ޔާމީންގެ ސަރުކާރުގެ ދަރަނި މާ ބޮޑު، ކަމެއް ނުކުރޭ: ފިނޭންސް މިނިސްޓަރު

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ ދަރަންޏަށް ބަލާއިރު އެންމެ ބޮޑު ދަރަންޏެއް ރެކޯޑު ކުރެވިފައި ވަނީ ރައީސް ޔާމީނުގެ ދައުރުގައި ކަމަށް ރާއްޖޭގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ބަޖެޓު ބަހުސުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

އަމީރު ވިދާޅުވި ގޮތުގައި އާއްމު ގޮތެއްގައި ދަރަނި ރެކޯޑު ކުރަނީ ފައިސާ ޚަރަދު ކުރެވުނބީމައެވެ. އެކި ދައުރުތަކުގައި ދަރަނި އިތުރުވަމުން ގޮސްފައިވާ ގޮތް މިނިސްޓަރު ވަނީ ވިދާޅު ދެއްވައިފައެވެ.

މިނިސްޓަރު ވިދާޅުވި ޢަދަދުތައް:

ރައީސް މައުމޫނުގެ ވެރިކަމުގެ 30 އަހަރުގެ ތެރޭގައި: ގާތްގަނޑަކަށް 6.2 ބިލިއަން ރުފިޔާ

ރައީސް ނަޝީދުގެ ވެރިކަމުގައި: 11.3 ބިލިއަން ރުފިޔާ

ރައީސް ވަޙީދުގެ ވެރިކަމުގައި 6.2 ބިލިއަން ރުފިޔާ

ރައީސް ޔާމީންގެ ވެރިކަމުގައި: 39.6 ބިލިއަން ރުފިޔާ

ރައީސް އިބްރާހީމް މުޙައްމަދު ޝާލިޙްގެ ވެރިކަމުގައި: 34 ބިލިއަން ރުފިޔާ

މި ވެރިކަމުގެ ދަރަނީގެ ގޮތުގައި ހިމަނާފައިވާ 34 ބިލިއަން ރުފިޔާގެ ތެރޭގައި އެމްއެމްއޭއަށް ކަރަންޓީ ސވޮޕަށްޓަކައި ދޫކޮށްފައިވާ 250 މިލިއަން ޑޮލަރު ހިމެނޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެއީ ރަސްމީ ރޭޓަށް ބަލާނަމަ 3.87 ބިލިއަން ރުފިޔާއެވެ. މި ފައިސާ މި އަހަރު ނިމުމުގެ ކުރިން އެމްއެމްއޭއިން ދައްކައި ނިންމާނޭ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރަށް ކޮންޓްރެކްޓް ލޯނުގައި ސޮއިކުރެވިފައިވާ އަދަދަށް ބަލާއިރު ރައީސް ޔާމީނުގެ ސަރުކާރުން 58.9 ބިލިއަން ރުފިޔާގެ ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާ ކަމަށާއި މި ސަރުކާރުން ސޮއިކޮށްފައި ވަނީ 51.1 ބިލިއަން ރުފިޔާގެ ކޮންޓްރެކްޓްގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި އަދުތައް ވިދާޅުވުމަށް ފަހު އަމީރު ވަނީ ޔާމީން ސަރުކާރުގައި ބޮޑު އަދަދެއް ދަރަންޏަށް އިތުރު ކުރުމަށް ފަހު ކޮށްފައި ވަނީ ކޮން ކަމެއްތޯ ސުވާލު ކުރައްވައިފައެވެ. އެމަނިކުފާނު ފާހަގަ ކުރެއްވި ގޮތުގައި މި ސަރުކާރަށް ދިމާވެފައި ވަނީ ދުނިޔެ ދުށް އެންމެ ދަތި ދުވަސްވަރެވެ. މިޔާ ޚިލާފަށް ރައީސް ޔާމީންގެ ދުވަސްވަރަކީ ދުނިޔެއާއި ރާއްޖެއަށް ބެލި ނަމަވެސް އެންމެ އިގްތިސާދީ ގޮތުން އެންމެ ފާގަތި ދުވަސްވަރެވެ. އެ ދުވަސްވަރު ތެލުގެ އަގަކަށްވެސް ބަދަލެއް ނާދެއެވެ.

