ފަޅިމޫނު - 139

(19 ނޮވެމްބަރު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބާދްޝާ ކާރު ދުއްވަމުން ޑޭޝްބޯޑުގެ ވަތްގަނޑެއް ހުޅުވައިލުމަށް ފަހު ކަރުދާސްގަނޑެއް ނަގައިފިއެވެ. "އަހަރެން ބައްދަލުކުރީ ވަރަށް މޮޅު ދަންނަބޭކަލަކާ. އެ ބޭކަލަކު ބުނުއްވައިގެން އަހަރެން އައީ ޖަވާބު ބޭނުންވާ ސުވާލުތައް ލިޔެފައި ދީފައި. ޖަވާބު ލިބުނީ ދެ ދުވަސް ފަހުން. މިއޮތީ އެ ޖަވާބު. ކިޔާލަބަލަ."

ފަރުޒާނާ އެ ކަރުދާސްގަނޑު އަތުލައިގެން ކިޔާން ފަށައިފިއެވެ. އޭގައި ލިޔެފައި ވަނީ ބާދްޝާ ޖާނީ ހުށަހެޅި ސުވާލުތަކާއި އެ ސުވާލުތަކުގެ ޖަވާބެވެ.

"މައްސަލައަށް ބަލާއިރު އަންހެންކުއްޖާގެ މައިންބަފައިން މަކަރު ހަދައި އޮޅުވާލައިގެން ކައިވެނި ކުރީތީ އެ ފާފަ އެމީހުންގެ މައްޗަށް އޮންނާނެއެވެ. ކާވެނީގެ ރަނުގެ އިތުރަށް އަތުލި ގެޔާއި ގޯތި ހުއްދައެއް ނުވާނެއެވެ.

ގާނޫނީ ގޮތުން ބަލާއިރު ގެ އެ އޮތީ އަންހެންކުއްޖާއަށް ލިބި މިލްކުވެފައެވެ. އެކަމަކު ކީރިތި ޤުރްއާނާއި ހަދީސުގެ އަލީގައި އެ ގެ އަތުލުމަކީ އަންހެންކުއްޖާއަށް ހުއްދަ ކަމެއް ނޫނެވެ. ހަރާން ކަމެކެވެ. ސަބަބަކީ ފިރިހެންކުއްޖާއަށް އަންހެންކުއްޖާގެ ހާލަތު ކުރިން އެނގިފައި އޮތްނަމަ ގެ ދީފައި ކާވެނި ކުރާކަށް އެއްބަހެއް ނުވީހެވެ. ގެޔާއި ގޯތި އަނބުރައި ފިރިހެންކުއްޖާއަށް ދިނުމަކީ އަންހެންކުއްޖާގެ މައިންބަފައިންގެ މައްޗަށް އޮތް ޒިންމާއެކެވެ.

ފަންސާސް ހާސް ރުފިޔާގެ ރަނަކީ ފިރިހެންކުއްޖާގެ ހައިސިއްޔަތަށްވުރެ ބޮޑު ރަނެއް ނަމަ، އަދި އެރަން ކަނޑައަޅާފައިވަނީ މަކަރު ހަދައިގެން ކަމުގައި ވަނީނަމަ ރަނުން ފިރިހެންކުއްޖާގެ ހައިސިއްޔަތަށްވުރެ އިތުވާ ބައި އަންހެންކުއްޖާ އަތުލައިގެން ނުވާނެއެވެ. އަދި އަންހެންކުއްޖާގެ މައިންބަފައިން ފިރިހެންކުއްޖާގެ ކިބައިން މާފަށް އެދޭން ވާނެއެވެ. އެހެން ނުހަދައިފިނަމަ އާޚިރާތުގައި ޖަވާބުދާރީން ވާން ޖެހޭނެއެވެ.

