ޖަޕާނުގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއަށް މެންބަރުން ހޮވުމަށް އިއްެޔެ ބޭއްވި އާއްމު އިންތިޚާބުގައި ވެރިކަންކުރާ ކޯލިޝަނުން އަޣުލަބިއްޔަތު ހޯދައިފިއެވެ.
465 ގޮނޑި ހިމެނޭ މަޖިލީހުގެ އަޣުލަބިއްޔަތަކީ 233 ގޮނޑިކަމަށް ވާއިރު، ވެރިކަންކުރާ ކޯލިޝަނުން ވަނީ 293 ގޮނޑި ކާމިޔާބުކޮށްފައެވެ. އެއީ، ކޯލިޝަނުގެ މައި ޕާޓީ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އިން ކާމިޔާބުކުރި 261 ގޮނޑިއާއި، ކޯލިޝަނުގައި ބައިވެރިވާ ކުޑަ ޕާޓީ ކޮމެއިޓޯއިން ކާމިޔާބުކުރި 32 ގޮނޑިއެެވެ.
ވެރިކަންކުރާ ކޯލިޝަނުން އަޣުލަބިއްޔަތު ހޯދިނަމަވެސް، މިފަހަރު ކާމިޔާބުކުރެވިފައިވަނީ ކުރީގެ އިންތިޚާބަށްވުރެ 12 ގޮނޑި މަދުންނެވެ. އެހެންކަމުން، ބޮޑުވަޒީރު ފުމިއޯ ކިޝީޑާ ނިންމަވާފައި ވަނީ އޭނާގެ ސަރުކާރަށް އިތުބާރު އޮތްތޯ ބެލުމަށް އަލަށް އިންތިޚާބުވީ މަޖިލީހުގައި އިތުބާރު އޮތްކަމުގެ ވޯޓެއް ނަގާށެވެ.
ދާދި ފަހުން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ކިޝީޑާގެ މަގުބޫލުކަން ކުޑަވުމާ، ޖަޕާނަށް ކުރިމަތިވެފައިވާ ބޮޑެތި އިގުތިސާދީ މައްސަލަތަކުގެ ސަބަބުން، ގިނަ ބަޔަކު، ވަކިން ޚާއްސަކޮށް ބޮޑެތި މީޑިޔާތަކު ލަފާކޮށްފައި އޮތީ މިފަހަރުގެ އިންތިޚާބުގައި އެލްޑީޕީއަށް ހޯދޭނީ 250 ގޮނޑި ކަމުގައެވެ. އެހެންނަމަވެސް، އެ ޕާޓީން ވަނީ ލަފާކުރި ވަރަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދާފައެވެ.
އިއްޔެގެ އިންތިޚާބުގައި ވޯޓުލާފައި ވަނީ އެކަމުގެ ހައްގު ލިބިގެންވާ މީހުންގެ %55.93 މީހުންނެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި ބޮޑުވަޒީރު ކީޝާޑާގެ ހަގީގީ އިމްތިހާނަކަށް ވާނީ ގާނޫނުހަދާ މަޖިލީހުގެ މަތީގެއަށް މެންބަރުން އިންތިޚާބުކުުރުމަށް އަންނަ އަަހަރުގެ ޖުލައި މަހު ބާއްވާ އިންތިޚާބެވެ.
ވެރިކަންކުރާ އެލްޑީޕީން އިއްޔެގެ އިންތިޚާބު ކާމިޔާބުކުރުމާ ގުޅިގެން މިއަދު ޖަޕާނުގެ ސްޓޮކް އެކްސްޗޭންޖްގައި ސްޓޮކްެގެ މުއާމަލާތްތައް ފެށިއިރު، ނިކޭ އިންޑެކްސް ވަނީ %2.56 މައްޗަށް ޖެހިފައެވެ. އެއީ، ހީކުރިވަރަށް ވުރެ ރަނގަޅު ނަތީޖާއެއް އެލްޑީޕީން ހޯދުމުން ސަރުކާރު އޮމާންކަމާއެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން ވިޔަފާރިތަކަށް ލިބިފައިވާތިއެވެ.
އިދިކޮޅު މައި ޕާޓީ ކޮންސްޓިިޓިއުޝަނަލް ޑިމޮކްރެޓިކް ޕާޓީ އޮފް ޖަޕާން (ސީޑީޕީ) އަށް މި އިންތިޚާބުގައި ވެސް މާބޮޑު ކާމިޔާބީއެއް ހޯދިފައި ނުވެއެެެެވެ. އެ ޕާޓީއަށް ކާމިޔާބުުކުރެވުނީ 96 ގޮނޑިއެވެ. މިއީ ކުރީގެ އިންތިޚާބުގައި އެ ޕާޓީއަށް ލިބުނު ގޮނޑިއަށްވުރެ މާ މަދު އަދަދަކަށް ވުމާއެކުވެސް އެޕާޓީ ވާނީ ގާނޫނުހަދާ މަޖިލީހުގައި ދެވަނައަށް އެންމެ ބޮޑު ޕާޓީއަށެެެވެ. ކުރީގެ އިންތިޚާބުގައި ސީޕީޑީން ވަނީ 110 ގޮނޑި ކާމިޔާބުކޮށްފައެވެ.