ޕާކިސްތާނުގެ އެންމެ ބޮޑު ރަށް ކަރާޗީ ޝޭރްޝާހް އަވަށުގެ ޕަރާޗާ ޗޯކްގެ އިމާރާތެއްގެ ދަށުން ގޭސް ހޮޅިއެއް ގޮވުމުގެ ސަބަބުން 15 މީހުން މަރުވެ، 16 މީހުން މަރުވެ، އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
އެ އަވަށުގެ ޕޮލިސް ސްޓޭޝަންގެ އެސްއެޗްއޯ (ސްޓޭޝަން ހައުސް އޮފިސަރ) ޒަފަރް ޢަލީ ޝާހް ވިދާޅުވި ގޮތުގައި ގޮވާފައި ވަނީ ހަބީބް ބޭންކެ ގޮތްޕެއް ހިންގާ އެއިމާރާތުގެ ދަށުގައިވާ ކާނެއްގައި އޮތް ދަށުން އޮތް ގޭސް ހޮޅިއެކެވެ. އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރުމަށް އެ އިމާރާތް ހުސްކުރަން ނޯޓިސް އޮތީ މި ހާދިސާ ހިނގުމުގެ ކުރިން ދީފައެވެ.
ފުލުހުންގެ ތަރުޖަމާނު ސުހައިލް ޖޮކިއޯ ވިދާޅުވި ގޮތުގައި ގޭސް ހޮޅި ގޮވަން މެދުވެރިވީ ކޮން ސަބަބެއްކަން އަދި ސާފުނުވެއެވެ. އަދި ކަމާބެހޭ ތަހުގީގުތައް މިހާރު ވަނީ ފަށާފައެވެ.
ޓީވީން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި އިމާރާތުގެ ފަންގިފިލާ މުޅިން ފުނޑުފުނޑުވެ، އޮޅިފައިވާ ދަނގަޑުތައް ހުރީ ފެންނާށެވެ.
"މިހާތަނަށް 15 މީހަކު ވަނީ މަރުވެފައި. އަދި ޒަޚަމްެވެގެން 16 މީހަކު ވަނީ ހޮސްޕިޓަލަށް ގެންދެވިފައި." ކަރާޗީގެ އެޑްމިނިސްޓްރޭޓަރ މުރްތަޒާ ވައްހާބް ވިދާޅުވިއެވެ.
ސީނިއާ ޕޮލިސް އޮފިސަރެއް ކަމުގައިވާ ސަރްފަރާޒް ނަވާޒް ޝޭޚް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހާމަކުރެއްވި ގޮތުގައި ހަލާކުވި އިމާރާތް ބިނާކޮށްފައި ވަނީ ނަރުދަމާ ނިޒާމުގެ ކާނެއްގެ މަތީގައެވެ.
ގޮވުމުގެ ބާރުގަދަ ކަމުން ދެ ފަންގިފިލާގެ އެ އިމާރާތް ވަނީ މުޅިން ހަލާކުވެފައެވެ. ކައިރީގައި ހުރި ޕެޓްރޯލް ސްޓޭޝަނަކާއި، އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި އުޅަނދުތައްވެސް ވަނީ ހަލާކުވެފައެވެ. އަދި ކައިރީގައި ހުރި އިމާރާތްތަކުގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ވެސް ވަނީ ތަޅައިގެން ގޮސްފައެވެ.
ހަބީބު ބޭންކުން ކުރި ޓުވީޓެއްގައި ވަނީ ގޭސް ހޮޅި ގޮވުމުގެ ސަބަބުން ބޭންކްގެ އެ ގޮފީގެ އިމާރާތް މުޅިން ހަަލާކުވެފައިވާ ކަމާއި، ގިނަ ބަޔަކު މަރުވެ ގިނަ ބަޔަކަށް އަނިޔާވެފައިވާކަން ހާމަކޮށްފައެވެ.
"ހިތާމަ ލިބިފައިވާ ފެމިލީތަކަށް އަަހަރުމެން ހަމްދަރްދީ ވަން." ހަބީން ބޭކްގެ ޓުވީޓުގައި ވެއެވެ.
ބޮޑުވަޒީރު އިމްރާން ޚާންވެސް ވަނީ ހާދިސާގައި މަރުވި މީހުން އާއިލާތަކަށް ތައުޒިޔާވިދާޅުވެ އިޚްލާސްތެރި ދުޢާކުރައްވާކަން ހާމަކުރައްވައި ޓުވީޓުުކުރައްވާފައެވެ. އިމްރާން ޚާންގެ ޓުވީޓުގައި ވަނީ ޕާކިސްތާން ނޭޝަނަލް އެސެމްބްލީގެ މެންބަރު އާލަމްގީރް ޚާން ބައްޕާފުޅު މިހާދިސާގައި ނިޔާވެފައިވާކަން ހާމަކުރައްވައި، އޭނާގެ އާއިލާއަށްވެސް ތައުޒިޔާ ވިދާޅުވެފައެވެ.
ކަރާޗީގެ ނަރުދަމާ ނިޒާމުގައި ހިމެނޭ ގިނަ ކާނުތަކެއްގެ މަތީގައި ވަނީ ގަވާއިދާއި ޚިލާފަށް އިމާރާތްކޮށްފައެވެ. ޕާކިސްތާނުގެ ހިނގާ ވިޔަފާރީގެ %60 ހިއްސާކުރާ ކަރާޗީއަކީ ގަވާއިދާ ޚިލާފަށް، މިންގަނޑުތަކަށް ނުފެތޭ ގޮތަށް ގިނަ އިމާރާތްތަކެއް ހަދާފައިވާ ރަށެކެވެ.