އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ ޔޫގެންޑާގެ ވެރިރަށް ކެމްޕާލާގައި އިއްޔެ ދިން ބޮމުގެ ތިން ހަމަލާއަކި ވެސް އިސްްލާމިކް ސްޓޭޓް (އައިސިސް9 ގެ ހަނގުރާމަވެރިން ޖާނުން ފިދާވެގެން ދީފައިވާ ހަމަލާތަކެއް ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.
އައިސިސްގެ ނުރައްކާ ބޮޑު އިރުމަތީ އެފްރިކާ ސަހަރައްދުގައި އެ ޖަމާއަތާއި ދެކޮޅަށް 'ސަލާމަތީ ބޮޑުފާރެއް' ކަމަށް ބެލެވެމުން އައި ޔޫގެންޑާއަށް ވަނީ 3 މީހުން މަރުވެ 33 މީހުން ޒަޚަމްވި މިހަމަލާތަކުގެ ސަބަބުން ބޮޑު ސިހުމެއް ލިިބިފައެެވެ.
އިއްޔެ ފުރަތަމަ ބޮން ގޮއްވާލާފައި ވަނީ ކެމްޕާލާގެ ސެންޓްރަލް ޕޮލިސް ސްޓޭޝަން ކުރިމަތީގައެވެ. އޭގެ ތިން މިނެޓް ފަހުން ދެ ބޮން އެއްފަހަރާ ގޮއްވާލާފައި ވަނީ ޔޫގެންޑާގެ ގާނޫނުހަދާ މަޖިލީހުގެ އިމާރާތް ކައިރީގައެވެ. ބާރުގަދަކަމުން މުޅި ކެމްޕާޅާ ގުޑުވާލި މި ބޮންތައް ގޮވި ވަގުތު ގާނޫނުހަަދާ މަޖިލީހުގެ ބައެއެް މެންބަރުންވެސް ސަލާމަތްހޯދަން ތަންތަނަށް ވެދެވަޑައިގަތެވެ.
އައިސިސްއިން މި ހަމަލާތަކުގެ ޒިންމާ އުފުލާފައި ވަނީ އެޖަމާއަތުން ހިންގާ އަޢުމާޤް ނިއުސް އެޖެންސީއާއި ޓުވިޓާ މެދުވެރިކޮށް އާއްމުކުރި ބަޔާނެއްގައެވެ. ހަމަލާގައި ޖާނުން ފިދާވި ތިން މީހުންގެ އަސްލުނަން އެ ބަޔާނުގައި ހާމަކޮށްފައިނުވާއިރު އެ ތިން މީހުންނަކީވެސް ޔޫގެންޑާ މީހުން ކަމަށް ބުނެފައި ވެއެވެ.
ފުލުހުންގެ ތަރުޖަމާނު ފްރެޑް އެނަންގާ ވިދާޅުވި ގޮތުގައި ޖާނުން ފިދާވި 3 މީހުންނާއެކު މި ހަމަލާތަކުގައި 6 މީހުން މަރުވެފައި ވެއެވެ. އަދި މަރުވި މީހުން ތެރޭގައި ފުލުހުންގެ އޮފިސަރަކުވެސް ހިމެނެއެވެ. 33 މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ދާއިރު، 5 މީހެއްގެ ހާލު ދެރައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހަމަލާ ދިނީ އައިސިސްއާ ގުޅިފައިވާ ޖަމާއަތެއް ކަމުގައިވާ އެލައިޑް ޑިމޮކްެރެޓިކް ފޯސަސް (އޭޑީއެފް) އިން ފުލުހުންެގެ ޖާސޫސީ މައުލޫމާތުން ވަނީ ޔަގީންކުރެވިފައެވެ.
"އަހަރުމެންގެ ޖާސޫސީ މައުލޫމާތުން އެނގޭ ގޮތުގައި މިކަން ކޮށްފައި ވަނީ އޭޑީއެފްއާ ގުޅިފައިވާ އެތެރޭގެ ޓެރަރިސްޓް ގްރޫޕްތަކުން." ފުލުހުންގެ ތަރުޖަމާނު އެނަންގާ ވިދާޅުވިއެވެ.
އެނަންގާ އިތުރަށް ހާމަކުރެއްވި ގޮތުގައި، ބުރަކަށީގައި ދަބަހެއް އަޅުވައިގެން ހުރި މީހަކު ވަނީ ޕޮލިސް ސްޓޭޝަން ކައިރީގައި ހުރި ޗެކްޕޮއިންޓެއްގައި އޭނާ ބޮން ގޮއްވާލާފައެެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ދެ މީހަކު ވަނީ ގާނޫނުހަދާ މަޖިލިސްގެ އިމާރާތުގެ ކައިރީގައި އެމީހުންގެ ބޮންތައް ގޮއްވާލާފައެވެ. ބޮން ނުގޮއްވަނީސް ފުލުހުން 4 ވަނަ މީހަކު އަތުލައިގެންފައި ވާއިރު، އޭނާ ދިރިއުޅޭ ތަނުންވެސް ވަނީ ގޮވާ ތަކެތި ހޯދާފައެވެ.
"ބޮޑު ބަޑިއަކުން އިވޭ ކަހަލަ ގަދަފަދަ އަޑެއް އިވުނީ. ބިން ދިޔައީ ގުޑައިގެން، އަހަރެންގެ ކަންފަތްވެސް ބައްޖެހުނު. އުޅަނދެއްގައި އަލިފާން ރޯވެފައި އޮއްވާ، އަދި މީހުން ކޮޅުކޮޅަށް ދުވާ މަންޒަރުވެސް ފެނުނު. މޮޓޯސައިކަލެއްގައި އިން މީހަކު އަހަރެން ދުށިން. އޭނާގެ ބޯ އޮތީ ޗިސްވެފައި." ގާނޫނުހަދާ މަޖިލީހުގެ އިމާރާތުގެ ކައިރީގައި ހުރި ބޭންކެއްގައި ހުރި ސެކިއުރިޓީ ގާޑަކު ކިޔައިދިނެވެ.
1996 ވަނަ އަހަރު ޔޫގެންޑާގައި އުފެދުނު އޭޑީއެފް ޖަމާއަތަކީ މިހާރު ޔޫގެންޑާއާއި އަވަށްޓެރި ޑީއާރް ކޮންގޯގައި ހަރަކާތްތެރިވާ ޖަމާއަތެކެވެ. އެ ޖަމާއަތުގައި 500 ވަރަކަށް ހަނގުރާމަވެރިން ހަރަކާތްތެރިވާކަމަށް ވެއެވެ.