އިންޑިޔާއިން އިންސާނީ އެހީގެ ގޮތުގައި އަފްޣާނިސްތާނަށް ފޮނުވަން ބޭނުންވާ ގޮދަން ޕާކިސްތާނު ސަރަހައްދު ހުރަސްކޮށް ގެންދިއުމުގެ ހުއްދަ ދޭން ނިންމާފައިވާކަން ހާމަކޮށްފިއެވެ.
ބޮޑުވަޒީރު ޢިމްރާން ޚާން އިއްޔެ ވިދާޅުވީ އުފުލާނެ ގޮތާއި ދަތުރުކުރާނެ ގޮތުގެ ތަފްސީލުތައް ނިނުމާއެކު އިންޑިޔާއިން އަފްޣާނިސްތާނަށް ފޮނުވާ 50 ހާސް މެޓްރިކް ޓަނުގެ ގޮދަން ގެންދެވޭނެ ކަމުގައެވެ.
ޢިމްރާން އިއްޔެ ވަނީ އަފްޣާނިސްތާނާ ގުޅޭ ކަންކަމުގައި ގޮތް ނިންމާ ކޮމިޓީ ކަމުގައިވާ އަފްޣާނިސްތާން އިންޓަ-މިނިސްޓީރިއަލް ކޯޑިނޭޝަން ސެލް (އޭއައިސީސީ) ގެ ޖަލްސާއެއް ބާއްވަވައި، އަފްޣާނިސްތާނަށް އިންސާނީ އެހީ ބޭނުންވެފައިވާ މިންވަރު ބައިނަލްއަގުވާމީ މުޖުތަމައަށް ހަނދާންކޮށްދެއްވާފައެވެ.
އިންޑިޔާއިން އަފްޣާނިސްތާނަށް އިންސާނީ އެހީގެ ގޮތުގައި ފޮނުވާ 50 ހާސް މެޓްރިކް ޓަނުގެ ގޮދަން ގެންދަން ޕާކިސްތާނުގެ ސަރަހައްދު ހުޅުވާލާނެކަން ޕާކިސްތާނުގެ ބޮޑުވަޒީރު އިއްޔެ ހާމަކުރެއްވީ މި ކޮމިޓީގެ ބައްދަލުވުމަށް ފަހުގައެވެ.
އަފްޣާނިސްތާނުން އިންޑިޔާއަށް ޕާކިސްތާނު ހުރަސްކޮށް މުދާ ބޭރުކުރުމުގެ ހުއްދަ ދިންނަމަވެެސް، އިންޑިޔާއިން އަފްޣާނިސްްތާނަށް އެގޮތަށް މުދާ ފޮނުވުމުގެ ހުއްދަ ޕާކިސްތާނުން ދީފައި ނުވެއެެވެ. އިންސާނީ އެހީގެ ގޮތުގައި އަފްޣާނިސްތާނަށް ގޮދަން ބޭނުންވާކަން ފާއިތުވި މަހުގައި ހާމަކުރުމަށް ފަހު، އިންޑިޔާއިން ވަނީ އެ އެހީ ޕާކިސްތާނު ސަރަހައްދު ހުރަސްކޮށް ގެންދިއުމުގެ ހުއްދައަށް އެދި ޕާކިސްތާނު ސަރުކާރަށް ހުޅަހަޅާފައެވެ. އިމްރާން ޚާންގެ ނިންމެވުމަކީ މި އެދުމަށް އިޖާބަދެއްވުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ.
އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރުގެ މަގާމުގައި މިވަގުތު ހުންނެވި އަމީރު ޚާން މުއްތަޤީވެސް ވަނީ އިންޑިޔާގެ އެހީ ޠާލިބާން ސަރުކާރުން ގަބޫލުކުރާކަން ހާމަކުރައްވައި، އިންސާނީ ސަބަބުތަކަށްޓަކައި އެ އެހީ ޕާކިސްތާނު ތެރޭން ގެންދިއުމުގެ ހުއްދަދިނުމަށް އެދިވަޑައިގެންފައެވެ.
ފާއިތުވި 10 އަހަރުގެ ތެރޭގައި އިންސާނީ އެހީގެ ގޮތުގައި އަފްޣާނިސްތާނަށް 1 މިލިއަން ޓަން ގޮދަން ދީފައިވާނެ ކަމަށް އިންޑިޔާ ސަރުކާރުން ބުނެއެވެ.
ޕާކިސްތާނު ސަރުކާރުން ވެސް ވަނީ އަފްޣާނިސްތާނަށް އިންސާނީ އެހީ ދިނުމަށް ނިންމާފައެވެ. އެގޮތުން 1 ބިލިއަން ޕާކިސްތާން ރުޕީސްގެ ގޮދަނާއި، އަސާސީ ބޭހާއި، ކުއްލި ހާލަތުގައި ބޭނުންވާ ސިއްހީ ފަރުވާގެ ސާމާނާއި، ފިނި މޫސުމުގެ ގަދަ ފިނިން ރައްކާތެރިވާން ބޭނުންވާ ތަކެތި އަފްޣާނިސްތާނަށް ފޮނުވަން ތައްޔާރުވަމުން ދާކަަމަށް ރޭޑިޔޯ ޕާކިސްތާނުން ވަނީ ބުނެފައެވެ. އަދި އެެއްގަމާއި ވައިގެ މަގުން ޕާކިސްތާނަށް އެތެރެވާ އަފްޣާނިސްތާނު މީހުންނަށް ކޮވިޑް-19 ވެކްސިން ހިލޭ ޖަހާދިނުމަށްވެސް ޕާކިސްތާނު ސަރުކާރުން ވަނީ ނިންމާފައެެވެ.
އޭއައިސީސީގައި ބޮޑުވަޒީރު ޢިމްރާން ޚާންއާއެކު ތިއްބަވަނީ ފޮރިން މިނިސްޓަރު ޝާހު މަޙްމޫދު ޤުރައިޝީއާއި، އެޑްވައިޒަރ ޓު ފައިނޭންސް ޝައުކަތު ތަރީންއާއި، އެއްގަމު ސިފައިންގެ ވެރިޔާ ޖެނެރަލް ޤަމަރް ޖާވޭދްއާއި ބައެެއް މަދަނީ އަދި އަސްކަރީ އިސް އޮފިޝަލުންނެވެ.