އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ދިރިއުޅޭ މީހުން ހުކުރު ދުވަހު (އިއްޔެ) ހެނދުނު ހޭލީ ބޯދުމުން އަނދިރިވެފައި އޮތް ޖައްވަކަށެވެ. މުޅި ޖައްވު ބަނަވެ އަނދިރިވެފައި އޮތީ، ހިންދޫންގެ ދިވާލީ އީދުގެ މުނާސަބަތުގައި ގޮއްވާލި ފަޓާާހާއި، އެރުވި ހަވާގެ ދުުމުންނެވެ. ދިއްލީގެ ވައި ކުރިންވެސް ސިއްހަތަަށް ގެއްލުންވާ ވަރަށް ނުސާފައި ވާތީ، ދިއްލީގެ ސަރުކާރުން އޮތީ ބަޑިބޭހުގެ ކުޅިވަރު މަނާކޮށްފައެެވެ. އެހެންނަމަވެސް، ސަގާފަތާ އެއްގޮތަށް ދިވާލީ ފާހަގަކުރަން ބޭނުންވެފައި ތިބި ގިނަ ބަަޔަކު ވަނީ ސަރުކާރުގެ އެންގުމާ ޚިލާފަށް ބަޑިބޭހުގެ ކުޅިވަރު ކުޅެފައެވެ.
ނޮވެންބަރު 4 ވީ ބުރާސްފަތި ދުވަހު ދިވާލީ ފާހަގަކޮށްފައިވާއިރު، ޖެހިގެން އައި ހުުކުރު ދުވަހު ނިއްދިއްލީގެ އެއާ ކުއަލިޓީ އިންޑެކްސް (އޭކިއުއައި) ވަނީ "އެންމެ ނުރައްކާތެރި" ދަރަޖައަށް ވެއްޓިފައެެވެ.
ދިވާލީ އަައުުމުގެ ކުރިން ވާރޭ ވެހުމާއި، ވައި ގަދަވުމުގެ ސަބަބުން ނިއުދިއްލީގެ ޖައްވު އޮތީ ތަންކޮޅެއް ސާފު، އެރަށުގައި ދިިރިއުޅޭ މީހުންނަށް ކޮންމެވެސް ވަރަކަށް ސާފު ވަޔަށް ނޭވާލެވޭވަރު ވެފައެވެ. ވައިގެ ސާފުކަން ބަލާ ޕީއެމް 2.5 އޮކްޓޯބަރު 2020 ގައި 126 ހުރިއިރު، މި އަހަރުގެ އޮކްޓޯބަރު މަހު އެ އަދަދު ވަނީ 72 އަށް ތިރިވެެފައެވެ.
ސެންޓްރަލް ޕޮލޫޝަން ކޮންޓްރޯލް ބޯޑް (ސީޕީސީބީ) ގެ ޑާޓާއިން ދައްކާ ގޮތުގައި ހުކުރު ދުވަހުގެ ވަގުތެއްގައި ނިއުދިއްލީގެ ޖައްވުގައި ޕީއެމް 2.5 ގެ މިންވަރު ވަނީ 500 އަށް ވުރެ މައްޗަށް ގޮސްފައެވެ. މިއީ ޑަބްލިޔުއެޗްއޯއިން ރައްކާތެރިކަމަށް ބަލާ މިންގަނޑަށް ވުރެ 10 ގުނަ މަތީ އަދަދެކެވެ. މިއީ، ނެވާލާ ނިޒާމުގެ މައްސަލަ ހުންނަ މީހުންގެ އިތުރަށް، ސިއްހަތު ރަނގަޅު މީހުންގެ ސިއްހަަތަށްވެސް ނުރައްކާ މިންވަރެކެވެ.
އާއްމު ހާލަތުގައި ވެސް ނިއުދިއްލީއަކީ ދުނިޔޭގެ ގައުމުތަކުގެ ވެރިރަށްތަކުގެ ތެރޭން އެންމެ ވައި ނުސާފު ވެރިރަށެވެ. އެ ރަށުގެ މިންގަޑުން ބަލާއިރުވެސް އިއްޔެ ވެފައި ވަނީ ވައިގެ ނުސާފުކަން ނުރައްކާތެރި ދަރައަކަށް އިތުރުވެފައިވާ ދުވަހަކަށެވެ.
އިއްޔެެ ދުވާލުވެސް ނިއްދިއްލީގެ އަލިކަން ހުރީ ފަތިހު އިރުއެރުމުގެ ކުރިން އަލިކަން ހުންނަ މިންވަރަށެެވެ. މަގުތަކުގައި ދުއްވާ އުޅަނދުފަހަރު ހެޑްލައިޓް ދިއްލައިގެ ދުއްވާއިރުވެސް އޭގެ އަލި ދުމުގެ ތެރޭން ފޭދިގެން މާ ދުރަށް ދަތުރެއް ނުކުރެއެވެ.
"ހަވާއެރުވުން މަނާކުރުން އެއީ ނިއުދިއްލީގައި ކާމިޔާބުވީ ތަނެއް ނުފެނޭ. އޭގެ ސަބަބުން ކުރެއްސުރެ ނުރައްކާތެރި ދަރަޖައިގައި ހުރި ވައިގެ ނުސާފުކަން ވަނީ އެންމެ ނުރައްކާތެރި ދަރަަޖައަށް އިތުރުވެފައި." ސެންޓަރ ފޯ އެނާޖީ އެންޑް ކްލީން އެއާ (ސީއާރްއީއޭ) ގެ އެނަލިސްޓް ސުނިލް ދާހިޔާ ވިދާޅުވިއެވެ.
"އަހަރުމެން ގައުމަށްވުރެ ބޮޑަށް ގާނޫނުތައް ފާސްކުރުމަށް ވުރެ، އެ ގާނޫނުތަކަށް އަމަލުުުނުކޮށް ދޫކޮށްލުން އުފަލަކަށް ހަދާ ގައުމެއް ނޯންނާނެ." ނިއުދިއްލީގައި ބަޑިބޭހުގެ ކުޅިވަރު މަނާކޮށްފައި އޮތުން ތަންފީޒު ނުކުރެވުމަށް އިޝާރާތްކުރައްވަމުން ކޮންގެްރެސް ޕާޓީގެ އިސް ލީޑަރެއް ކަމުގައިވާ ޖައިރާމް ރަމޭޝް ކުރެއްވި ޓުވީޓެއްގައި ވެއެެވެ.