އަންހެންކުއްޖާ އަނތްބެއްގެ ގޮތުގައި ބޭންދުމުގެ އިޚްތިޔާރު ނުވަތަ ވަރިކޮށްފައި ފޮނުވައިލުމުގެ އިޚުތިޔާރު އޮތީ ފިރިހެންކުއްޖާއަށެވެ. ކާވެނި ފަސްޚު ކުރުމުގެ ބޭނުމެއް ނެތެވެ. ކާވެނީގެ މަތީގައި ދެމިހުރުމަކީ ސަވާބު ލިބޭނޭ ކަމެކެވެ.

މަކަރު ހެދުމާއި އޮޅުވައިލުމަކީ ހަރާން ކަމެކެވެ. އެފަދަ ކަމެއް ކޮށްފިނަމަ ތައުބާ ވުމާއި އެކަމެއް ހެޔޮ މަގަށް އަނބުރައިލުމަކީ ކުރާން ޖެހޭނޭ ކަމެކެވެ. އެހެން ނުހަދައިފިނަމަ މަކަރު ހަދައިގެން ފައިސާއާއި މުދާ ކެއި މީހާއާއި އެ ފަދަ ތަކެތި އަތުގައި ބަހައްޓާ މީހާ ފާފަވެރިވާނެއެވެ. އަޒާބު ލިބޭނެއެވެ.

ވަރިކުރުމަކީ ފިރިހެންކުއްޖާއަށް އޮތް އިޚުތިޔާރެކެވެ. ވާޖިބު ކަމެއް ނޫނެވެ. ނުކޮށް ހުރުން ހެޔޮކަން ބޮޑެވެ.

ކުރެވުނު ފާފަ ހެޔޮ މަގަށް އަނބުރައިލުމަކީ ގެއާއި ގޯތި އަނބުރައި ދިނުމާއި ރަނަށް ހުށަހެޅި ބޮޑު އަދަދު މާފު ކުރުމެވެ. އަންހެންކުއްޖާގެ މައިންބަފައިންނަށް އޮތީ ފިރިހެންކުއްޖާގެ ކިބައިން މާފަށް އެދުމާއި ތައުބާ ވުމެވެ. ފިރިހެންކުއްޖާއަށް އޮތް އެންމެ ރަނގަޅު ގޮތަކީ ﷲ ގެ ރުއްސެވުމާއި ކީރިތި ރަސޫލާގެ މާތް އިރުޝާދުފުޅުތަކަށް ބޯލެނބުމުގެ ގޮތުންނާއި އަންހެންކުއްޖާއަށް އިތުރު ނިކަމެތިކަމަކާއި ހިތާމައެއް މެދުވެރިކުރުމުން ދުރުހެލިވުމުގެ ގޮތުން އެ ކާވެނީގެ މަތީގައި ދެމިހުރުމެވެ. ވަރި ނުކުރުމެވެ. ވައްސަލާމް. ފަތުވާ: މުޙައްމަދު ޢަބްދުއްސަލާމް"

ތިރީގައި އޮތީ މުފްތީގެ ސޮއެވެ.

ފަރުޒާނާ އެ ކަރުދާސްގަނޑު ކުރީ ގޮނޑިއަށް އެއްލައިލުމަށް ފަހު ބުންޏެވެ. "ކަން އޮތް ގޮތް އޮޅުންފިލުވުމަކީ ކުރަން ޖެހޭނޭ ކަމެއް. ހުއްދަ ކަންކަމާއި ހުއްދަ ނޫން ކަންކަން ދެނެގަންނާން ޖެހޭނެ. އެކަމަކު ޖާނީއަށް މިކަންކަން ދެނެގަތުމުގެ ބޭނުން ޖެހުނީ ކީއްވެގެން؟ ޖާނީ ތިޔަ އުޅެނީ ރުޚްސާނާ ރަނގަޅަށް ފެނި އެނގި ވުމަށްފަހު އަނތްބެއް ކަމަށް ގަބޫލު ކޮށްގެން. މާނައަކީ ޖާނީ ހުރީ ކާވެނި ގަބޫލު ކޮށްގެންނޭ."

