާއެކު އާއަހަރު ފާހަގަކުރާ 'ޗުއްޓީގެ މޫސުން' ކައިރިވަމުން އަންނައިރު އެމެރިކާގެ ގިނަ ބަޔަކު ތިބީ އަސާސީ ކާބޯތަކެތި ނުލިބި، ބަނޑުހައިހޫނުކަމުގެ ހާލަތުގައިކަން ހާމަވެެއްޖެއެވެ.
ޔޫ.އެސް. ސެންސަސް ބިއުރޯއިން ބުނި ގޮތުގައި، ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް އާއިލާތަކަށް ސަރުކާރުންދޭ އެހީ ނުލިބުމާއި، ކާބޯތަކެތީގެ އަގުބޮޑުވުމުގެ ސަބަބުން، މި ޑިސެންބަރު މަސް ފެށުނުއިރު 21 މިލިއަން މީހުން ތިބީ ބަނޑުހައިހޫނުކަމުގެ ހާލަތުގައެވެ. މާނައަކީ ކޮންެމެ ދުވަހު ހުރިހާ ވަގުތަކަށް ބޭނުންވާ ކާބޯތަކެތި ހަމައަށް ނުލިބޭ ހާލަތުގައެވެ.
އާމްދަނީ ދަށް އާއިލާތަކަށް ސަރުކާރުން އެހީތެރިވުމަށް ހިންގަމުން އައި ޗައިލްޑް ޓެކްސް ކްރެޑިޓް ޕްރޮގްރާމް މިމަހުގެ ނިޔަލަށް ނިމޭއިރު، މި ޕްރޮގްރާމުގެ މުއްދަތު އިތުރުކުރަން ސެނެޓުން އަަދިވެސް ފާސްކޮށްފައި ނުވާތީ، މި އާއިލާތަކަށް އިތުރު ދަތިތަކެއް ކުރިމަތިވާނެއެވެ.
ޗައިލްޑް ޓެކްސް ކްރެޑިޓް ޕްރޮގްރާމަކީ އާމްދަނީ ދަށް ފަރާތްތަކުގެ ތެރޭން ޓެކްސް ދައްކަން ޖެހޭ މީހުންގެ 18 އަހަރަށްވުރެ ހަނގު ދަރިން ތިބި ނަމަ، އެކުދިންނަށް ދޭ އެހީއެއްގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ޓެކްސްއިން ބައެއް އުނިކުރުމަށް ފަހު ޓެކްސް ނެގުމެވެ.
ބައެެއް ފަހަރު ނުވަތަ ގިނަ ފަހަރު ކާބޯތަކެތި ބޭނުން ވަަރަށް ނުލިބޭ އާއިލާތަކުގެ ނިސްބަތް ވަނީ %9.7 އަށް މަތިވެފައިވާކަމަށް ސެންސަން ބިއުރޯގެ ހައުސްހޯލްޑް ޕަލްސް ސާވޭއިން ވަނީ ދައްކާފައެވެ.
ކާބޯތަކެއްޗަށް ބޭނުންވެފައިވާ މިންވަރު އިތުރުވެފައިވާއިރު، ކާބޯތަކެތީގެ އަަގު ވަނީ %6.4 އުފުލިފައެވެ. އަދި ހަށިގަނޑަށް ބޭނުންވާ ކާނާ ރަނގަޅަށް ނުލިބުމުގެ ސަބަބުން ދިމާވާ މައްސަލަތަކުގައި ކްލިނިކްތަކަށްް ދައްކާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.
ޗައިލް ޓެކްސް ކްރެޑިޓް ޕްރޮގްރާމުގެ ދަށުން އަހަަރަކު 1 ލައްކަ 50 ހާހަށްވުރެ މަދުން އާމްދަނީ ލިބޭ އާއިލާތަކަށް ޓެކްސް ކްރެޑިޓް ދެވޭނެއެވެ. މިގޮތުން އުމުރުން 6 އަހަރު ނުުފުރޭ ކޮންމެ ކުއްޖަކަށް މަހަކު 300 ޑޮލަރު ދޭއިރު، 6 އަހަރު ފުރި 18 އަހަރު ނުފުރޭ ކޮންމެ ކުއްޖަކަށް މަހަކު 250 ޑޮލަރު ދެއެވެ.