ފަޅިމޫނު - 130

(29 ސެޕްޓެމްބަރު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަހަރެން އެންމެ ފުރަތަމަ ޑަކްޓަރާ ބައްދަލު ކުރަން ހަމަޖެހިފައި އޮތީ މާދަމާ ހެނދުނުއެވެ. އަހަރެންގެ މޫނު ރަނގަޅު ކުރާނީ އެ ޑަކްޓަރެވެ. މޫނު ވަރަށް އަވަހަށް މުޅީން ފުރިހަމަ ވާނޭކަމުގެ ޔަގީންކަން އެބައޮތެވެ. އެކަމަކު އަހަރެންގެ މޫނު ހަގީގަތުގައި ފުރިހަމަ ކުރާ މީހަކީ ޖާނީއެވެ. އަހަރެން އެނބުރި އަންނާންދެން މަގުން ކައްސާނުލައި ޖާނީ ހުންނާނޭ ގޮތް މެދުވެރި ކުރައްވާތޯ އަހަރެން ﷲ އަށް ދުޢާ ދަންނަވާނަމެވެ. އެހެން މީހަކު ޖާނީގެ ފަހަތުން ދުވާނޭ ގޮތް މެދުވެރި ނުކުރައްވާތޯވެސް ދުޢާ ކުރާނަމެވެ. އަހަރެން އެނބުރި އައިސް ޖާނީއާ ހަވާލުވީމާ ހުރިހައި ކަމެއް އަމިއްލައަށް ހަމަޖައްސައިލާނަމެވެ. ޖާނީއަކީ އަހަންނަށްވުރެ އުމުރުން ދޮށީ މީހަކަށް ވިޔަސް އަދިވެސް ތިޔައީ ކުޑަކުއްޖަކު ކަހަލަ މީހެކެވެ. ދުނިޔޭގެ ރީތި ކުލަވަރާއި އަޑަށް ހެއްލި އަތުން ދޫކޮށްލާފައި އިސާހިތަކު ކަތި މަގަކުން ހިނގައިދާނެއެވެ. އެއީ އަހަރެންގެ ކުށެވެ. ޖާނީ ހުރީ އަހަރެންގެ އަތުގައި ބާރަށް ހިފަހައްޓައިގެންނެވެ. ދޫކޮށްލާފައި މި އައީ އަހަރެންނެވެ.

އަހަރެން ބޭނުންވަނީ އަހަރެން ނެތިދާ ދުވަސްކޮޅު ޖާނީ މަގުން ކައްސާލައިގެން ނުދާ ކަހަލަ ސިޓީއެއް ލިޔާށެވެ. އަހަރެންގެ ހިތުގައި މި ހިނގާ ޝައްކާއި ބިރު ޖާނީއަށް ވިސްނޭނޭ ކަމަށް ހީކުރަމެވެ. ﷲ އަށްޓަކައި ޖާނީގެ ވައުދުގެ މަތީގައި ދެމި ހުންނާށެވެ. ފަރުޒާނާ ހޯދަން ނުޅޭނޭ ކަމަށް ވައުދު ވީމެއް ނޫން ހެއްޔެވެ؟ އޭނާޔާ ބައްދަލު ނުކުރާނަމޭ އަދި އިއްތިފާގަކުން ދިމާވިޔަސް ގާތް ގުޅުމެއް ބޭއްވުމުގެ މަތީން ނުވެސް ވިސްނާނޭ ކަމަށާއި ދެވަނަ ކާވެންޏެއްގެ ޚިޔާލުވެސް ނުކުރާނޭ ކަމަށް ބުނީމެއް ނޫން ހެއްޔެވެ؟ އަހަންނަށް އިންތިޒާރު ކުރާށެވެ."

ސިޓީ ކިޔަމުން ދިޔަވަރަކަށް އޭނާގެ ހިތުގެ ހަމަނުޖެހުން ދިޔައީ ބޮޑުވަމުންނެވެ. ހަދާނޭ ގޮތް ބޮޑުވެއްޖެއެވެ. ފަރުޒާނާ މިހާރު އެހެރީ ވަރަށް ކައިރިއަށް ގެނެވިފައެވެ. އަތުތެރެއަށް ކިރިޔާ ނުވަދެ ހުރިކަމެވެ. އަނެއްކޮޅުން ދެއަތުން ސިޓީގައި ހިފަހައްޓައިގެން ހުރި އިރު އަތުގައި ބާވަތެއްގެ ތުރުތުރެއް އެކުލެވިފައި ހުއްޓެވެ.

