މަގުމަތީގެ އަޚުލާޤާއި އަދަބު - އިސްލާހުކުރަން އުޅޭ މީހަކު ގޯސްވާ ހިސާބުގައި

މާލޭގެ މަގެއް – ސައިކަލްތަކުން ފުރި މީހުންނާއެކު ތޮއްޖެހިފައި

ވަކިމީހަކު އިސްތިސްނާއެއް ނޫނެވެ. މަގުމައްޗަށް ނުކުތުމަށްފަހު، ކޮންމެ މީހަކުވެސް މަސައްކަތްކުރަނީ، އެމީހަކު އެދާތަނަކަށް ވީއެންމެ އަވަހަކަށް ދެވޭތޯއެވެ. ހިނގާމީހުން ފައިމަގުގައެވެ. ބައިސްކަލްދުއްވާ ބިދޭސީން ބައިސްކަލްގައެވެ. ސައިކަލް ދުއްވާމީހުން ސައިކަލުގައެވެ. ކާރުދުއްވާމީހުން ކާރުގައެވެ. އަދި ލޮރީއާއި ޕިކަޕްދުއްވާމީހުން އެއިން އެއްޗެއްގައެވެ. މައިންބަފައިންވެސް އެމީހުންގެ ދަރިން އާމްދަނީއެއް ނުހޯދިޔަސް، ސައިކަލެއް ހޯދައިދެއެވެ. މައިންބަފައިންގެ ފަރާތުން އެކަން ފުރިހަމަނުވާ ކުދިން، އެކިގޮތްގޮތުން އިންސްޓޯލްމަންޓަށް ސައިކަލް ނަގައެވެ. ރައްޓެހިންގެންގުޅޭ ސައިކަލް އަތުލައިގެން ދުއްވަންގެންގުޅޭ ޒުވާނުންވެސް މަދެއްނުވާނެއެވެ.

