ރާއްޖޭގެ ހުރިހާ ރަށެއްގެ މީހުން މާލެ ސަރަޙައްދަށް އައުމަށް ރައީސް އަބްދުﷲ ޔާމީން ދާދިފަހުން ގޮވާލެއްވީ ހުރިހާ ރަށަކުން މީހުން ބާލައި، އެރަށްތައް ފަޅުވުމުން ބޭރުގެ ކުންފުނި ތަކަށް އެރަށްތައް ވިއްކާލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ފަރާތުން މިރޭ ގދ. ތިނަދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ވެރިރަށް މާލެއަކީ އެންމެ ދަތިޙާލުގައި މީހުން އުޅެމުން އަންނަ ރާއްޖޭގެ އެންމެ "ނިކަމެތި ރަށް" ކަމަށާއި މިފަދަ ޙާލެއްގައި އޮތް މާލެއަށް އަތޮޅު ތަކުގެ އެންމެން އައުމަށް ރައީސް ގޮވާލެއްވީ އެރަށްތައް ހުސްވުމުން ބޭރުގެ ބޮޑެތި ކުންފުނި ތަކަށް ވިއްކާލެއްވުމުގެ ނިޔަތް ފަހަތުގައި އޮތުމުން ކަމަށެވެ. އެހެންވެ އެ ފުރުޞަތު ރައީސް ޔާމީނަށް އެއްވެސް ރަށެއްގެ ބަޔަކު ނުދިނުމަށްވެސް ޝާހިދު ވަނީ މިރޭ ގޮވާލައްވާފައެވެ.
ހުވަދޫ ބަހުރުވައިންވެސް މިރޭ ބަޔެއް ފަހަރު ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ސަރުކާރުން މިހާރު އަމާޒު ހިފާފައި ވަނީ ތިނަދޫ އާއި މުޅި ހުވަދު އަތޮޅު ފަޅުކޮށްލަން ކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި ހުވަދުއަތޮޅުގައި 1500 ހައުސިން ޔުނިޓް އަޅަން ނިންމާފައި ވަނިކޮށް ރައީސް ޔާމީންގެ ސަރުކާރުން އެ ހައުސިން ޔުނިޓުތައް ރާއްޖޭގެ އެހެން ބަޔެއް ސަރަޙައްދު ތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ހުވަދު އަތޮޅުގައި މިހާރުވެސް ކުރިޔަށްދާ ކޮންމެ މަޝްރޫއަކީ އެމްޑީޕީގެ ވެރިކަމުގައި ފެށި މަޝްރޫއުތަކެއް ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަލަށް ފެށި އެންމެ މަޝްރޫއެއްވެސް ހުވަދު އަތޮޅުގައި ކުރިޔަށް ނުދާކަމަށެވެ.