ޒޭން: ދުވާލު ކުރެހުންތެރިއެއް، ރޭގަނޑު ޑީޖޭއެއް

ޒައިން އަޙްމަދު (މ. ސީލައިން) ނުވަތަ އާއްމުކޮށް ކިޔާގޮތަށް ނަމަ ޒޭން އަކީ ކުޅަދާނާ ޑީޖޭއެކެވެ. އޭނާ މި މަސައްކަތް ކުރާތާ މިހާރު 6 އަހަރު ވެއްޖެއެވެ.

ޑީޖޭއަކަށް ވުމުގެ ކުރިން ޒޭން ވަނީ މިއުޒިކު ބޭންޑެއްގައި ކަހޯން ކުޅެފައެވެ.

"އަހަރެން އަބަދުވެސް މިއުޒިކު ކުޅޭ ހިތްވޭ. ޝައުގުވެރިކަން އުފެދުނީ ލައިވް ޝޯތައް ފެންނާން ފެށީމާ." ޒޭން ބުންޏެވެ. އޭނާ ބުނާ ގޮތުގައި ލައިވް ޝޯ ބެލުމަށް ފަހު މިއުޒިކު އާލަތެއް ގަނެގެން އަމިއްލައަށް ދަސްކުރާން ފެއްޓީއެވެ.

ޒޭން އެންމެ ފުރަތަމަ ޑީޖޭއެއްގެ ގޮތުގައި މަސައްކަތްކުރީ ހިލޭސާބަހަށް މަސައްކަތްކުރާ ބަޔަކު ހިންގި ހަރަކާތެއްގައެވެ. އެ ހަރަކާތުގައި އެތަނަށް އެއްވި މީހުން ނަށާތަނާއި އުފާ ފާޅުކުރާތަން ފެނުނީމާ ޑީޖޭއަކަށް ވުމަކީ ރަނގަޅު ކަމެއް ކަމަށް ހިތަށް އެރީއެވެ. "އެހައިތަނުން އަހަރެން ޑީޖޭއަކަށްވެ މަސައްކަރް ކުރިއަށް ގެންދާން ފެއްޓީ. އެކި ތަންތަނަށް ގޮސް މި މަސައްކަތް ކުރުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް. މީސްމީހުން އުފާކުރާތަން ފެނުނީމާ ވަރަށް ބޮޑު އުފަލެއް ލިބޭ."

ޒޭން ޑީޖޭ ކުރަނީ ހަމައެކަނި ރިސޯޓުތަކުގައެވެ. މާލޭގައި ނުބާއްވައެވެ. "އެކަމަކު ވަރަށް މަދު ފަހަރަކު ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކުގެ އެދުމަށް ބާއްވަން. އެހެން ނޫނީ މުޅީންވެސް މަސައްކަތް ކުރަނީ ރިސޯޓުތަކުގައި."

ރިސޯޓުގައި މަސައްކލަތް ކުރަނީ "ކޭޝް ކޭޝް އިވެންޓްސް" ނަމަކަށް ކިޔާ ބަޔަކާއެކީގައެވެ. އެމީހުންނާއެކު މަސައްކަތް ކުރަނީ 2019 ވަނަ އަހަރުން ފެށިގެންނެވެ. އެކަމަކު ރިސޯޓަށް ދަނީ އެކަންޏެވެ. "ޑީޖޭއަކަށް އިތުރު މީހަކު ބޭނުމެއް ނުވާނެތާ. އެހެންވީމާ އަހަރެން ދަނީ މުޅިންވެސް އެކަނި."

ރައްޓެހިންނާއި އާއިލާގެ އެހީތެރިކަން ލިބުނު ކަމުގައި ވިޔަސް ބައެއް ފަހަރަށް ހިތްހަމަ ނުޖެހޭ ކަހަލަ ވާހަކަވެސް އަޑު އިވޭ ކަމަށް ޒޭން ބުންޏެވެ. "އެއީ ކޮންމެ ކަމެއްގައިވެސް އޮންނާނެ ކަމެއްނު؟ އަހަރެންގެ މަސައްކަތަށް ތަރުހީބުދީ ތައުރީފުކުރާ މީހުން ގިނައީ. ބައެއް ފަހަރަކު ނުރުހޭ ވާހަކަވެސް އަޑު އިވޭ. އެއީ މާ ބޮޑު ކަމެއް ކަމަކަށް އަހަންނެއް ނުބަލަން. މީހަކު އެއްޗެކޭ ބުނީމާ އަހަންނަށް ބޭނުން ހިފޭ ކަހަލަ ރަނގަޅު ވާހަކައެއް ވިއްޔާ ޝުކުރުވެރިކަމާއެކު އެ ވާހަކައެއް ބަލައިގަންނަން. ވިޔާނުދާ ތާކުންތާކު ނުޖެހޭ ވާހަކައެއް ވިއްޔާ އަޅާނުލަނީ.]