މަގުމައްޗަށް ނުކުމެއްޖިއްޔާ އެމީހަކާ އެމީހެކެވެ. ދުއްވާއެއްޗަކަށް އެރިއްޖިއްޔާ ދެމިގަނެގެން ދެވެން އޮންނަ ހަނިތަންކޮޅެއްނޫންއެހެން ތަނެއް ނުފެނެއެވެ. ދުވާރުމަތިން ހިނގާއިރު، އެހެން މީހުންނެއް ނުފެނެއެވެ. މަގުހުރަސްކުރާއިރު، އަރިމައްޗަކުން ދުއްވާއެއްޗެއް އަޔަސް ވަރިހަމައެވެ. ދުއްވާއެއްޗެއް އަޔަސް އަދިނަޔަސް ހުއްޓުމެއް އައިސްގެންނުވާނެއެވެ. އެދާގޮތަކަށް ދެވެންވާނެއެވެ. ދުއްވާ އުޅަނދުފަހަރު، ސްޕީޑް ބްރޭކަރެއް ފެންނަ ވަރަށްވުރެ ދުއްވާލެއްބާރެވެ. މަގުހުރަސްކުރާމީހުން، މަގުހުރަސްކުރާ ތަނުން ދާކަމެއް، ދުއްވާމީހާއަކަށް ނޭނގެއެވެ. ދުއްވާ އެއްޗެއްގެ ކުރިޔަށް އަރާއިރު، ކަނާއަތެއް އަދި ވައަތެއް ނޯވެއެވެ. ތަންކޮޅެއްލިބޭ ފަރާތަކުން ދެމިގަންނަން ވީއެވެ. ގޯޅިއެއް އަޅާއިރު ފަހަތުން އަންނަ ދުއްވާއެއްޗަކަށް ނުބެލެއެވެ. ކުރީގައިއޮންނަ ދުއްވާ އެއްޗެއް އަޅަމުންދާ ސިގްނަލަކަށް ނުބެލެއެވެ. މުދާއަރުވާއިރު، ޕިކަޕާއި ލޮރީގެ ކުރިމަތީ ގެގަނޑަށްވުރެ މައްޗަށް އެއްޗެތި އަރުވާފައި ހުއްޓަސް ވަރިހަމައެވެ. މުދާބާލައި އަރުވަން މަޑުކޮށްލާކަށް ތަނެއް ތަނެއް ނޯވެއެވެ. ހަތަރު އަނގޮޅިން މީހަކަށް ނުދެވޭވަރަށް ދަތިކޮށްފަ ބޭއްވުނަސް އެންމެ ރަނގަޅެވެ. ގޯޅިގޯޅީގެ ކަންމަތީ، ކުރިމަތިންދާ އެއްޗެއް ނުފެންނަވަރަށް ގޯޅިއަށް ނިވާވާގޮތަށް ޕާރކް ކުރެވުނަސް ހަމަ އެންމެ ރަނގަޅެވެ. މީހުން އަރުވަން ކާރު މަޑުކޮށްލާކަށް ވަކިތަނެއް ނޯވެއެވެ. ޕާކުކުރާކަށް ވަކިތަނެއް އޮވެގެން ނުވެއެވެ. ސައިކަލަކަށް އެރިއްޖިއްޔާ އަޑުބާރުކޮށް، ރޭސްކޮށްލާ ތަންގަނޑު އެންމެން ސިއްސުވައިލާނެއެވެ. އެއުނޅަދެއް ދުވާނެ އެންމެ ބާރު ސްޕީޑުގައި ދުއްވައިލައިގެންނޫނީ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. މިއީ ޢާންމު ޙާލަތެވެ. މާލޭގެ މަގުމަތީގެ އަމާންކަން އަންގައިދޭ ޢާންމު ޙާލަތެވެ. ޓްރެފިކް ޤަވާޢިދާއި މަގުމަތީގެ އަޚުލާޤު އެއީ އޮންނަ އެއްޗެއްކަމެއް ނޭނގެއެވެ. ބިދޭސީންވެސް ގިނައީއެވެ. މަދު، ދިވެއްސަކު ނޫނީ މިދެންނެވުނު ކަންކަމަށް ވިސްނައި ފިކުރުކުރާ މީހެއްނޫޅެއެވެ. ގިނަފަހަރަށް ލަނޑުލިބި ގެއްލުންވަނީ، ޓްރެފިކް ޤަވާޢިދާއި އަޚުލާޤީ ޢާންމު މިންގަނޑަށް ބަލައިގެން އުޅޭ މީހުންނަށެވެ. މިފަދަ ޙާލަތެއްގައި މަގުމަތީގެ އަމާންކަން އޮންނާނެތޯއެވެ؟ މަގުމަތީގެ އަޚުލާޤާއި އަދަބުގެ ކަންފުޅެއްވެސް ނުފެނެއެވެ.

ލޮރީގައި މުދާ ޖައްސަންވެސް، ދުވާރުމަތީ ގައްޔާއި މަގުމަތީ މުދާ ޖައްސަންވެސް ވަކި ހަމައެއް ނޯވެއެވެ.

