ހިތްޕުޅުގެ އާލާސްކަންފުޅަށް ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުން ގެންދެވި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއަށް އިތުރު ޓްރެވަލްސް ޑޮކިއުމެންޓެއްދޭން ދިވެހި ސަރުކާރުން ދެކޮޅު ހެދުމުން ޖަރުމަނު ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން ބޭސްފަރުވާއަށް ޖަރުމަނަށް ވަޑައިގެންފިއެވެ.
ގާސިމްގެ ވަކީލުންގެ ޓީމުން ބުނެފައި ވަނީ ގާސިމް ޖަރުމަނަށް ވަޑައިގަތުމަށް ބޭނުންފުޅުވީ ޒަމާނުއްސުރެ ގާސިމް ބޭސްފަރުވާގެ ކަންކަން ކުރިޔަށް ގެންދެވީ ޖަރުމަނުގެ ޚާއްސަ ޑޮކްޓަރެއްގެ ކައިރިން ކަމަށްވާތީ، ސިންގަޕޫރުގައި ފަރުވާ ކުރިޔަށް ގެންދެވި ޑޮކްޓަރުންނާއި ޖަރުމަނުގައި ކުރިން ފަރުވާ ދެއްވި ޑޮކްޓަރުންވެސް ލަފާގެ މަތިން އެގޮތަށް ކުރިޔަށް އޮތްތަނުގައިވެސް ފަރުވާ ކުރިޔަށް ގެންދަން ބުނުމުންނެވެ. ގާސިމް ޖަރުމަނަށް ވަޑައިގަތީ ޖަރުމަނު ސަރުކާރުން ދިން ޚާއްސަ ހުއްދައިގެ ދަށުން މެޑިކަލް ޑޮކްޓަރުންގެ ޓީމަކާވެސް އެކުގައެވެ.
ދިގު މުއްދަތެއްގެ ޖަލު ޙުކުމެއްގައި ހުންނެވި ގާސިމް ބޭސްފަރުވާއަށް ސަރުކާރުން ސިންގަޕޫރަށް ފުރުވާލީ ޕާސްޕޯޓުގެ ބަދަލުގައި ޓްރެވަލް ޑޮކިއުމެންޓެއްގެ ދަށުންނެވެ. އެ ޓްރެވަލް ޑޮކިއުމެންޓްގެ ދަށުން ގާސިމްއަށް ވަޑައިގެންނެވޭނީ ހަމައެކަނި ސިންގަޕޫރަށެވެ. ޓްރެވަލް ޑޮކިއުމެންޓްގެ މުއްދަތު ހަމަވުމުން މުއްދަތު އިތުރު ކޮށްދިނުމަށް އާއިލާއިން ކަރެކްޝަނުގައި އެދުމުން ވަނީ މުއްދަތު އިތުރުކޮށްދޭން ދެކޮޅު ހަދާފައި ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.