އޭނާ އެތައް އިރެއް ވާންދެން އެހެން އިށީނދެގެން އިނުމަށް ފަހު ސިޓީ ފަށްޖަހައި ޖީބަށް ލައިފިއެވެ. އެޔަށް ފަހު ތެދުވެގެން ކާރުގެ ކައިރިއަށް އަތުވެއްޖެއެވެ. ފަރުޒާނާ އޮތީ ނިދައިފައެވެ.

ބާދްޝާ އަނެއްކާވެސް އައިސް ގޭތެރެއަށް ވަދެއްޖެއެވެ. ގޭތެރޭގައި ކުރުކާލި ކަނޑަން ފަށައިފިއެވެ. ރުޚްސާނާއަށް ސިޓީ ލިޔަން އިންދައި ފަރުޒާނާ އަތުވެއްޖެއްޔާ ވާނީ ކިހިނެއް ބާވައޭ ހިތަށް އެރިއެވެ.

ވާނީ ދެ ގޮތުންކުރެ އެއް ގޮތެކެވެ. އެއް ގޮތަކީ އޭނާ ލިޔަން އިންތަން ފެނިފައި ނުކުމެގެން ދިއުމެވެ. އަނެއް ގޮތަކީ ކައިރިއަށް އައިސް ލިޔާނީ ކޮން އެއްޗެއް ހެއްޔޭ އެހުމެވެ. ތިމަން މިގޭގައި އުޅޭ ވާހަކަ ސިޓީގައި ލިޔާނަން ހެއްޔޭ ނުލިޔާ ނަމަ ސިއްރު ކުރަނީ ކީއްވެހެން ހެއްޔޭވެސް އަހައިފާނެއެވެ. ތިމަން މިއީ ފާފައެއް ހެއްޔޭ ކަތިފިޔަވަޅެއް ހެއްޔޭ ދުނިޔެއަށް ސިއްރު ކުރަނީ ކީއްކުރަން ހެއްޔޭ ކުށެއް ނުވަތަ ކަތިފިޔަވަޅެއް ކަމަށް ގަބޫލުކުރާ ނަމަ ރަނގަޅު ކުރަން ނޫޅެނީ ކީއްވެގެން ހެއްޔޭ މިހިރީ ހައްތަހާވެސް އޭނާ ކޮށްފާނޭ ސުވާލެވެ.

އިރުކޮޅަކު ވިސްނައިލުމަށް ފަހު އޭނާ އަލަމާރި ހުޅުވައިލިއެވެ. އަދި ރުޚްސާނާގެ ހެދުންތަކުގެ ދަށަށް ސިޓީ ލައިފިއެވެ.

އޭނާ އަދަރާދަ ގޮނޑިއެއް ހިފައިގެން ނުކުމެ ކާރު ފެންނަ ހިސާބުގައި ގޮނޑި އަޅައިގެން އިށީނދެއްޖެއެވެ. ފަރުޒާނާއަށް ނިދުނު ވަގުތަކީ އިރު، އިރުމަތީގައި ހުރި ވަގުތެކެވެ. މިހާރު އެވަނީ އިރުމެދުން ލަނބައިފައެވެ. ފަރުޒާނާ ކުޑަ ހަރަކާތެއް ކޮށްލުމަށް ފަހު ލޯ ހުޅުވައިލިއެވެ. ކުޑަކޮށް މޯޅިއަކަށް ދެމިލުމަށް ފަހު ވަށައިގެން ހޯދައިލިއެވެ. ބާދްޝާ ގޮނޑިއެއްގައި އިންދައި ފެނުނީމާ ދޯޕައްޓާ ރަނގަޅު ކޮށްލުމަށް ފަހު ހަމަޖެހިލައިފިއެވެ.

ބާދްޝާ ތެދުވެގެން ކާރުގެ ކައިރިއަށް އަތުވެއްޖެއެވެ. "ފަރުޒާނާއަށް ނިދުނީ. ހޭލެއްވުން ރަނގަޅެއް ނުވާނެއޭ ހިތައި އަހަރެން އަޅާނުލީ."