މާލޭގެ އުތުރު ހުޅަނގުފަރާތުން ބާޒާރުމައްޗަށް ނުކުމެއްޖިއްޔާ، އެހިސާބަށް އާދެވުނު މޮޔަ ހީވާނެއެވެ. ގޭކައިރި ގަރާޖުފިހާރަޔަކުން އެގަންނަން ބޭނުންވާ އެއްޗެއް ގަނެލެވުނުނަމަ މާ ރަނގަޅުވީހޭ ހިތަށް އަރާވަރު ވާނެއެވެ. މިއީ އިއްޔެއަކު މިއަދަކު ވެގެންއުޅޭގޮތެއް ނޫނެވެ. މިކަމެއް ހިނގަމުން އައިސް، މިހާބޮޑުވެގެންދާން ދުވަސްތަކެއް ނެގިއެވެ. އެދުވަސްތަކުގައި، މިކަމަށް ސަމާލުކަން ނުދެވުމުގެ ހިތިކަން ކޮންމެވެސް ބަޔަކަށް މިހާރު އިޙްސާސް ކުރެވޭނެވެސް މެއެވެ.  މިއީ ބިދޭސީން ރާއްޖެއައިސް، އެމީހުން ބޭނުންހައިގޮތަކަށް ރާއްޖޭގައި އުޅެވޭތީ އައި ބަދަލެއްނޫނެވެ. މިއީ ދިވެހިންގެ ޢަމަލުތައް ހުރިގޮތުން އައި ބަދަލެކެވެ. ބިދޭސީންގެ ފަރާތުން ލިބެމުންދާ ގެއްލުމަށް ނުވިސްނައި އަމިއްލަ އެދުން އިސްކުރެވުނު ދިވެހި ވިޔަފާރިވެރިންގެ އިހުމާލުން އުފެދުނު ޙާލަތެކެވެ. އެންމެ ފަހުން އެހެން ހަރުފަތަކަށް މިކަން މިހާރުމިވަނީ އުފުލިފައެވެ. އެއީ ގަރާޖު ފިހާރައެވެ. މާލޭގެ ގެޔަކުން ހުސްތަންކޮޅެއް އޮތްނަމަ، ބިދޭސީއަކު، ޚާއްޞަކޮށް ބަންގްލަދޭޝް މީހެއްގެ ލޯ އެދިމާއަށް ހުއްޓޭނެއެވެ. އެއީ ގޭގެމައްޗަށް އަރާ ސިޑީގެ ދަށް ކަމަށްވިޔަސް ވަރިހަމައެވެ. އެއީ ދުއްވާ އެއްޗެއް ރާއްޖެ އެތެރެކުރަން ރަޖިސްޓަރީކޮށް ކަމާބެހޭ ފަރާތަށް ދައްކާފައިވާ، ގަރާޖެއްކަމަށްވިޔަސް އެންމެ ރަނގަޅެވެ. އެގަރާޖަކުން، ދެފައިދާ ނެގުނީއެވެ. ގަރާޖު ރަޖިސްޓަރީކޮށް، ދުއްވާ އެތި އެތެރެކުރަން ހުއްދަލިބި، ގަރާޖުވެސް ކުއްޔަށް ދެވުނީއެވެ. މިކަމުގައި ބަންގްލަދޭޝް މީހުންގެ ލޯ، ނުހުއްޓޭ ދިމާލެއް ނެތެވެ. މުއްސަނދިން ދިރިއުޅޭ ގޭގޭގެ ގަރާޖުވެސް، ގަރާޖު ފިހާރަޔަށްވެފައި އެބަހުއްޓެވެ. ބިދޭސީންނާއި ދިވެހިން ލާރިހޯދަން ކުރާ މަސައްކަތް، މިހާރު ހަމަ ގިނަވަނީއެވެ. ހުއްދަ ނަގައިގެން ކުރާ ވިޔަފާރިއެއްތޯބަލަން، ކަމާބެހޭ ފަރާތްތަކުން ގޮސް މަޢުލޫމާތު ސާފުކުރާއިރު ، އެކަމަށް ހުއްދަ ނަގާފައި އޮންނަނީ ދިވެއްސެއްގެ ނަމުގައެވެ. އެކަމަކު ވިޔާފާރިކޮށް، އެކަމުގެ ނަފާ ހޯދަނީ ބިދޭސީއެކެވެ. ހުރިހާ ރުފިޔާއެއް، ޤަވާޢިދުން ކޮންމެ ދުވަހަކު ބޭރު ޤައުމަކަށް ބޭރުވެއެވެ. ހުއްދަ ނަގާފައިއޮންނަ ދިވެއްސަކަށް ލިބެނީ މަހު ކުއްޔެކެވެ.

