ކޮވިޑް-19 ގައި 1 ލައްކަ 80 ހާސް ސިއްހީ މަސައްކަތްތެރިން މަރުވެފައިވާކަމަށް ލަފާކުރެވޭ: ޑަބްލިޔުއެޗްއޯ

2019 ވަނަ އަހަރުގެ ޑިސެންބަރު މަހު ޗައިނާއަށް ފެތުރި، އެފަހުން މުޅި ދުނިޔެއަށް ފެތުރި އަދިވެސް މުޅިން ކޮންޓުރޯލުކުރެވިފައި ނުވާ އާލަމީ ވަބާ، ކޮވިޑް-19  ގައި ދުނިޔޭގެ ކަންކޮޅުތަކުން 80 ހާހާއި 1 ލައްކަ 80 ހާހާއި ދެމެދުގެ އަދަދަކަށް  ސިއްހީ މަސައްކަތްތެރިން މަރުވެފައި ވާނެކަމަށް ލަފާކުރެވޭ ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ. އެ ޖަމްއިއްޔާއިން ވަނީ ވެކްސިންޖެހުމުގައި ސިއްހީ ދާއިރާގެ މީހުންނަށް އިސްކަން ދިނުމަށް ގޮވައިލާފައެވެ.

ޑަބްލިޔުއެޗްއޯއިން ބުނި ގޮތުގައި ސިއްހީ މަސައްކަތްތެރިންގެ އެތައް މިލިއަން ބަޔަށް ވެކްސިންޖެހިފައި ނުވުމީ ދުނިޔޭގެ ވެކްސިން ސަޕްލައި ކޮންޓުރޯލުކުރާ ކުންފުނިތަކާއި ގައުމުތައް "ކުށްވެރިންގެ ގޮތުގައި ބަލަންޖެހޭ" ކަމެކެވެ.

އެ ޖަމްއިއްޔާއިން ނެރުނު ކަރުދާހެއްގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި މަސައްކަތްކުރާ 135 މިލިއަން ސިއްހީ މަސައްކަތްތެރިންގެ ތެރޭން "ޖަނަވަރީ 2020 އާއި، މޭ 2021 އާ ދެމެދު 80 ހާހާއި 1 ލައްކަ 80 ހާހާއި ދެމެދު އަދަދަކަށް ސިއްހީ މަސައްކަތްތެރިންނާއި، ބަލިމީހުންނަށް އެހީތެރިވުމުގައި އުޅުނު މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައިވެދާނެ" އެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރަޔޭސަސް ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ވެކްސިންޖަހަން ޖެހޭ އެއް ބަޔަކީ ސިއްހީ ޚިދުމަތްތެރިންނެވެ. އޭނާ ވަނީ ވެކްސިން ފޯރުކޮށްދިނުމުގައި ދުނިޔޭގެ ގައުމުތަކުގެ މެދުގައި ހުރި ތަފާތު ބޮޑުކަން ފާހަގަކުރައްވައި އެކަން ކުށްވެރިކުރައްވާފައެވެ.

"190 ގައުމެއްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ދުނިޔޭގައި ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ވަނީ ސިއްހީ މަސައްކަތްތެރިންގެ ކޮންމެ 5 މީހެއްގެ ތެރޭން 2 މީހުން. އެހެނަސް، ހަގީގަތަކީ އެވްރެޖްކޮށް ބެލުމުން (ވެކްސިންޖެހުމުގައި) ހުރި ބޮޑު ފަރަގު ފޮރުވިގެންދާކަން." އޭނާ ވިދާޅުވިއެވެ.

"އެފްރިކާގައި ފުރިހަމައަށް ވެކްސިންދެވިފައި ވަނީ ސިއްހީ މަސައްކަތްތެރިންގެ ކޮންމެ 10 މީހެއްގެ ތެރޭން އެކަކަށް. އަނެއްކޮޅުން، އާމްދަނީގެ ގޮތުން ތަނަވަސް ގައުމުތަކުގެ %80 ސިއްހީ މަސައްކަތްތެރިންނަށް ވަނީ ފުރިހަމައަށް ވެކްސިން ދެވިފައި." ޓެޑްރޯސް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ނަރުހުންގެ ކައުންސިލް (އިންޓަނޭޝަނަލް ކައުންސިލް އޮފް ނާސަސް) ގެ ރައީސާ އެނެޓް ކެނެޑީ ވިދާޅުވިގޮތުގައި މި ވަބާގައި ފުރާނަ ގެއްލިފައިވާ ހުރިހާ ސިއްހީ މަަސައްކަތްތެރިންނާމެދު އެ ކައުންސިލުން ހިތާމަކުރެއެވެ. "ގިނަ ބަޔަކު މަރުވެ ދިޔައީ ބޭނުމެއް ނެތް ގޮތުގައި. ގިނަ ބައެއްގެ ފުރާނަ އަހަރުމެންނަށް ސަލާމަތްކުރެވުނީސް." އޭނާ ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯއިން ބޭނުންވަނީ މިއަހަރު ނިމުމުގެ ގައުމުތަކުގެ އާބާދީގެ %40 މީހުންނަށް ވެކްސިންގެ ދެ ޑޯޒު ދިނުމަށެވެ. އެހެންނަމަވެސް، 82 ގައުމަށް މި ލަނޑުދަނޑި ހާސިލުނުކުރެވޭނެ ކަމުގެ ބިރު އެބައޮތްކަމަށް އެ ޖަމްއިއްޔާއިން ދެކެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.