ޑީޖޭއެއްގެ ގޮތުގައި މަސައްކަތް ނުކުރާ ވަގުތު ޒޭން ހޭދަކުރަނީ ކުރެހުމުގެ މަސައްކަތުގައެވެ. ކުރެހުމަކީ ކުޑައިރުއްސުރެ ވަރަށް ބޮޑު ޝައުގުވެރިކަމަކާއެކު ކުރަމުން އައި ކަމެކެވެ. އެ ޝައުގުވެރިކަން އުފެދުނީ ޕްރައިމަރީ ސްކޫލުގައެވެ. ސްކޫލުގައި ބޭއްވި އާޓް ކުލާހެއްގައި ބައިވެރިވީ ދުވަހުން ފެށިގެން ކުރެހުމަށް ވަރަށް ބޮޑު ލޯތްބެއް ޖެހިއްޖެއެވެ.

"އަހަރެން ބޮޑަށް ކުރަހާހިތް ވަނީ ކޮމިކާއި ކާޓޫނު. މީގެ އިތުރަށް ކޮންސެޕްޓް އާޓާއި އުޑުމަތީގެ މަންޒަރުތައް ކުރެހުމަކީވެސް ވަރަށް ބޮޑަށް ކުރާހިތްވާ ކަމެއް." ޒޭން ބުންޏެވެ.

ޒޭން ބުނާ ގޮތުގައި އޭނާ ބޭނުންވަނީ އަމިއްލަ ކޮމިކެއް ހެދޭވަރުގެ ކުރެހުންތެރިއަކަށް ވާށެވެ.

ގިނަ މީހުން ސަމާލުކަން ދެނީ ޒޭންގެ ޑީޖޭ ކުރުމަށެވެ. "ގިނަ މީހުންނަށް ރަނގަޅުވާ ކަމަށް ފެންނަނީ ޑީޖޭ ކުރުމުގެ މަސައްކަތް. އެހެންވީމާ އަހަންނަށްވެސް ބޮޑަށް ސަމާލުކަން ދެވެނީ އެކަމަށް."

ބޮޑު ސަމާލުކަމެއް ޑީޖޭ ކުރުމަށް ދެވުނު ނަމަވެސް ކުރެހުން ހުއްޓާލާކަށް ޒޭން އެއްގޮތަކަށްވެސް ޚިޔާލެއް ނުކުރެއެވެ. "ކުރެހުމުންވެސް ކުރިއަރަން އޮތް ބޮޑަކަށް ކުރިއަރަން އަހަރެން ބޭނުންވޭ. ކުރެހުމާ ޚިލާފަށް ޑީޖޭ ކުރުމުގައި ބޭރުގެ ގިނަ މީހުންނާ ދިމާވެ އެކުވެރިކަން އުފެއްދުމުގެ ފުރުސަތު މާ ބޮޑަށް އޮވޭ."

ޑީޖޭ ހެދުމުގައި ޒޭން ކަންވޮޑުވާ ކަމެއް އޮވެއެވެ. "ގިނަ ރިސޯޓުތަކަށް ކަމުދަނީ ބޭރުގެ ޑީޖޭއިން. ކުރެހުމަށް ބެލި ކަމުގައި ވިޔަސް ދިވެހިންނަށްވުރެ ބޮޑު ސަމާލުކަމެއް ބޭރު މީހުންނަށް ދޭތަން ފެނޭ. ދިވެހިންނަށް ފުރުސަތު ނުދޭތީ ވަރަށް ދެރަވޭ. އެއީ ސަރުކާރުންވެސް ވިސްނާލަން ރަނގަޅު ކަމެއް. ރިސޯޓުތަކުގައި ފޮޓޯ ނެގުމުގެ ފުރުސަތު ދިވެހިންނަށް ހޯދައިދިނުމުގައިވެސް ސަރުކާރުން ވަރަށް ބޮޑު ދައުރެއް އަދާކުރި. ހަމައެގޮތަށް އެހެން ޕްރޮފެޝަންތަކުގައިވެސް ރިސޯޓުތަކުން ދިވެހިންނަށް އިސްކަންދޭ ގޮތަށް ހެދުމަކީ ވަރަށް މުހިއްމު ކަމެއް. އެކަން ކުރެވޭނީ ސަރުކާރުން ކޮށްދިނީމާ."