މާލޭގައި އިތުރުވަމުންދާ ގަރާޖު ފިހާރަތައް

ކޮންމެކަމެއްގައިވެސް އަދަބެއް އޮންނާނެއެވެ. އަޚުލާޤީ މިންގަނޑުތަކެއްވެސް ހުންނާނެއެވެ. އެހެންނަމަވެސް، އެއިންކަމަކަށް ވިސްނައި ފިކުރުކުރެވޭވަރަށްވުރެ، ދިވެހިން މިވަނީ ދުނިޔެ ބޭނުންވެފައެވެ. ރަޖިސްޓަރީކުރެވިފައި އޮންނަ ގަރާޖެއް ދައްކާފައި ރާއްޖެ އެތެރެކުރެވޭ އުޅަނދުތައް މަގުމަތީ ޕާރކްކުރެވިފައި އޮންނަންޖެހޭ ސަބަބުތަކެއް އޮންނާނެއެވެ. އަދި އެކަމުގައި ނުގޮތްގޮތަށް ޢަމަލުކުރާ ދިވެހިންނާއި، މުއައްސަސާތަކުގެ މުއައްޒަފުންގެ އިހުމާލުވެސް އޮންނާނެއެވެ. މިކަންކަން ރަނގަޅުކުރެވޭވަރަށްވުރެ ޙާލަތު މިއޮތީ ގޯސްވެފައެވެ. އެއްކަމެއް ދެކަމެއްނޫނެވެ. އެއްކަމެއް އަނެއްކަމަކާ ގުޅިލާމެހިފައެވެ. މަގުމަތީގެ ޙާލަތުވެސް މިއޮތީ މިކަހަލަގޮތެއްވެފައެވެ. ރަނގަޅުކުރަން އުޅޭމީހަކު ގޯސްވާވަރަށް، ގޯހުން ގޯހަށް ގޮއްސައެވެ.

މަގުމަތީގެ އަދަބާއި އަޚުލާޤުގެ ވާހަކަ ދައްކަންވެފައޮތީ، ހަމައެކަނި ރާއްޖޭގައި އެކަންޏެއްނޫނެވެ. ދުނިޔޭގެ ހުރިހައި ޤައުމެއްގައިވެސް އެވާހަކަ އޮތީ ދައްކަންޖެހޭ ހިސާބުގައެވެ. އެކި ޤައުމުގައި އެކިވަރަށެވެ. ޓްރެފިކް ޤަވާޢިދު ރަނގަޅަށް އިންތިޒާމްކުރެވޭ ޤައުމުތަކާއި އެކަމަށް ހުރަސްތަކެއްކުރިމަތިވެފައި އޮންނަ ޤައުމުތަކެވެ. މަގުމަތީގެ އަދަބާއި އަޚުލާޤާ އަދި ޓްރެފިކް ޤަވާޢިދު ފާލުން ނައްޓާފައި ގިނައިން އޮންނަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކާއި ފަޤީރު ޤައުމުތަކުގައެވެ. މަގުމަތީގެ ޤަވާޢިދާއި އަޚުލާޤަކީ، ތިމާވެއްޓާވެސް ގުޅިފައި އޮންނަ ކަމެކެވެ. ދުއްވާތަކެތީގެ ދުމާއި ބަރުގޮނުގެ އަޑަކީވެސް އިންސާނުންނަށް ގެއްލުންތަކެއް ކުރިމަތިވާ ކަމެކެވެ. އިންޑިއާގެ ހުރިހައި ހިސާބެއްގައިވެސް، ފިނި ސަރަޙައްދުތައް ފިޔަވައި، މަގުމަތީގައި ދުމާއި ހިރަފުސް އަދި ބަރުގޮނުގެ އަޑު އިވޭނެއެވެ. ފިނި ސަރަޙައްދުގައި ހިރަފުހެއް ނާރައެވެ. އެހެންނަމަވެސް ހޫނު ސަރަޙައްދުގައި ގަސްތަކުގެ ފަތުގެ ފެހިކަން އަޅިކުލަޔަށް ބަދަލުވާވަރަށް ހިރަފުސް އަރައެވެ. ފަތްތަކުން ހިރަފުސް ފިލާނީ ބޯކޮށް ވާރޭވެހެން ފެށުމުންނެވެ. ބޯކޮށް ވާރޭވެހެން ފަށައިފިނަމަ އެއީވެސް އިތުރު ތަކުލީފެކެވެ. މަގުމަތީ ފެންބޮޑުވާނެއެވެ. ކުދި ވިލެޖްތަކުގައި ދިރިއުޅުން ނުރައްކަލަކަށް ބަދަލުވާނެއެވެ.

