އިރާގުގައި އާދީއްތަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގައި އެގައުގެ ޝީޢީ ދީނީ ލީޑަރު މުޤްތަދާ އައްޞަދްރުގެ ޞަދްރީ މޫވްމަންޓުން ކުރިހޯދައިފިއެވެ. އައްޞަދްރުގެ ޕާޓީގެ ފަހަތުން ދެވަނައިގައި ވަނީ ގާނޫނުހަދާ މަޖިލީހުގެ މިހާރުގެ ރައީސު މުޙައްމަދު އަލްޙަލްބޫސީގެ ޕްރޮގްރެސް ޕާޓީއެވެ. އަދސި ތިންވަނައިގައި ވަނީ އިސްލާމިކް ދައުވާ ޕާޓީގެ ސެކްރެޓަރީ ޖެނެރަަލް އަދި ކުރީގެ ބޮޑުވަޒީރު ނޫރީ އަލްމާލިކީގެ ލީޑަރުކަމުގައި އުފައްދާފައިވާ ސްޓޭޓް އޮފް ލޯ ކޯލިޝަނުންނެވެ.
2003 ވަނަ އަހަރު އެމެރިކާ ސިފައިން އަރައި އިރާގުގެ ސުންނީ ރައީސު ޞައްދާމު ޙުސައިންގެ ވެރިކަން ވައްޓާލިފަހުން އެގައުމުގައި ވެރިކަން ކޮށްފައިވަނީ މުޅިންވެސް ޝީޢާ ޕާޓީތަކުންނެވެ. ޞައްދާމުގެ ވެރިކަމުގައި ސިޔާސީ ގޮތުން ފިއްތާފައި ތިބީ އެގައުމުގައި ބައިބޯ ޝީޢާއިންނާ އުތުރުގައި ދިރިއުޅޭ ކުރުދީން ވަނީ އޭނާގެ ވެރިކަން ވެއްޓުމާއިއެކު ސިޔާސީ މަސްރަހުގައި ކުރިއަށް ނުކުމެފައެވެ.
އިރާގުގެ ޕްރޮވިންސުތަކާއި، ވެރިރަށް ބަޣުދާދުން ލިިބުން އިބްތިދާއީ ނަތީޖާތަކަށް ބަލާއިރު، ޞަދްރީ މޫވްމަންޓުން ވަނީ ގާނޫނުހަދާ މަޖިލީހުގެ 73 ގޮަނޑި ކާމިޔާބުކޮށްފައެވެ. މިއީ 329 ގަޮނޑި ހިމެނޭ ކައުންސިލް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތާ ގާތްކުރާ އަދަދަކަށް ނުވިޔަސް، ސިޔާސީ ގޮތުން ބައިބައިވެފައި އިރާގުގެ އިންތިޚާބުގެ ނަތީޖާތަކަށް ބަލާއިރު، މިއީ ސިޔާސީ ނުފޫޒު ގަދަކަން ދައްކައިދޭ އަދަދެކެވެ.
އައްޞަދްުރު ޕާޓީގެ ފަަަހަތުން ދެވަނައިގައި އޮތް އިރު އަލްޙަލްބޫސީގެ ޕްރޮގްރެސް ޕާޓީއަށް ލިބިފައި ވަނީ 38 ގޮނޑިއެވެ. ތިންވަނައިގައި އޮތް އަލްމާލިކީގެ ސްޓޭޓް އޮފް ލޯ ކޯލިޝަން ލިބުނީ 37 ގޮނޑިއެވެ.
ހައި އިލެކްޓޯރަލް ކޮމިޝަންގެ ރައީސު ޖަލީލު ޢަދްނާން ވިދާޅުވި ގޮތުގައި އިންތިޚާބުގައި ބައިވެރިވެފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %41 އެވެ، ވެރިރަށް ބަޣުދާދުގައި ވޯޓުލާން ނުކުތް މީހުން ވަރަށް ބޮޑަށް މަދުވެފައިވާއިރު، ކުދި އަވަށްތަކުގައި ނުކުތް މީހުން ގިނައެވެ. ބަޣުދާދުގައި ނުކުމެފައިވަނީ %32 މީހުންނެވެ.
އައްޞަދްރުގެ ޕާޓީ އިންތިިޚާބުގައި ކުރިހޯދުމާ ގުޅިގެން މުޤްތަދާ އައްޞަދްރު ދެެއްކެވި ވާހަކަފުޅުގައި އޭނާ ވަނީ ސަރުކާރު އެކުލަވާލުމުގެ މަސައްކަތަށް ބޭރުގެ އެއްވެސް ފަރާތަކުން ނުފޫޒު ނުފޯރުވުމަށް އިންޒާރުދެއްވާފައެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތަށް އިސްކަން ދެއްވާނެކަން ހާމަކުރައްވާފައެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ހަތިޔާރު ހުންނަން ޖެހޭނީ ދައުލަތުގެ ބާރުގެ ދަށުގައެވެ. އަމިއްލަ ފަރާތްތަކުން ހަތިޔާރު ގެންގުޅުން ހުއްޓުމަކަށް ގެންނަން ޖެހެއެވެ.
"އަޅުވެތިކުރުމާ، ބިރުދެއްކުމާ ނުލައި އަމާންކަމާއެކު ރައްޔިތުން ދިރިއުޅެން ޖެހޭ ވަގުތު މިއީ." އައްޞަދްރު ވިދާޅުވިއެވެ.