"ކާވެނީގެ މައްސަލައެއް ނެތްކަން ތިޔަ ލިޔުމުން އެބަ އެނގޭ. އެކަމަކު އަހަންނަށް ކާވެނި ފަސްޚު ކުރެވިދާނެ. އެ އިޚްތިޔާރު އަހަންނަށް އެބައޮތް."

"އެކަމަކު ޖާނީ އެހެންނެއް ނުހަދާނެ."

"އަހަންނަށް ކުރެވިދާނެ."

"ކޮށްފާނޭ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. ޖާނީ ރުޚްސާނާ ދެކެ ނުލާހިކު ބޮޑަށް ލޯބިވޭ. މިހާރު ދެމީހުންނަށް ދަރިއަކުވެސް ލިބިއްޖެ. ދަރިފުޅު ދެކެ ލޯތްބެއް ނުވޭތަ؟"

"މި ދައްކަނީ ދަރިފުޅުގެ ވާހަކައެއް ނޫން. މި ދައްކަނީ އޮޅުވާލައިގެން ފަރުޒާނާ އަހަރެން ދެވި އަންހެންކުއްޖާގެ ވާހަކަ. އެކަން އެހެންވީ ފަރުޒާނާގެ މަކަރުގެ ސަބަބުން. ފަރުޒާނާ އެކަމެއް ކުރީ ރުޚްސާނާއަށް ހެޔޮ އެދިގެން. އަހަރެން މިހާރު މި އުޅެނީ ފަރުޒާނާގެ ގުރުބާނީ އެއްވެސް އެއްޗަކަށް ނުވާގޮތް ހަދަން."

"ކުރަން އުޅޭ ކަމެއް ކުރަން ތިޔަ އުޅެނީ އަހަންނާ ހެދިތަ؟"

"ފަރުޒާނާ އަހަންނަށް މަކަރު ހަދައި އޮޅުވައިލީ ރުޚްސާނާއަށްޓަކައި. އެކަން ފަރުޒާނާއަށް ކުރެވިއްޖެ. އެހެންވީމާ ފަރުޒާނާގެ ބޭމުރުއްވަތްތެރިކަމާއި ހިތްހަރުކަމަށް ބަދަލު ހިފުމުގެ ގޮތުން އަހަރެން ރުޚްސާނާ ވަރިކޮށްލީމާ ހަމަޖެހުނީނު؟ އޭނާގެ މޫނު ފުރިހަމަނުވެ އެނބުރި އަތުވެއްޖެއްޔާ އަނެއްކާވެސް ފަރުޒާނާގެ މޫނު އެހެން ގަމާރަކަށް ދައްކައިގެން ވާވައްދާފައި އެމީހަކާ ރުޚްސާނާ ދެވާ. ފަރުޒާނާގެ މަކަރު ހެދުމުގެ ސިލްސިލާ ނުހުއްޓި ކުރިއަށް ގެންދެވޭނެއެއްނު؟"

"އަހަންނަށް މަލާމާތް ކުރާނެ ކަމެއް ނެތް. ޖާނީ ބައްދަލުކުރި އިލްމުވެރިޔާގެ ނަސޭހަތަށް އަމަލުކުރޭ."

"އަހަރެން ފަރުޒާނާއާ ބެހޭ ގޮތުން އެ އިލްމުވެރިޔާއާ ސުވާލު ކުރި ނަމަ މި ލިޔުމުގައި އޮންނާނީ ކީކޭކަން އެނގޭތަ؟ އޮތީހީ އަހަންނަށް މޫނު ދެއްކި އަސްލު މީހާ އަހަންނާ އިންނާން ޖެހޭނެއޭ. ތަހުޒީބާއި އަބުރުވެރިކަމުގެ ހަމަތައް ބުނާ ގޮތަކީ މިއީ ކަމަށް ވަންޏާ އަހަންނާ އިންނާނަންތަ؟"

ފަރުޒާނާ އަނގަޔަކުން ނުބުންޏެވެ.