އިންޑިއާގެ ދިއްލީގެ ސަންގަމްވިހާރު ސަރަޙައްދު   އަދި އެހެން ހިސާބެއްގައި ފެންބޮޑުވެފައި

ތިމާވެށީގެ މައްސަލަތަކަކީވެސް މަގުމަތީގެ އަޚުލާޤާއި އަދަބުތަކާގުޅިފައި އޮންނަ ކަމެކެވެ. ދުއްވާ އުޅަނދުފަހަރުން މަޖަލަކަށްނަމަވެސް، ރޭސްޖަހާފައި މަގުމައްޗަށް ދުންއެރުވުމާއި ބާ އުޅަނދުފަހަރަށް ސަލާމަތީ ސެޓްފިކްޓްހައްދާއިރު ވަގު ސެޓްފިކެޓް ހެއްދުމަކީވެސް ޢާންމު ކަމެކެވެ. މަގުމަތިން ހަށިގަނޑަށް ވާޞިލުވާ ދުމަކީ، ޞިއްޙަތު ސަލާމަތުން ހުންނަ މީހަކުވެސ ބަލިކޮށްލާނެ އެއްޗެކެވެ. ދުއްވާތަކެތިން އަރާ ވިހަދުންތަކުން ނޭނގޭ އެތައްބަލިތަކެއް އިންސާނާއަށް ޖެހޭނެއެވެ. ބޭންގކޮކްގެ މަގެއްގެ މަތީ 1 ގަޑިއިރު މަޑުކޮށްލައިފިނަމަ، 60 އަހަރުދުވަހު ސިނގިރޭޓްބޯ މީހެއްގެ ހަށިގަނޑަށް ކުރާނެ ނޭދެވޭ އަސަރު ފޯރާނެކަމަށް ބެލެވެއެވެ.

ދުނިޔޭގެ ހިސާބުތަކަށްބަލާއިރު، މަގުމަތީގެ އެކްސިޑެންޓްތަކުގައި، އަހަރެއްގެ މައްޗަށް 1.25 މިލިއަން މީހުން މަރުވެއެވެ. ދުވާލަކު 3،400 މީހުން މަރުވެއެވެ. ޖިންސުގެ ނިސްބަތުން، އޭގެތެރެއިން ކޮންމެ ތިން ފިރިހެނަކަށް އަންހެނެކެވެ. ދުނިޔޭގައި ދުއްވާ އުޅަނދުފަހަރުގެ ދެބައިކޮށްފަ އެއްބައި ހުރީ 3 ވަނަދުނިޔޭގެ ޤައުމުތަކުގައެވެ. މަރުވާމީހުން ދުއްވާ އުޅަނދަށް ބަލާއިރު، ދެބައިކުޅަ އެއްބައިމީހުންނަކީ ސައިކަލްދުއްވާ މީހުންނެވެ. 22 އިންސައްތައަކީ ހިނގާމީހުންނެވެ. އަދި 4 އިންސައްތައަކީ ބައިސްކަލްދުއްވާމީހުންނެވެ.

މިހުރިހައިކަމަކަށް ބަލާއިރު، މަގުމަތީގެ ސަލާމަތާއި ރައްކައުތެރިކަމަކީ، އަޅާއިނުލާ ދޫކޮށްލެވޭވަރަށްވުރެ ބޮޑުކަމެކެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.