އަދަދުތައް ހާމަކުރެއްވުމުގެ ކުރިން ރާއްޖޭގެ ރަށްރަށުގެ ހާލަތުގެ މައްޗަށް އެމަނިކުފާނު ބައްލަވައިލެއްވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ރަށްރަށުގެ ކައުންސިލް އިދާރާތައް ހަދާފައި ވަނީ މީގެ ތިރީސް އަހަރު ކުރިންނެވެ. އެތަންތަން މިހާރު ހުރީ ބޮލަށް ވެއްޓޭން ގާތްވެފައެވެ. ކޯޓުތައް ހުރީ އަލުން އަޅަން ޖެހިފައެވެ. ކޯޓުތައް އެހައިމެ ކުޑައެވެ. ހުރީ ވެއްޓެން ގާތްވެފައެވެ. ގިނަ ރަށްރަށުގެ ސްކލޫލްތަކުގައި ކްލާސްރޫމް ހަމައެއް ނުވެއެވެ. މަލްޓިޕާޕަސް ހޯލް ހުރީ އަޅަން ވެފައެވެ. ރާއްޖޭގެ ރަށްރަށަށް އެމްބިއުލަންސް ނުފޮނުވާތާ ސަތާރަ އަހަރު ވެއްޖެއެވެ. ހުރި އެމްބިއުލަންސްތައް ޖެހެނީ ކޮއްޕައިގެން އިސްޓާޓު ކުރާށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން ލޯނު ނަގައިގެން މިއިން އެއްވެސް ކަމަކަށް ހައްލެއް ހޯދައިދީފައެއް ނެތެވެ. މި ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ މި މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައެްލެއް ހޯދޭނޭ ބަޖެޓެކެވެ. ހުރިހައި މައްސަލައެއް އެއްފަހަރާ ހައްލުކުރަން ވެއްޖެނަމަ މިއަށްވުރެ މާ ބޮޑު ބަޖެޓެއް ހުޙަޅަން ޖެހޭނޭ ކަމަށާއި މިހާރު ހުށަހަޅާފައިވާ ބަޖެޓަކީ އިގުތިސާދީ ހާލަތަށް ބަލާއިރު ސަރުކާރަށް ހުށަހެޅޭނޭ އެންމެ ބޮޑު ބަޖެޓު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި ޕްރޮޖެކްޓްތައް ލަސްވެފައިވާ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވައެވެ. މި ސަރުކާރުން ނިންމާ ކަމެއް ނިންމާނީ "ކޮލިޓީކޮށް" (ރަނގަޅު ފެނަވަރުގައި) ކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުޔފާނު ވިދާޅުވި ގޮތުގައި ރައީސް ޔާމީނުގެ ސަރުކާރުން މާލޭގެ މަގުތައް ހެދިއެވެ. އެކަމަކު މިހާރު ވަނީ އަލުން ހަދަން ޖެހިފައެވެ. 7000 ފުލެޓު އެޅިއެވެ. އެކަމަކު މީހުންނަށް ޖެހުނީ އެތަނަށް ވަދެ، އެތަން ތަޅާލައިގެން އަލުން ހަދާށެވެ.

މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި ރައީސް ޔާމީނުގެ ސަރުކާރުން 14 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއެވެ. ތާރީޚަށް ބަލާއިރު ފެނާއި ނަރުދަމާގެ މަސައްކަތް ކޮށްފައި ވަނީ އެންމެ 29 ރަށުގައެވެ. އެ ހުރިހައި މަސައްކަތެއް މި ސަރުކާރުން ޖެހެނީ އަލުން ކުރާށެވެ. މި ސަރުކާރުން މިހާރު ގެންދަނީ ރާއްޖޭގެ ހުރިހައި ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސްކޫލްތަކުގައި މަލްޓިޕާޕަސް ހޯލްއެޅުމުގެ މަސައްކަތާއި 5 ރަށެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.