ދެން ޒޭން ދެރަވަނީ އަޅާ ހެދުމާއި މީހާ ހުންނަ ގޮތަށް ބަލާފައި މާ ބޮޑަށް ފާޑުކިޔާތީއެވެ. "ބައެއް ކަހަލަ ގޮތްގޮތަކީ މުޖުތަމައު މުޅިން ގަބޫލު ނުކުރާ ކަންތައްތަކެއް ކަމަށް އަހަރެން ގަބޫލުކުރަން. އެކަހަލަ ހެދުން އެޅުމާއި އެކަހަލަ ގޮތަކަށް ހަރަކާތްތައް ބެހެއްޓުމަކީ ބައެއް ފަހަރު ނުބައި ނަތީޖާއެއް ނުކުމެދާނޭ ކަމެއް ކަމަށްވެސް ގަބޫލު ކުރަން. އަހަންނަށް ގަބޫލު ނުކުރެވޭ ކަމަކީ އަޅައިގެން ހުންނަ ހެދުމެއްގެ ސަބަބުން ސީދާ ވަކި ގޮޅިއަކަށް ފައްތައިގެން ނުބައި ގޮތްގޮތަށް ފާޑުކިޔާތީ. އަހަރެން އަޅައިގެން ހުންނަ ހެދުމެއް ކަމުނުދެއޭ ބުނުން އެންމެ ރަނގަޅު. އެކަމަކު އެ ހެދުމުގެ ސަބަބުން އަހަރެން ވަކި ކަހަލަ މީހަކަށް ވާކަށް ނުޖެހޭތާ؟ ކަމުނުދާ ކަހަލަ ކަމެއް ކުރުމަކީ އަހަރެންވެސް ކޮންމެހެން ކުރަން ބޭނުންވާ ކަމެއް ނޫން."

ޒޭން ގަބޫލުކުރާ ގޮތުގައި ކޮންމެ މަސައްކަތެއް ކުރިޔަސް ބިރު ކަނޑާލާފައި ނުކުމެ ހެޔޮ ނިޔަތަކާއެކު އެ މަސައްކަތް ކުރިއަށް ގެންދިޔައީމާ ކާމިޔާބު ވާނެއެވެ. "ކާމިޔާބުވުން އޮންނަނީ ރަނގަޅު ނިޔަތަކާއެކު ކުރާ ބުރަ މަސައްކަތަކުން. ދެރަކޮށްލުމުގެ ގޮތުން މީހުން ގަސްތުގައި ކިޔާ އެއްޗިއްސަށް ފަރުވާލެއް ނުބަހައްޓައި ހެޔޮ އެދިގެން މީހުންދޭ ރަނގަޅު ނަސޭހަތް ގަބޫލުކޮށްގެން ކުރިއަށް ދާން މަސައްކަތް ކުރުމަކީ އަހަރެންގެ ގަބޫލުކުރާ އެންމެ ރަނގަޅު ގޮތް."

ޒޭންގެ ޝޯއެއް ދެން އެންމެ އަވަހަށް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އޭނާގެ ކުރެހުންތައް އޭނާގެ އިންސްޓަގްރާމް ގައި މިހާރުވެސް އެބަހުއްޓެވެ.

3 ޚިޔާލު

  1. ތިކުރާ މަސައްކަތައް ހަމަ އައްސަރި ބަހާސާބަސް ، ވަކި މަސައްކަތެއް ނޯވޭ މީހާ ކުރިއައްދާކަށް، އެހެންވީމާ ހިތްވަރާއި އެކު ތިކުރާ މަސައްކަތާއިގެން ކުރިއައް ދޭ ،

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.