ޕާކިސްތާނުގެ ކޮމޭޑިއަން ޢުމަރު ޝަރީފް ނިޔާވެއްޖެ

މި ސަރަހައްދުގައި އުފެދުނު އެންމެ މޮޅު ކޮމޭޑިއަން ޕާކިސްތާނުގެ އެކްޓަރ ޢުމަރް ޝަރީފް މިއަދު މެންދުރު 12 ޖެހިއިރު ނިޔާވެއްޖެއެވެ. އޭނާ ނިޔާވީ ބޭސް ފަރުވާއަށް އެމެރިކާއަށް ގެންދިއުމުގެ މަގުމަތީގައި ޖަރުމަނުވިލާތުގައެވެ. ނިޔާވީ އިރު އޭނާގެ އުމުރަކީ 66 އަހަރެވެ.

ޢުމަރު ޝަރީފްގެ ސިއްހީ ހާލަތު ގޯސްވެ އިތުރު ފަރުވާ ހޯދަން ޕާކިސްތާނުން ބޭރަށް ދާން ޖެހުމާއެކު އަމިއްލަ ގޮތުން ސަރުކާރުގައި އެދުނީއެވެ. އެޔާއެކު ފެޑެރަލް ސަރުކާރުންވެސް އަދި ސިންދުގެ ސަރުކާރުންވެސް އޭނާގެ ފަރުވާއަށް އެހީތެރިވެ ދިނެވެ. ސިންދު ސަރުކާރުން ވަނީ އޭނާގެ ބޭސްފަރުވާއަށް 40 މިލިއަން ޕާކިސްތާން ރުޕީސް ކަނޑައަޅައިފައެވެ. އޭނާ ނިޔާވީ ސަރުކާރުން ހަމަޖެއްސި އެއަރ އެމްބިއުލަންސެއްގައި އެމެރިކާއަށް ދަތުރުކުރި މަގުމަތީގައި ޖަރުމަނުގައެވެ. ޖަރުމަނަށް ބޯޓު ޖެއްސީ ނިއުމޯނިއާގެ ސަބަބުން ހުން ތިރި ނުވުމާއެކު ޖަރުމަނުގައި މަޑުކޮށް ހަސްފަތާލަކަށް ގެންގޮސް ފަރުވާ ދޭން ވެގެންނެވެ. ފަރުވާ ދިނުމަށް ފަހު ހާލަތު ރަނގަޅުވެ ދަތުރަށް ތައްޔާރު ވަމުން ދަނިކޮށް ރޭގެ ވަގުތެއްގައި ކުއްލިއަކަށް ހާލަތު ގޯސްވީއެވެ.

ޢުމަރު ޝަރީފު އެކްޓިންގ ގެ ދާއިރާއަށް ނުކުތީ ސްޓޭޖް ޑްރާމާއިންނެވެ. އޭނާގެ މަޝްހޫރު ޑްރާމާތަކުގެ ތެރޭގައި "ބަކްރާ ގިސްތޯންޕޭ" އާއި "ފިފްޓީ ފިފްޓީ" އާއި "ބުއްޑާ ގަރްޕޭ ހޭ؟" ފަދަ އެތައް ޑްރާމާއެއް ހިމެނެއެވެ. ފަހަކަށް އައިސް ޢުމަރު ޝަރީފްގެ ޝޯ "ދަ ޝަރީފް ޝޯ" ވަނީ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދައިފައެވެ. އެ ޝޯ ބަލައިގެން އިންޑިއާގެ ކޮމޭޑިއަންއެއް ކަމަށްވާ ކަޕިލް ޝަރްމާ ވަނީ "ދަ ކަޕިލް ޝަރްމާ ޝޯ" ގެ ނަމުގައި ޝޯއެއް ފަށައިފައެވެ. ޢުމަރު ޝަރީފްގެ ޝޯ ފެށުނީ 2009 ގައެވެ. ކަޕިލް ޝަރްމާގެ ޝޯ ފެށޫނީ 2016 ގައެވެ.

ޢުމަރު ޝަރީފް ސްޓޭޖް ޑްރާމާ ފެށީ 1974 ވަނަ އަހަރުއެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 14 އަހަރެވެ. އޭނާގެ ޝޯތައް އެ ދުވަސްވަރު ވީޑިއޯކޮށްގެން ކުއްޔަށްދިނުމާއި ވިއްކުން ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ދިޔައެވެ. އިންޑިއަން ސަބްކޮންޓިނެންޓްގައި އޭނާ މަޝްހޫރު ވެފައި ވަނީ "ކިންގ އޮފް ކޮމެޑީ"ގެ ނަމުގައެވެ. އިންޑިއާގެ މަޝްހޫރު ކޮމެޑިއަނުން ކަމަށްވާ ޖޮނީ ލެވްރއާއި ރާޖޫ ސްރިވާސްތަވް ފަދަ މީސްމީހުން އޭނާ ދެކެނީ "ދަ ގޯޑް އޮފް އޭޝިއަން ކޮމެޑީ" ގެ ގޮތުގައެވެ.

ޕާކިސްތާނުގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ޢުމަރު ޝަރީފް ވަނީ ވަރަށް އާދަޔާ ޚިލާފު ސްޓޭޖް ޝޯއެއް ބާއްވައިފައެވެ. ޝޯގެ ނަމަކީ "ޢުމަރް ޝަރީފް ހާޒިރް ހޯ" އެވެ. އެ ޝޯގައި ޕާކިސްތާނުގެ އެކި ދާއިރާތަކުން މީހުން ކޯޓަށް ހާޒިރުކޮށް އެމީސްމީހުން ވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި ޕާކިސްތާނަށްޓަކައި ކުރި މަސައްކަތްތަކާ ބެހޭ ގޮތުން ސުވާލު ކުރިއެވެ. ޝޯ ވެގެން ދިޔައީ އާދަޔާ ޚިލާފަށް ހެއްވާ އަދި މަގުބޫލު ޝޯއަކަށެވެ.

ޢުމަރު ޝަރީފް ނިޔާވުމާ ގުޅިގެން އިންޑިއާއާއި ޕާކިސްތާނާއި އެހެން ގައުމުތަކުގެ އެކްޓަރުންނާއި މުނިފޫހިފިލުވުމުގެ ދާއިރާގެ މީސްމީހުން ގެންދަނީ ހިތާމަ ފާޅުކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.