އަނެއްކާވެސް ވާހަކަދެއްކީ ބާދްޝާއެވެ. "އަހަރެން ދެކެ ލޯބިވާ ކަމަށް އެއްބަސް ނުވާ މީހަކު އިންނަން އެއްބަސްވާނެތަ؟ ފަރުޒާނާގެ ވާހަކަ ދައްކަން ފެށުމާއެކު ފަށަނީ ރުޚްސާނާގެ ހިމާޔަތުގައި ވާހަކަދައްކަން. އަހަންނަށް ތެދުވެރިކަމުގެ ފިލާވަޅު ނަގައިދީފައި އަމިއްލަ ކަމަކާ ޖެހުނީމާ ތެދުވެރިކަމުގެ މަތީން ހަނދާނެއް ނުހުރޭ. ހަނދާނުގައި ހުންނަނީ ހަމައެކަނި މަކަރާއި ދޮގު."

"އަހަންނަށް މަލާމާތް ކުރުންމަތީގައި ދެމިހުންނާނީ ކިހައި ދުވަހެއް ވާންދެން؟ އަހަރެން ކުރި ކުށުގެ އަދަބު އަހަންނަށް ދީފީމެއްނު؟ ހިތް ނުފުރޭ ކަމަށް ވަންޏާ އަހަރެން މަރައިލާ."

"ތިޔަކަންވެސް ކުރާނަން. އެކަމަކު ކުރާނީ އެއް ގާގަނޑުން ދެ ދޫނި މަރައިލާ ގޮތަށް. އެއް ދޫންޏަކީ ފަރުޒާނާ. އަނެއް ދޫންޏަކީ ރުޚްސާނާ. ފުރަތަމަ އޭނާ ވަރިކޮށްލާނީ. އެހެން ހެދީމާ ފަރުޒާނާގެ ގުރުބާނީގެ ބޭނުން ކެނޑުނީ. ދެން ދެ އެކުވެރިން ދުރުދުރުން އަހަރެން ދެކެން ތިބޭ."

ފަރުޒާނާ ކަން ބޮޑުވެފައި އިސް ދަށަށް ޖަހައިލިއެވެ. އެހެން އިރުކޮޅަކު އިނުމަށް ފަހު ބުންޏެވެ. "ޖާނީ. އަހަރެމެން ތިން މީހުންކުރެ އެކަކަށްވެސް ގެއްލުމެއް ނުވާނޭ ކަހަލަ ގޮތަކަށް ވިސްނަބަލަ. ތިން މީހުންނަށްވެސް އުފަލުގައި ތިބެވޭ ކަހަލަ ހައްލެއް ހޯދާ."

"އުފަލުގައި ތިބޭނީ ކިހިނެއް؟ އަހަރެންގެ ހިތުގައިވެސް އެދުމެއް އުފެދުނު. ފަރުޒާނާއަށްޓަކައި އަހަރެންގެ ހިތުގައި ބާރަށް ވިންދު ޖަހާން ފެއްޓި. އަހަރެން އުފަލުގައި ހުންނާނީ ކިހިނެއް؟ އަހަންނަށް ފަރުޒާނާ ލިބުނީމާ އަހަންނަށް ވުރެ އުފާވެރި މީހަކު ދުނިޔެއަކު ނޫޅޭނެ."

ފަރުޒާނާ ކުރާނޭ ކަމެއް ނެތް ކަހަލަ ގޮތަކަށް ފުން ނޭވައެއް ލިއެވެ. "ކާރު އަނބުރައިލާ. ވަރަށް ގިނައިރު ވެއްޖެ. ގެއަށް ދާން ވެއްޖެ."

ބާދްޝާ ކާރު އަނބުރާލައިފިއެވެ. "އަހަރެންގެ ވާހަކައަކަށް ޖަވާބެއް ނުދެމެއްނު؟ ތިޔަ މަސައްކަތް ކުރަނީ ރެކެން. އަހަރެންގެ ވާހަކަ އޮއްބައިލާން. އެކަމަކު ހަނދާން ކުރާތި. އަހަރެން މި ބުނި ގޮތަށް ކަންތައް ކުރާނަން."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.