ލަފުގައި ހިފި މީހާ މާފަށް އެދުމުން ނަޝީދު މާފު ކުރައްވައިފި

????????????????????????????????????

2007 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އޮތް ސިޔާސީ ހަރަކާތެއްގައި ކުރީގެ ރައީސް މުޙަންމަދު ނަޝީދު ހައްޔަރު ކުރުމުގެ ތެރެއިން ނަޝީދުގެ "ލަފުގައި" ހިފައި، ކޮއްޕަމުން ދިޔަ އޭރުގެ ފުލުސް މީހާ ނަޝީދުގެ ކިބައިން 10 އަހަރަށް ފަހު މާފަށް އެދުމުން އެމަނިކުފާނު އެކަމާ އުފާ ކުރައްވައި މާފު ކުރައްވައިފިއެވެ..

އެދުވަހު ނަޝީދުގެ ދެ އަތްޕުޅުގައި ދެ ފުލުހުން ހިފަހައްޓާފައިވާއިރު ފަހަތުން ގިރުވާނާއެކު ލަފުގައި ހިފަހައްޓައިގެން ފަހަތުން ކޮއްޕަމުން ދިޔަ ފުލުސް މީހަކީ މިހާރު ސިޔާސީ އިދިކޮޅު ހަރަކާތްތަކުން ފެންނަ އަލީ ޝާހިދު (ސްޓެޕް އައްޔަ) އެވެ. ރައީސް ނަޝީދުގެ ކިބައިން އައްޔަ މާފަށް އެދުމުން ރައްދުގައި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އައްޔަގެ އެ ބަސްކޮޅުން ވަރަށް އުފާވެއްޖެ ކަމަށެވެ.

"ތިޔަ ބަސްފުޅުން ވަރަށް އުފާވެއްޖެ، އަޅުގަނޑު ދެކޭގޮތުގައި ރުޅިވެރިކަމާއި ޒާތީ ޙަސަދައިން ލިބޭނެ ފައިދާއެއް ނެތް" ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ފިލްމީ ދާއިރާގައިވެސް ހަރަކާތްތެރިވާ އައްޔަ 10 އަހަރަށް ފަހު ނަޝީދުގެ ކިބައިން މާފަށް އެދުނީ އެދުވަހުގެ މަންޒަރު ދައްކުވައިދޭ ފޮޓޯއަކާއެކު ކުރި ޓްވީޓެއްގައެވެ.

"ރައީސް މުޙަންމަދު ނަޝީދުގެ ލަފުގައި ހިފުނީތީ މާފަށް އެދެން، ތިޔައީ ރާއްޖޭގެ ޑިމޮކްރަސީގެ ހުޅުކޮޅު" އައްޔަ ޓްވިޓާއަށް ދޫކޮށްލި މާފުގެ ބަސްކޮޅުގައި ބުނެފައިވެއެވެ.

އައްޔަގެ މި ޓްވީޓާއެކު އެމްޑީޕީގެ ސަޕޯޓަރުންނާއި އިސްބޭފުޅުންވެސް ދަނީ ނަޝީދުގެ ކިބައިން މާފަށް އެދި އައްޔަ ދެއްކި ހިތްވަރަށް ސާބަސް ދެމުންނެވެ. އޭރު އައްޔައަކީ ޕޮލިސް ކޮންސްޓެބަލްގެ މަގާމުގައި ހުރި ފުލުހެކެވެ.  އައްޔަ ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޯޑިނޭޓަރުކަންވެސް ކޮށްފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.