ކޮޕް26: ޖަންގަލިތަކުން ގަސް ކަނޑައި ހުސްކުރުން 2030 އާއި ހަމައަށް ނިމުމަކަށް ގެނައުމަށް ވައުދުވަނީ

ގްލާސްގޯގައި ކުރިއަށްދާ ކޮޕް26 ބައްދަލުވުމުގެ ބައެއް ބައިވެރިން

ދުނިޔޭގެ ޖަންގަލިތަކުން ގަސް ކަނޑައި ހުސްކުރަމުންދާ ދިއުން 2030 ވަނަ އަހަރު އަންނަންވާއިރަށް ނިމުމަކަށް ގެނައުމަށް ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުގެ ވެރިން ވައުދުވެވަޑައިގަންނަވާނެއެވެ. ސޮކްޓްލޭންގެ ގްލާސްގޯގައި ކުރިއަށްދާ އދ.ގެ މޫސުމާބެހޭ ބައްދަލުވުން (ކޮޕް26) ގައި އާއްމުކުރުމަށް ނިންމާފައިވާ އެއްބަސްވުމުގައި، މިގޮތަށް ވައުދުވެފައިވާ ގައުމުތަކަކީ ދުނިޔޭގެ ޖަންގަލިތަކުގެ %85 ހިއްސާކުރާ ގައުމުތަކެެވެ.

ދުނިިޔޭގެ އެންމެ ބޮޑު ޖަންގަލިތައް ހިމެނޭ ބްރެޒީލް، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަދި އިންޑޮނޭޝިޔާގެ އިތުރަށް އެމެރިކާ، ކެނެޑާ، ރަޝިޔާ އަދި ކޮލޮމްބިޔާ ފަަދަ ގައުމުތަކުގެ ވެރިން ވަނީ މިއެއްބަސްވުމުގައި ސޮއިކުރައްވަން ނިންމަވާފައެވެ. މި ލަނޑުދަނޑިއަށް ވާސިލުވުމަށް ސަރުކާރުތަކުން 12 ބިލިއަން ޑޮލަރު ހޭދަކުރުމަށް ނިންމާފައި ވާއިރު، އަމިއްލަ ވިޔަފާރިތަކުން 7.2 ބިލިއަން ޑޮލަރު ހޭދަކުރާނެއެެވެ.

މި ނިިންމުމަށް ތަޖުރިބާކާރުން މަރުހަބާ ވިދާޅުވިއިރު، އެ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި ޖަންގަލިތަކުން ގަސްކެނޑުން މަދުކުރުމަށް 2014 ވަނަ އަހަރުވެސް އެެއްބަސްވެވުނެެވެ. އެހެންނަމަވެސް، އެ އެއްބަސްވުން ވަނީ ހަގީގަތަކަށް ނުވެފައެވެ. އެހެންކަމުން މުހިއްމީ ވައުދުތަކެއް ވުމެއް ނޫނެވެ. އެވައުދުތަކަށް އަމަލީ ސިފަ ގެނައުމެވެ.

ގަސްތައް ގިނައިން ކެނޑުމުން މޫސުމަށް ބަދަލު އައުމަށް މަގުފަހިވަނީ، ދުނިޔެ ހޫނުކުރާ ކާބަންޑައިއޮކްސައިޑް ގޭސް ޖައްވުން މަދުކުރާ އެއްޗަކީ ގަސްތައްކަމަށް ވާތީއެވެ.

ދުނިޔޭގެ ޖަންގަލިތައް ނެތިދިއުމާއި، ބިންގަނޑު ހަލާކުވުން 2030 އަންނަންވާއިރަށް އަނެއްކޮޅަށް ޖެހުމަށް ވާ މިވައުދުގައި، ޖަންގަލިތައް ދެމެހެއްޓުމުގައި އެތަނުގައި އުޅޭ ނަސްލުތަކުގެ މީހުންގެ ދައުރު ފާހަގަކޮށް އެމީހުންނަކީ "ޖަންގަލިތަކުގެ ބެލެނިވެރިން" ކަމުގައި ބަލައިގަތުންވެސް ހިމެނެއެވެ.

ދުނިޔޭގެ ޖައްވަށް ކާބަންޑައިއޮކްސައިޑް ބޭރުކުރުމަށް އިންސާނާކުރާ ކަންކަމުގެ ހަތަރުބައިކުޅަ އެއްބަޔަކީ ލަކުޑީގެ ބޭނުމަށް ގަސްކެނޑުމާއި، ޖަންގަލިތައް ސާފުުކުރުމާއި، ދަނޑުވެރިކަންފަދަ ކަންކަމެވެ.

އިންސާނުން ވަނީ ދުނިޔޭގެ ޖަންގަލިތަކުގެ ދެބައިކުޅަ އެއްބައި ކަނޑައި ހުސްކޮށްފައެވެ. ކާބަންޑައި އޮކްސައިޑް އެތެރެކުރާ ގަސްތައް ކަނޑައި ސާފުކުރުމަށް ފަހު، އެ ބިންތަކުގައި ކާބަންޑައި އޮކްސައިޑް ބޭރުކުރާ ގެރި ބަކަރި ފަދަ ޖަނަވާރު ގިނައިން ގެންގުޅެން ފެށުމުން ދުނިޔޭގެ ޖައްވުގައި ކާބަންޑައި އޮކްސައިޑް ދެގުނައަށް އިތުރުވެގެން ދެއެވެ.

ތިމާވެށި ހިމާޔަތްކުރާ ގްރީން ޕީސް ފަދަ ޖަމާއަތްތަކުން ވަނީ އަނެއްކާވެސް ދިހަ އަހަރުދުވަހަށް ދުނިޔޭގެ ޖަންގަލިތައް ކަނޑައި ހުސްކުރުމަށް ދިން ފުރުސަތެއް ކަމަށް ބުނެ ގްލާސްގޯ އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ގްލާސްގޯގައި އިއްޔެ ފެށި ކޮޕް26 ބައްދަލުުވުން ދެ ހަފުތާއަށް ކުރިއަށް ދާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.