ފަރުޒާނާ އިސްދަށަށް ޖަހައިލުމަށް ފަހު އަތުކުރީ ގަޑިއަށް ބަލައިލިއެވެ. މެންދުރުން އަނބުރައި ދޭއް ޖަހަން ގާތް ވެއްޖެއެވެ. އޭނާ ހައިރާން ވެފައި ބުނެލިއެވެ. "އަހަރެން ވަރަށް ގިނަ އިރުވާންދެން ނިދައިފިން ދޯ؟ ތިޔަ ހެދީއަކީ ރަނގަޅަކަށް ނޫން. އަހަރެން ހޭލައްވާން ވާނެއެއްނު؟"

"އަހަރެން ފަރުޒާނާއަށް ނިދިޔަ ނުދޭތާ ހަ ދުވަސް ވެއްޖެ. މިއަދުވެސް ހަދަންވީ އެހެންތަ؟"

"އަހަރެން ގެއަށް ދާން ބޭނުން."

"ފުރަތަމަ މި ގެއަށް ވަދޭ. އަތްފަޔާއި މޫނު ދޮވެލާ. ތައްޔާރު ވެގެން އައިސް ކާރަށް އަރާ. އަހަރެން ގެއަށް ގެންގޮސް ދޭނަން."

"އަހަރެން ޖާނީގެ ގެއަކަށް ނުވަންނާނަން."

"ފަރުޒާނާ ގޭތެރޭގައި ހުރިހައި ހިނދަކު އަހަރެން ގޭތެރެއަކަށް ނުވަންނަން ކަމަށް ހުވައި ކުރަން. އަހަރެން ހުންނާނީ ބޭރުގައި. ފަހަތަކުންވެސް ނުދާނަން. ބަސް އަހައިގެން ދޭ. މިހާރު ތިޔަހަރަ ގޮތަށް ކުނި މޫނާ ހުއްޓާއި މީހަކަށް ފެނިއްޖެއްޔާ ބުނާނީ ކީކޭ؟"

ފަރުޒާނާ ކުޑަ ހިނދުކޮޅަކަށް ވިސްނައިލިއެވެ. އެޔަށް ފަހު ކާރުން ފައިބައިގެން މަޑުމަޑުން ހިނގާފައި ގޮސް ގޭތެރެއަށް ވަދެއްޖެއެވެ. އިރުކޮޅަކަށް ފަހު ނުކުމެގެން އައި އިރު ހީވަނީ ފޮޅިފައި ހުރި ފިނިފެން މަލެއް ހެންނެވެ. މުޅި މީހާ ހުރީ ތާޒާ ވެފައެވެ. އޭނާ އެ އައި ގޮތަށް އައިސް ކާރަށް އަރައިފިއެވެ.

ބާދްޝާ ގޮނޑި ގެންގޮސް ގޭތެރެއަށް ވެއްދުމަށް ފަހު ގެ ތަޅުލާފައި އައިސް ކާރަށް އަރައިފިއެވެ. ކާރު މަގުމައްޗަށް ނެރެ، ދުއްވައިލުމަށް ފަހު ބުންޏެވެ. "ދެން ދާނީ ރަނގަޅު ރެސްޓޯރަންޓަކަށް. މެންދުރު ރަނގަޅަށް ކައިގެން ފަރުޒާނާ ގެންގޮސް ގެއަށް ލައިދޭނަން."

ފަރުޒާނާ ބުންޏެވެ. "އަހަރެން ޖާނީއާއެކު ރެސްޓޯރަންޓަކަށް ނުދާނަން. އެއީ ރަނގަޅު ކަމަކަށް ނުވާނެ. ﷲ އަށްޓަކައި އަހަރެން ގެއަށް ގެންގޮސްދީ."

"ގެއަށް ގެންގޮސް ދޭކަށް އަހަރެން ދެކޮޅެއް ނުހަދަން. ފަރުޒާނާވެސް އަހަރެންގެ ވާހަކަޔާ ދެކޮޅު ނުހަދާ."

"ތިޔަ އުޅެނީ އަހަންނާ އެކީ ވީހައިވެސް ގިނަ ވަގުތު ހޭދަކުރެވޭނޭ ގޮތެއް ހޯދަން. މުޅި ދިރިއުޅުން ހޭދަކުރާނީ އެހެންތަ؟"

"ފަރުޒާނާ ބޭނުމިއްޔާ މުޅި ދިރިއުޅުންވެސް ހޭދަކުރެވިދާނެ."

