ގެެންބިޔާގެ ރައީސު ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފި

ގެންބިޔާގެ ރައީސު އަޑަމާ ބަރޯ

ހުޅަނގު އެފްރިކާގެ ގައުމެއް ކަމަަށްވާ ގެންބިޔާގައި ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، އެގައުމުގެ މިހާރުގެ ރައިސު އަޑަމާ ބަރޯ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ.

ގެންބިޔާގެ ޖީއާރްޓީއެސް (ގެމްބިޔަން ރޭޑިޔޯ އެންޑް ޓެލެވިޜަން ސާވިސް) މެދުވެރިކޮށް އެ ގައުމުގެ އިންޑިޕެންޑެންޓް އިލެކްޝަން ކޮމިޝަން (އައިއީސީީ) އިން އިއުލާންކުރި ނަތީޖާގައި ވާގޮތުން ބަރޯ ވަނީ 4 ލައްކަ 57 ހާސް ވޯޓު ހޯއްދަވާފައެވެ. އޭނާއާއި އެންމެ ގާތުން ވާދަކުރެއްވި އިދިކޮޅު ޔުނައިޓެޑް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު އޮސައިނޫ ޑަރްބޮއޭއަށް ހޯއްދެވުނީ 2 ލައްކަ 38 ހާސް ވޯޓެވެ،

"އަޑަމާ ބަރޯ ރިޕަބްލިކް އޮފް ގެެމްބިޔާގެ ރައީސުކަމަށް ގާނޫނީ ހަމަތަކުގެ މަތިން ހޮވިވަޑައިގަންނަވާކަން އަޅުގަނޑު އިއުލާންކުރަން." ރޭޑިޔޯއާއި ޓީވީ މެދުވެރިކޮށް ނަތީޖާ އިއުލާންކުރެއްވުމަށް ފަހު އައިއީސީގެ ރައީސު އަލިއު މޮއްމަރު އިންޖާއެ ވިދާޅުވިއެވެ.

އިންތިޚާބުގެ ނަތީޖާ އިއުލާންކުރީ މާލަހުން ކަމަށް ވާތީ އެ ނަތީޖާއާމެދު ޝައްކު އުފެދޭކަމަށް ބުނެ އިދިކޮޅު ތިން ކެންޑިޑޭޓުން ވަނީ ނަތީޖާ ގަބޫލުނުކުރާކަމަށް ބުނެފައެވެ.

"ނަތީޖާ އިއުލާންކުރުން މާބޮޑަށް ލަސްވެފައިވާތީ އަހަރުމެން ކަންބޮޑުވޭ. އަހަރުމެންގެ ޕާޓީތަކުގެ އެޖެންޓުންނާއި މަންދޫބުން ވަނީ ވޯޓުލާ މަރުކަޒުތަކުގައި ހުރި އެތައް މައްސަލައެއް ފާހަގަކޮށްފައި." އިދިކޮޅު ތިން ކެންޑިޑޭޓުން ކަމަށްވާ އޮސައިނޫ ޑަރްބޮއޭ، މާމާ ކަންޑޭ އަދި އީސާ އިމްބަޔޭ ފާލް ނެރުއްވި ގުޅިފައިވާ ބަޔާނުގައި ވެއެވެ.

މި އިންތިޚާބަކީ ގެންބިޔާގެ ކުރީގެ ބާރުގަދަ ލީޑަރު ޔަހްޔާ ޖުމާއާ ނުލައި ފާއިތުވި 27 އަހަރުގެ ތެރޭގައި އެ ގައުުމުގައި ބޭއްވި ފުރަތަމަ އިންތިޚާބެވެ. މި އިންތިޚާބުގައި 2.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގެމްބިޔާގެ 8 ލައްކައަށްވުރެ ގިނަ މީހުން ވަނީ ވޯޓުލާފައެވެ.

2016 ވަނަ އަހަރުގެ އިންތިޚާބުގައި މިހާރުގެ ރައީސު ބަރޯއާ ވާދަކުރައްްވައި ބަލިވެވަޑައިގަތުމުން ޖުމާ ވަނީ ބަލިގަބޫނު ނުކުރައްވާކަމަށް ވިދާޅުވެ ވެރިކަން ދޫކުރެއްވުމަށް ދެކޮޅުހައްދަވާފައެވެ. އެހެންނަމަވެސް، ބައިނަލްއަގުވާމީ ފިއްތުންތަކުގެ ސަބަބުން އޭނާ ވަނީ ވެރިކަމުން ފައިބާވަޑައިގަތުމަށް ފަހު ގައުމު ދޫކުރައްވައި ވަޑައިގެންފައެވެ. އޭނާ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އިކުއެޓޯރިއަލް ގިނީގައެވެ.

ލޭ އޮހޮރުވުމެއް ނެތް އިންތިޚާބެއްގައި 1994 ވަނަ އަހަރު ވެރިކަން ބަދަލުކުރެއްވުމަށް ފަހު ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ޖުމާއާ ނުލައި ބާއްވާ ފުރަަތަމަ އިންތިޚާބު ބެލެވިފައިވަނީ ގެންބިޔާގައި ޑިމޮކްރެސީއަށް އޮތް އިމްތިހާނެއްގެ ގޮތުގައެވެ. އެހެންކަމުން، ބޭރުގެ ގިނަ ފަރާތްތަކަކުން ދަނީ މި އިންތިޚާބުގެ ކަންކަން ގާތުން ބަލަމުންނެވެ.

ގެންބިޔާއަކީ އެޓްލާންޓިކް ކަނޑުގެ އައްސޭރީގައި އޮންނަ، އެގައުމުގެ އައްސޭރި ނޫން އަނެއް ތިން ފަރާތުން ސެނެގާލާއި ސަރަަހައްދީ ރޮނގު ގުޅިފައި އޮންނަ ގައުމެކެވެ. 10 ހާސް އަކަ ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައިވާ ގެންބިޔާގެ %96 މީހުންނަކީ މުސްލިމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.