މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެ، އެ ކަންކަން ހައްލުކުރާނެ ގޮތްތަކެއް އެކުލަވައިލުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޝްވަރާކުރައްވައިފި

މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވައިލައްވާފައިވާ ރީސަރޗް ގުރޫޕުގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވާ، މަޝްވަރާ ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަތުމަށް ހަދާ ދިރާސާއާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި "ތަޢުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމުގެ ރީސަރޗް ގުރޫޕު" އަކީ އެކި ދާއިރާތައް ހިމެނޭގޮތުން ހަ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ގުރޫޕެކެވެ. މި ގޮތުން، އެޑިޔުކޭޝަން ޕޮލިސީ އެންޑް ޕްލޭނިންގ، ހިޔުމަން ރިސޯސަސް، ސޯޝިއޮލޮޖީ، ޓްރެއިނިންގ، ފައިނޭންސް އަދި ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރުން މި ރީސަރޗް ގުރޫޕުގައި ހިމެނިވަޑައިގަންނަވައެވެ.

މި ގުރޫޕުގެ މައިގަނޑު މަސައްކަތަކީ މުދައްރިސުންނާ ގުޅޭގޮތުން ތަޢުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ސާފުކޮށް ދެނެގަތުމާއި، ސަރުކާރު ސްކޫލްތަކުގައި މަސައްކަތްކުރާ މުދައްރިސުން އެ ފަންނުގައި ދެމިތިބުމާއި ކުރިއަށްދިއުމަށް ކުރިމަތިވެފައިވާ ދަތިތައް ޢިމްލީ ދިރާސާއެއްގެ ޢަލީގައި ދެނެގަތުމާއި، ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށް، އެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ގޮތްތަކެއް ހޯދުމެވެ.

ރީސަރޗް ގުރޫޕުގެ މެންބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވިދާޅުވީ، ތަޢުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ މި ސަރުކާރުން މުހިންމު އިސްކަމެއް ދޭ ކަމެއް ކަމަށާއި، ތަޢުލީމީ ދާއިރާއަށް، އަދި ވަކީން ޚާއްޞަކޮށް މުދައްރިސުންނަށް، ކުރިމަތިވެފައިވާ އެކިއެކި ދަތިތައް ދެނެގަތުމަށް ޢިލްމީ ނަޒަރިއްޔާތަކުން ދިރާސާއެއް ހެދުމަކީ މި ވަގުތަށް ނުހަނު މުހިންމު ކަމެއް ކަމުގައެވެ. އަދި، ރީސަރޗް ގުރޫޕުން ހަދާ ދިރާސާ މެދުވެރިކޮށް އެ ދާއިރާއަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާއި ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ.

މީގެ އިތުރުން، ސަރުކާރުގެ އަމާޒަކީ ދިރާސީ އައު އަހަރަކާ ކުރިމަތިލާއިރު، ތަޢުލީމީ ދާއިރާއާއި މުދައްރިސުންނަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ލިބުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، ރީސަރޗް ގުރޫޕުގެ މެންބަރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާއާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޝުކުރު އަދާކުރެއްވިއެވެ.

"ތަޢުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމުގެ ރީސަރޗް ގުރޫޕު" ގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

ޑޮކްޓަރ އަޙްމަދު އަލި މަނިކު (އެޑިޔުކޭޝަން ޕޮލިސީ އެންޑް ޕްލޭނިންގގެ ދާއިރާ)

• ޑޮކްޓަރ ޢަލީ ނަޖީބު (ހިޔުމަން ރިސޯސަސްގެ ދާއިރާ)

• ޑޮކްޓަރ އާއިޝަތު ޝަފީނާ (ސޯޝިއޮލޮޖީގެ ދާއިރާ)

• އަލްފާޟިލާ އާމިނަތު ޒުބައިރު (ޓްރެއިނިންގގެ ދާއިރާ)

• އަލްފާޟިލް ޢަބްދުﷲ ޒަކަރިއްޔާ (ފައިނޭންސްގެ ދާއިރާ)

• އަލްފާޟިލް ޢަބްދުﷲ ރަޝީދު (ތަޢުލީމީ ދާއިރާ)

ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ރީސަރޗް ގުރޫޕުގެ ޗެއަރއެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ޑރ އަޙްމަދު އަލި މަނިކެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.