މުޙަންމާ އާއި ޝަހުދީވެސް ޕީޕީއެމުން ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙަންމަދު އަބްދުﷲ (މުހަންމާ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ޙުސައިން ޝަހުދީގެ ގޮނޑިވެސް ގެއްލޭނެކަން ކަށަވަރު ވެއްޖެއެވެ.

މި ދެމެމްބަރުންގެ ގޮނޑި ގެއްލެނީ އެ ދެމެމްބަރުންނާބެހޭ ސުލޫކީ މައްސަލައެއް ޕީޕީއެމްއިން ބެލުމަށް ފަހު އެ ދެމެމްބަރުން ވަކިކޮށް ދިނުމަށް އެދި އެޕާޓީން މިއަދު އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމާއި ގުޅިގެންނެވެ. މުހަންމާ އާއި ޝަހުދީ ޕީޕީއެމްއިން ވަކިކޮށް ދިނުމަށް އެދި މިއަދު އިލެކްޝަން ކޮމިޝަނަށް ހުށަހެޅިކަން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ޝަހުދީ އާއި މުހަންމާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް އިންތިޚާބު ވެފައި ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. ނަމަވެސް ފަހުން އެ ދެމެމްބަރުންވެސް ވަނީ ޖުމްހޫރީ ޕާޓީން ވަކިވެ ޕީޕީއެމަށް ސޮއި ކުރައްވާފައެވެ. މި ދެމެމްބަރުންގެ ގޮނޑި ޕީޕީއެމުން ވަކި ކުރުމުން ގެއްލޭނެކަން ޔަގީންވި ނަމަވެސް މަޖިލީހުގެ އިދާރާއިން އެކަން ގަބޫލުކޮށް ރަސްމީކޮށް މެމްބަރުކަން ގެއްލޭނީ އިލެކްޝަން ކޮމިޝަނުން އެގޮތަށް ނިންމެވުމުންނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.