ސްޕައިޑަރމޭން އުފެއްދި ސްޓޫޑިއޯ ކަމަށްވާ އިންސޮމްނިއެކް ގޭމްސްއިން މާވެލްގެ މަޝްހޫރު ހީރޯ ވުލްވަރީން ގޭމެއް ޕީއެސް ފައިވް އަށް ނެރޭނެކަން އިއުލާނު ކޮށްފިއެވެ. ސްޕައިޑަރމޭން އަދި ބެޓްމޭންގެ ސްޓޭންޑްއަލޯން ގޭމްތަކަކީ ގޭމް ކުޅުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ގޭމްތަކެކެވެ. މި ގޭމް ތަކުގެ އިތުރަށް މުޅީން ސުޕަރހީރޯއެއްގެ މުޅީން އާ ގޭމެއް ނުކުންނާނޭކަން އެނގުމަކީ ކުޅުންތެރިންނަށް ލިބުޭނޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ވުލްވަރީންއަކީ މާރވެލްގެ ހީރޯއިންގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދިޔަ އަދި އެންމެ ލޯބިވި އެއް ހީރޯއެވެ. ގިނަ ބަޔަކު މިހާރު ހަނދާން ނެތް ނަމަވެސް ވުލްވަރީންގެ ގޭމެއް ކޮންޕިޔުޓަރަށާއި ޕީއެސް ތްރީއަށް ނިކުތެވެ. އެއީ ވުލްވަރީން އޮރިޖިންސް ފިލްމަށް ބިނާކޮށް ހެދި ގޭމެކެވެ. މި ގޭމް ކުޅުނު ގިނަ ކުޅުންތެރިންނަށް ވުލްވަރީންގެ އާގޭމް އައުމަކީ ވަރަށް ބޮޑު ހުވަފެނެއް ހަގީގަތަކަށް ވުން ކަމުގައި ވާނެއެވެ. ނަމަވެސް ވުލްވަރީންގެ އާ ގޭމްގެ ކުރިން އެންމެ އަވަހަށް އަންނާނެ ގޭމްތަކަކަށް ހުރީ ގޯޑް އަފް ވޯރ އަދި ސްޕައިޑަރމޭން 2 އެވެ. ވުލްވަރީންގެ ގޭމް ނުކުންނަ ތާރީޚެއް އަދި ހާމަކޮށްފައެއް ނެތެވެ.
މިގޭމްގެ އިންތިޒާރުގައި ވަރަށްގިނަ ގޭމްކުޅުންތެރިން ތިބޭނީ ތައްޔާރު ވެގެންނެވެ.