"ޖާނީ ތިޔަ ވާހަކަ ދައްކަނީ ވިސްނައިލުމެއް ނެތި. ރުޚްސާނާއަކީ ޖާނީގެ އަނބިމީހާކަން ހަނދާން ނައްތައިނުލާ. އެއީ އަހަރެންގެ ނުލާހިކު ގާތް އެކުވެރިއެއް."

"އެހެންވިއްޔާ ވާނީ ވަކި ކޮން ކަމެއް؟"

"ވަރަށް ގިނަ ކަންތައް ވާނެ. އެއީ ކިޔަވައިގެން އިން އަންހެނެއް. އަހަންނަކީވެސް ޖާހިލަކީމެއް ނޫން. އެކަކަށްވުރެ ގިނަ މީހުންނާ އިނުމަކީ ފިރިހެނުންނަށް އިސްލާމްދީނުން ދީފައި އޮންނަ އިޚްތިޔާރެއް. އެކަމަކާ އަހަރެން ދެކޮޅެއް ނުހަދަން. އެކަމަކު އެ އިޚްތިޔާރާ ގުޅިގެން އޮންނަ ޝަރުޠަކީ ޖާނީއަކަށް ފުއްދޭނޭ ޝަރުތެއް ނޫން."

"އެއީ ކޮން ޝަރުތެއް؟"

"ޖާނީ އިންނަން އުޅޭ މީހާގެ ރުހުން ހޯދުން. އަހަރެން މިހިރީއަކީ މީހެއްގެ ފިރިއަކާ އިންނާކަށް ރުހިގެންނެއް ނޫން."

"ސީދާ ތެދަށް ބުނެބަލަ. ފަރުޒާނާ އަހަރެން ދެކެ ލޯތްބެއް ނުވޭތަ؟"

"އެހެން އަންހެނެއްގެ ދިރިއުޅުން ހަލާކު ކޮށްލާ ކަހަލަ ލޯތްބެއް ނުވަން. މުޅި ބަގީޗާ އެކީގައި ވީރާނާ ކޮށްލާ ކަހަލަ ލޯތްބެއް ނުވަން. ކަރުގައި ޖެހުނު ކަށްޓެއްހެން ނުމެދިރި ނުމެނެއްޓި އޮންނަ ކަހަލަ ލޯތްބެއް ނުވަން."

ބާދްޝާ އަނގައިން ނުބުނެ ވިސްނަމުން ގެންދިޔައެވެ.

ފަރުޒާނާ އަނެއްކާވެސް ބުންޏެވެ. "ޖާނީއަކަށް ޝަރުތު ފުރިހަމައެއް ނުކުރެވޭނެއޭ އަހަރެން ބުނީމެއްނު؟ ދެވަނަ ޝަރުތަކީ ފުރަތަމަ އަނބިމީހާގެ އުނިކަމެއް ނުވަތަ ނުކުޅެދުންތެރިކަމެއް ބަޔާންކޮށް ދިނުން. ނުވަތަ އަމިއްލަ މަޖުބޫރީ ހާލަތެއް ބަޔާންކޮށް ދިނުން. ޖާނީގެ މަޖުބޫރީއަކީ ކޮބާ؟ ރުޚްސާނާއަކީ ރަނގަޅު ވަފާތެރި އަނތްބެއް ނޫންތަ؟ އޭނާ ޖާނީ ދެކެ ހިތުގެ އަޑިން ލޯތްބެއް ނުވޭތަ؟ އޭނާގެ އޮތީ އެންމެ އުނިކަމެއް. އެއީ މޫނުގެ އެއްފަޅި އަނދާފައި ހުރުން. އެނބުރި އަންނައިރު ހުންނާނީ އެ އުނިކަންވެސް ފޫބެދިފައި. އޭނާގެ ކިބައިން އެއްވެސް އުނިކަމެއް ޖާނީއަކަށް ނުދެއްކޭނެ. އެހެންވީމާ ދެވަނަ ކާވެންޏެއް ކުރާނީ ކޮން ސަބަބެއް ދައްކާފައި؟"

"އަހަރެންގެ ސަބަބަކީ ފަރުޒާނާ ދެކެ ލޯބިވުމާއި ފަރުޒާނާޔާ ނުލައި ދިރިނުހުރެވުން."

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.